ހުޅުމާލޭގައި ސީލައިފް ގްލޯބަލް އިން ހަދާ "ސީ ލައިފް ކޮމްޕްލެކްސް"ގެ އެޕާޓްމަންޓްތަކުގެ މަސައްކަތް ނުނިމި ދިގުލައިގެންދާތީ، އާއި އެ މަޝްރޫއުގެ މަސައްކަތްތައް އެއްވެސް ވަރަކަށް ކުރިއަށްނުދާތީ އެތަނުން އެޕާޓްމެންޓްތައް ގަތް މީހުންގެ ތެރެއިން ފައިސާ އަނބުރާ ލިބިފައި ނުވާ 146 ފަރާތަކުން ފުލުހަށާއި، އެންޓިކޮރަޕްޝަން ކޮމިޝަނަށް މިއަދު މައްސަލަ ހުށަހަޅައިފިއެވެ.

ފައިސާ ނުލިބިފައިވާ ފަރާތްތަކުގެ ފަރާތުން މިމައްސަލައިގައި ހަރަކާތްތެރިވަމުން ދަނީ އޭޖީ އޮފީހުގައި ކުރިން މަސައްކަތް ކުރެއްވި ޤާނޫނީ ވަކީލް މަރިޔަމް ސުނާނާއެވެ. އަދި އިތުރު ތިން ވަކީލަކު އެ ފަރާތްތަކަށް އިންސާފް ހޯދުމަށް ސުނާނާ އާއި އެކު މިވަނީ މަސައްކަތް ފަށާފައެވެ.

އެ މަސައްކަތްތަކާއި ގުޅޭގޮތުން މީޑިއާއަށް މައުލޫމާތުދެއްވަމުން ސުނާނާ ވިދާޅުވީ، އެ ޕްރޮޖެކްޓާއި ގުޅިގެން މަކަރާތް ހީލަތް ހެދުމުގެ ކަންތައްތަކެއް ތުހުމަތު ކުރެވޭތީ އެ ފައިސާ ހޯދުމަށްޓަކައި، އޭނާ ފުލުހަށާއި، ސިވިލް ކޯޓަށް ހުށަހަޅާ މައްސަލާގައި ބައިވެރިވުމަށް އެ ފްލެޓްތަކަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން ރީފަންޑް ނުލިބޭ 146 މީހެއްގެ ނަމުގައި ފުލުހަށާއި، އޭސީސީއަށް މައްސަލަ ހުށަހަޅާފައިވާކަމަށެވެ.

ސީލައިފްގެ ފްލެޓްތަކުގެ މައްސަލައިގައި ވަކާލާތު ކުރައްވާ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ
ސީލައިފްގެ ފްލެޓްތަކުގެ މައްސަލައިގައި ވަކާލާތު ކުރައްވާ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

އެޑްވާންސްކޮށް ބައެއް މީހުންގެ އަތުން މިލިއަނުން ފައިސާ ނަގާފައިވާ އެ މައްސަލާގައި ސުނާނާ އާއި އޭނާގެ ޓީމުން ވަކާލާތު ކޮށްދެނީ ހިލޭއެވެެ. ސުނާނާ ވިދާޅުވީ، އެ މައްސަލަ މިހާރު ފުލުހަށާއި، އޭސީސީއަށް ހުށަހަޅާފައިވާއިރު، އަންނަ އާދީއްތަ ދުވަހު އެ މައްސަލަ ސިވިލް ކޯޓަށްވެސް ހުށަހަޅާނެ ކަމަށެވެ. އަދި އެ މައްސަލާގައި އެ ކުންފުންޏާއި، އެ ކުންފުނީގެ ކުރީގެ ޑިރެކްޓަރުންގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއި އަދި މިހާރު ޑިރެކްޓަރުންގެ ގޮތުގައި މަސައްކަތް ކުރައްވަމުންގެންދަވާ ބޭފުޅުންގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ސުނާނާ ވިދާޅުވިއެވެ.

ސުނާނާ ވިދާޅުވީ، އޭނާގެ ލޯފަމުން ކުރި މަސައްކަތުން، އެ ކުންފުނީގެ ނަމުގައި ހަދާފައިވާ އެއްވެސް އެކައުންޓެއްގައި މީހުންގެ އަތުން ނެގި އެއްވެސް ފައިސާއެއް ނެތްކަން ކަށަވަރުވާ ކަމަށެވެ.

ސުނާނާ ވިދާޅުވީ، ސީލައިފް ކުންފުނިންކޮށްފައި ހުރި އޮޅުވާލުންތަކުގެ މައްސަލަ ބަލައިދިނުމަށް އެދި މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު، އެ މައްސަލައަކީ އެ ބޭފުޅުންނާއި މެދު ޖިނާއީ ދައުވާއެއް ކުރެވެން އޮތް ނަމަ އެކަން ކުރުމަށް އެދި ހުަށަހެޅި މައްސަލައެއްކަމަށެވެ.

ސީލައިފްގެ ފްލެޓްތަކުގެ މައްސަލައިގައި ވަކާލާތު ކުރައްވާ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ
ސީލައިފްގެ ފްލެޓްތަކުގެ މައްސަލައިގައި ވަކާލާތު ކުރައްވާ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

"އަޅުގަނޑުމެން މި މައްސަލާގައި ފުލުހުންގެ އެހީތެރިކަންވެސް ވަރަށް ބޮޑަށް ބޭނުންވާނެ. ފުލުހުން އެ ކަލެކްޓް ކުރާ އިންފޮމޭޝަންއަކީވެސް އަޅުގަނޑުމެންގެ ސިވިލް ކޭސްއަށް ވަރަށް މުހިންމު. އަޅުގަނޑުމެން އުއްމީދު ކުރަން އެ ޑޮކިޔުމެންޓްސްތައް ވެސް އަޅުގަނޑުމެންނަށް ލިބޭނެކަމަށް". ސުނާނާ ވިދާޅުވިއެވެ.

އަދި އޭސީސީއަށް ހުށަހަޅާފައި ވަނީ، އެ މައްސަލާގެ ތެރޭގައި ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަންއާ ސީލައިފްއާ ދެމެދު ކޮރަޕްޝަންގެ މައްސަލައެއް އޮތްތޯ ބަލާ ދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ މައްސަލަ ދިރާސާ ކުރިއިރުގައި ޑައުންޕޭމަންޓްގެ ގޮތުގައި އެބަހުރި 20 ޕަސެންޓް ނަގާފައި. ބައެއް ފަރާތްތަކުން އެބަހުރި އެއް މިލިއަން ރުފިޔާވެސް ދައްކަވާފައި. އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އޮތީ ޑައުންޕޭމަންޓް އެ ފަރާތަށް ހުއްދަ ލިބިގެން ދަނީ އެޗްޑީސީގެ އެގްރީމެންޓްގައި އޮންނާނެ އިންވެސްޓްމެންޓް ވެލިއުގެ 20 ޕަސެންޓް ކޮމްޕްލީޓް ކުރެވުނީމަ ކަމަށް". ސުނާނާ ވިދާޅުވިއެވެ.

ސުނާނާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ
ސުނާނާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

ސުނާނާ ވިދާޅުވީ، އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާގޮތް ފެންނަން އެބަހުރި ކަމަށާއި، އެ ޕްރޮޖެކްޓްގެ 20 ޕަސެންޓް މަސައްކަތް ނުނިމެނީވެސް ބައެއް ފަރާތްތަކުން އަތުން ފައިސާ ނަގާފައިވާކަމަށެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވޭ މި ޕްރޮޖެކްޓްގެ ވެލިއުސްކަމަށް ދައްކާ ބައެއް ޑޮކިޔުމެންޓްސްތަކެއް އެޗްޑީސީއަށް ހުށަހެޅިކަމަށް. އެހެންކަމުގައިވާނަމަ އެޗްޑީސީގެ ވެސް ޒިންމާއެއް އެބޮތް ވެރިފައި ކުރުން. އެ 20 ޕަސެންޓް ކޮމްޕްލީޓްކޮށްފައި ހުރިތޯ ބެލުން" ސުނާނާ ވިދާޅުވިއެވެ.

ސުނާނާ ވިދާޅުވީ، އެމަޝްރޫޢުއަށް ފައިސާތައް ނަގަން ފެށީ އެޗްޑީސީގެ އެގްރީމެންޓެއް މެދުވެރިކޮށް ކަމަށެވެ. އަދި އެޗްޑީސީން މި އޮޅުވާލުން ކުރިއަށްދާއިރު، އެކަމާއި ދޭތެރޭ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށާއި، އެ ފިޔަވަޅު އެޅިނަމަ މިވަރުގެ މައްސަލައެއް ކުރިމަތިނުވާނެ ކަމަށެވެ. އަދި ތާރީހާއި އެއްގޮތަށް އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްނުގެންދާނަމަ އެޗްޑީސީން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެކަންކޮށްފައިވެސް ނުވާކަމަށް ސުނާނާގެ ޓީމުން ފާހަގަކުރެއްވިއެވެ.

"މި ކަންތައްތަކުން އަޅުގަނޑުމެންނަށް ތުހުމަތު ކުރެވިގެން ދަނީ އެޗްޑީސީގެ ޑިރެކްޓަރުންނަށް ސީލައިފް ކުންފުންޏާއި ގުޅުމެއް އޮވެގެން. އެޗްޑީސީގެ ބޭފުޅުންނަށް ކޮންމެވެސް މަންފާއެއް ލިބިގެން މިކަންކަން ކުރިއަށްދާކަމަށް" ސުނާނާ ވިދާޅުވިއެވެ.

ސުނާނާގެ ޓީމުން މިހާރު ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އެޗްޑީސީން އެ މައްސަލައާ ގުޅޭގޮތުން ވާހަކަދެއްކުމަށް އެ ލޯފާމާއި ބައްދަލުކޮށްދިނުމަށް އެދި ސިޓީއެއް ހުށަހަޅާފައެވެ. އަދި ސީލައިފް އިން ވެސް އެ ލޯފާމްއާ ވާހަކަދައްކަވައިގެން އެ މައްސަލަ ހައްލު ކުރެވޭނެ ގޮތެއް ވޭތޯ ބެލުމަށެވެ. އެ މައްސަލާގެ ހިމެނޭ މީހުންވެސް ބޭނުންވަނީ އެގޮތްކަމަށް ސުނާނާ ވިދާޅުވިއެވެ.

ސީލައިފްގެ ފްލެޓްތަކުގެ މައްސަލައިގައި ވަކާލާތު ކުރައްވާ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ
ސީލައިފްގެ ފްލެޓްތަކުގެ މައްސަލައިގައި ވަކާލާތު ކުރައްވާ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

"އަޅުގަނޑުމެން ބޭނުންވަނީ މި މައްސަލަ ސުލްހަވެރިކަމާއެކު އެ ބޭފުޅުންނަށް ލިބިފައިވާ ގެއްލުމާއި، އެ ބޭފުޅުންގެ އަތުން ނެގި ފައިސާ އެބޭފުޅުންނަށް ރައްދުކުރެވޭނެ ގޮތެއް" ސުނާނާގެ ޓީމުން ވިދާޅުވިއެވެ.

އެ ލޯފާމުން ބޭނުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން އެ މައްސަލަ ވާހަކަދައްކައިގެން ހައްލުކުރެވޭނެ ގޮތެއް ވާނަމަ އެ ގޮތަށް މައްސަލަ ހައްލުކޮށްގެން ވިޔަސް، އެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ކަމަށް ސުނާނާ ވިދާޅުވިއެވެ.

ސީ ލައިފް ކޮމްޕްލެކްސް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީއާ އެކު ސޮއިކުރީ މާޗް 13 2014ގައެވެ. ސީލައިފް ގްލޯބަލްއިން ހުޅުމާލޭގައި އިމާރާތްކުރަން ނިންމި 3000 ހައުސިން ޔުނިޓްގެ ބިންގާ އެޅީ 2014 ވަނަ އަހަރުގެ އޭޕްރިލް މަސް ތެރޭގައެވެ. އެ މަޝްރޫއުގެ ބިންގާ އަޅުއްވާ ދެއްވީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއެވެ. ރާއްޖޭގެ ކުންފުންޏަކާއި ދުބާއީގެ ދެ ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ ސީލައިފަށް އެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ 2019 ގައި ނިންމާ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން އެޅުމަށް ނިންމާފައި ވަނީ، 10 ބުރިއާއި 14 ބުރީގެ އިމާރާތްތަކެވެ. އަދި އެ މަޝްރޫއުގެ ދަށުން 1500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތެއްވެސް އެޅުމަށް ނިންމާފައިވެއެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދަން ނިންމި، އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްވެސް ނިމުމަކާއި ގާތްވެސް ނުވެއެވެ. މީގެ ކުރިންވެސް ބައެެއް މީޑިއާތަކަށް މައުލޫމާތުދެމުން އެ ކުންފުނީގެ އެމްޑީ ވަނީ މި އަހަރު ޑިސެންބަރު މަސް ތެރޭގައި އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 300 އެޕާޓްމެންޓްގެ މަސައްކަތް ނިންމާލާނެ ކަމަށް ބުނެފައެވެ. އަދި ފުރަތަމަ ފިޔަވަހީގައި ހިމެނޭފްލެ ފްލެޓްތަކުގެ ތެރެއިން 280 ފްލެޓަަށް މީހުން މީހުން ވަނީ ބުކިން ފީގެ ގޮތުގައި 50000 ރުފިޔާ ދައްކާފައެވެ.

ނަމަވެސް އެ މަސައްކަތް ދިގުލައިގެން ގޮސް، އެ މަޝްރޫއުގެ ދަށުން ހަމައެކަނި ކުރެވުނު މަސައްކަތަކީ ފައުންޑޭޝަންގެ މަސައްކަތެވެ. އެ މަސައްކަތްތައް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

އެ މަސައްކަތް ނުފެށި ދިގުލައިގެން ދާތީ އެތައް ބަޔަކު ޝަކުވާ ކުރަމުން ދިޔައެވެ. އަދި އެތަނުން އެޕާޓްމެންޓް ގަތުމަށް ސީލައިފްއަށް ދައްކަން ޖެހޭ ކަމަށް ބުނާ، ބުކިންގ ފީ ދެއްކި މީހުންގެ ތެރެއިން، އެތައް ބަޔަކު ދިޔައީ، އެ ފައިސާތައް އަނބުރާ ހޯދުމަށް އެ ކުންފުނި ކައިރިން އާދޭސް ކުރަމުންނެވެ. އަދި ބައެއް މީހުން ވަނީ ބުކިންގ ފީގެ އިތުރުން، އިތުރަށްވެސް އެ ކުންފުންޏަށް ފައިސާ ދައްކާފައެވެ. އެގޮތުން ބައެއް މީހުން ވަނީ މިލިއަނުން ފައިސާ ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ސަރުކާރުން ޖެހޭނެ މިކަމަށް ހައްލު ހޯދައިދޭން. ގުޅީފަޅުގެ މައްސަލަވެސް ހައްލުކޮށްދިން. އެގޮތަށް. ހުޅުމާލެއިން ސީލައިފްއަށް ޑިޕޮޒިޓް ދެއްކި މީހުންނަށް ފްލެޓް ދޭންނީ ނޫންތޯ.

  2. މަ

    ސަރުކާރުންނާއި އެޗްޑީސީ އިން މިކަމުގައި ޒިންމާ ވާންޖެހޭ