މިއަދަކީ މަޖިލިސް މެންބަރުކަން ކުރައްވާތާ މިވީ މުއްދަތުގައި އެންމެ އުފާ ކުރައްވާ އެއް ދުވަސް ކަމަށް ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިިލީހުގައި ބަހުސް ކުރެވުނު އެންޓި ޑިފެކްޝަން ބިލާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ އޭނާ ހުށަހެޅުއްވި ބިލާ މެދު ކަންބޮޑުވުންތަކެއް ހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް މެންބަރުން ވަޑައިގެން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް އެދިވަޑައިގަންނަވާ ކަމަށް ނިހާން ވިދާޅުވިއެވެ.

"ޕާޓީ ބަދަލު ކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހުށަހަޅުއްވާފައިވާ ބިލާމެދު މެންބަރުންގެ ހުރި ކަންބޮޑުވުންތަކަށް ފަރުވާ ހޯދާދޭނެ" ނިހާން ވިދާޅުވިއެވެ.

ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުށަހެޅުއްވި އެންޓީ ޑިފެކްޝަން ބިލަކީ މަޖިލީހަށް މެންބަރަކު އިންތިހާބުވާ ސިޔާސީ ޕާޓީއަކުން ވަކިވެއްޖެ ނަމަ ނުވަތަ ކަނޑާލައިފި ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ބުނާ ބިލެކެވެ.

ނަމަވެސް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުވާ މެމްބަރަކު އޭނާގެ އެ ދައުރުގައި ސިޔާސީ ޕާޓީއަކާ ގުޅިއްޖެ ނަމަ ހިނގަން ފަށާނީ، ބިލްގައި މިހާރު ބުނެފައިވާ ގޮތުގައި، ޕާޓީ ޓިކެޓްގައި އިންތިހާބުވާ މެމްބަރުންނަށް ވެސް ކަނޑައަޅާފައިވާ އުސޫލެވެ. އޭނާ ގުޅޭ ޕާޓީން ވަކިވުން، ވަކިކުރުން ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ ގޮނޑި ގެއްލޭނެ އެވެ.

ޑިފެކްޝަން ބިލަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވަނީ ތާއީދު ކުރައްވާއެވެ. މީގެ ކުރިން ވެސް ބައެެއް ކަންކަމުގައި ސަރުކާރުގެ ފިކުރަށް ތާއީދު ކުރައްވާފައިވާ ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އެއް ޕާޓީއަކުން ހޮވުނު މެމްބަރަކު، އަނެއް ޕާޓީއަކާ ގުޅިވަޑައިގަންނަވަނީ ގޮނޑި ދޫކުރައްވާފައި ކަމަށާއި އަލުން އެ ގޮނޑި ބޭނުން ނަމަ، އެ މެމްބަރަކަށް ޖެހޭނީ އިންތިޚާބުގައި އަލުން ކުރިމަތިލައްވަން ކަމަށް އޭނާ ވިދާޅުވި އެވެ.