ހަމަހަމަ ކަމުގެ ތިލަފަތުން އިންސާފު ލިބޭނެ ދުވަހެއް ދިވެހިން ބޭނުންވޭ ހެއްޔެވެ؟ ހަމަހަމަ ކަމަކީ ކޮބައި ހެއްޔެވެ؟ އިންސާފުވެރި ގޮތަކީ ހަމައެކަނި ތިމާ ބޭނުންވާ ސިޔާސީ ފިކުރެއް ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރާ ސިޔާސީ ލީޑަރަކު ބޭނުންވާ ގޮތް ކަމަށް މިއޮތީ ވެފައެވެ. އެސިޔާސީ ލީޑަރު ވިދާޅުވާ ގޮތެއް، އެސިޔާސީ ލީޑަރަކު ގަބޫލު ކުރާ ސިޔާސީ ފަލްސަފާއެއް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް އެބަ ގަބޫލު ކުރެވެއެވެ.

މީގެ މަހެއްހާ ދުވަހުގެ ފަހަތަށް ވިސްނުން ގެންދާއިރު ފެނުނު މަންޒަރާއި އޭރު ސިޔާސީ ލީޑަރުން ދެއްކި ވާހަކަ ހަނދާނަށް ގެންނަން ހިނގާށެވެ. އިލެކްޝަންސް ކޮމިޝަން އޮތީ ސަރުކާރުގެ ނުފޫޒުގެ ދަށުގައި ކަމަށް ވިދާޅުވީ އެސިޔާސީ ލީޑަރުންނެވެ. ޝަރުޢީ ދާއިރާ އަށް ނުފޫޒު ފޯރުވަނީ ސަރުކާރާއި ރައީސް ޔާމީން ކަމަށް ވިދާޅުވީ އެސިޔާސީ ލީޑަރުންނެވެ. އެންޓިކޮރަޕްޝަން ކޮމިޝަން "ދަތް ނެތް ސިންގާއަކަށް" ހަދާލާފައި އޮތީ ސަރުކާރުން ކަމަށް ވިދާޅުވީ ވެސް ހަމަ އެސިޔާސީ ލީޑަރުންނެވެ.

ނަމަވެސް މިއަދު ހުރިހާ ކަމެއް ބަދަލުވެއްޖެއެވެ. ހުރިހާ މުއައްސަސާއެއްގައި ތިބި ވެރިންނަކީ މިއަދު ހުދު ކާފޫރަށް ވެއްޖެއެވެ. އެބޭފުޅުން ކުރެއްވި އެއްވެސް ކުށެއް މިއަދު ނެތެވެ. އެހުރިހާ ބޭފުޅުން މިނިވަންވެ، އިންސާފާއި ހަމަހަމަކަން މިއަދު ލިބެން ފަށައިފިއެވެ.

ޤާނޫނު އަސާސީގެ 42 ވަަނަ މާއްދާގެ (ށ) ގައި ބުނެފައި އޮންނަނީ ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގާންވާނީ ޢަދުލުވެރި ކަމާއެކު، ވަކި ފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައެވެ. ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) ގައި ބުނެފައި އޮންނަނީ އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒުފޯރުވައި ހަދައި ގެނެއް ނުވާނެއެވެ.

ނަމަވެސް ރާއްޖޭގެ ފަނޑިޔާރުގެތަކުގެ ހާލަތު އެންމެނަށް ވެސް އެނގެއެވެ. އެހާލަތު ބަލަން މާދުރު މާޒީއެއްގައި ކަންތައް ވެފައިވާ ގޮތައް ބަލާނެ ކަމެއް ނެތެވެ. ފެބްރުއަރީ މަހުގެ 01 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އާދަޔާއި ހިލާފު އަމުރަކީ ހަމަ ކުއްލިއަކަށް ފަނޑިޔާރުންނަށް ވިސްނި ވަޑައިގެންނެވި ގޮތަކަށް، އެއްވެސް ނުފޫޒެއް، އެއްވެސް ބާރެއް، އެއްވެސް ބިރުދެއްކުމެއް، އެއްވެސް ހަދިޔާއެއް، އެއްވެސް މަންފާއެއް ނުލިބި ކުއްލިއަކަށް ވިސްނުމަށް އައި ބަދަލެއްގެ ސަބަބުން ނިންމި ނިންމުމެއް ކަމަށް ބުއްދީގެ ހަމަތަކުން ބަލާނެ ޖާގައެއް ނެތެވެ.

މިފަދަ ކިތަންމެ ޙުކުމެކެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބު ބާތިލް ކުރަން ނިންމި ނިންމުމާއި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބު ބާތިލް ނުކުރަން ނިންމި ނިންމުން ދިރާސާ ކޮށްލައިފިނަމަ ފެންނާނެ ލައްކަ މަންޒަރު ހުންނާނެއެވެ.

ކާނަލް ނާޒިމްގެ މައްސަލަ ފަދަ އެތައް މައްސަލައެއްގެ ޝަރީޢަތާއި މެދު އެތައް ބަޔަކު ސުވާލު އުފައްދައެވެ. އެމައްސަލަތައް އެގޮތައް ނިމިގެން ދިޔައީ ކީއްވެތޯ އަމިއްލަ ނަފްސާއި ސުވާލު ކުރާ ކިތަންމެ ރައްޔިތުންނެއް އެބަތިއްބެވެ.

ނަމަވެސް މިއަދު މިހުރިހާ ކަމެއް ބައެއް ބޭފުޅުން ހަނދާން ނެތިއްޖެއެވެ. އަލީ ހަމީދާއި އަބްދުﷲ ސައީދުގެ އޯޑަރަށް ބައެއް މައްސަލަތައް ނިންމާފައި ވާނެ ކަމަށް އަމިއްލަފުޅަށް އިއުއިތިރާފްވި ފަނޑިޔާރުންގެ އެއްވެސް މައްސަލައެއް މިއަދަކު ނެތެވެ. މިއަދު މިފެންނަނީ "އިންސާފުގެ މަގަށް މުޅި ރާއްޖެ އެނބުރެމުން" އަންނަ މަންޒަރެވެ.

އިލެކްޝަންސް ކޮމިޝަނަކީ ވަކިފަރާތަކަށް ބުރަނުވާ، މުސްތަޤިއްލު މުއައްސަސާއެއް ކަމަށް ޤާނޫނު އަސާސީގެ 167 ވަނަ މާއްދާގެ (ށ) ގައި ބުނެފައި އެބައޮތެވެ. އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވެރިކަންކުރާ ޕީޕީއެމް އާއި ދޭތެރޭ ކަންތައް ކުރި ގޮތާއި މިހާރު ޕީޕީއެމް އާއި ދޭތެރޭ ކަންތައް ކުރާ ގޮތް ބައްލަވާށެވެ. ކުރިން ހުދުކޮށް ފެނުނު ކޮންމެ މަންޒަރެއް މިހާރު ކަޅަށް ބަދަލުވެ، ކުރިން ކަޅު ކުލައިން ފެނުނު ކޮންމެ މަންޒަރެއް މިހާރު ހުދުކުލައިން އިލެކްޝަންސް ކޮމިޝަނަށް ފެނުމަކީ އިންސާފާއި ހަމަހަމަކަން ކަމަށް ބަޔަކު ގަބޫލު ކުރި ނަމަވެސް ހަޤީޤަތަކީ އެއީއެއް ނޫނެވެ.

ޖަޒްބާތުގައި ޖެހިވަޑައިގެން އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ޓްވީޓްތައް ކުރައްވާ، ނޫސްވެރިންގެ ބައްދަލުވުންތަކުގައި ސިޔާސީ ފަރާތްތަކަށް ސިޔާސީ ރައްދުދެއްވާ، ކުރިން ނިންމަވާފައި ހުރި ކަންކަން އެކޮޅުކޮޅުން ޖައްސަވާ، ވެފައި ހުރިކަންކަން ނުވާކަންކަމަށް، ކޮށްފައި ހުރިކަންކަން ނުކުރާ ކަންކަމަށް ބަދަލު ކުރުން އެއީ ކޮންމެ ކޮޅަކަށް ނިންމި ނިންމުމެއް ކަމަށް ވީނަމަވެސް އިންސާފާއި، ހަމަހަމަކާއި، މުސްތަގިއްލު ކަމާއި އެކު ނިންމި ނިންމުމަކަށް ނުވާނެއެވެ.

ޤާނޫނު އަސާސީގެ 199 ވަނަ މާއްދާގެ (ށ) ގައި ބުނެފައި އޮންނަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ ވަކިފަރާތަކަށް ބުރަނުވާ، މުސްތަޤިއްލު މުއައްސަސާއެކެވެ. އަދި އެކޮމިޝަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރާންވާނީ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާގޮތުގެ މަތީންނެވެ. ދައުލަތުގެ އެންމެހައި ދާއިރާތަކުން ކޮރަޕްޝަން ނައްތައިލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޖެހިލުންވުމެއްނެތި މަސައްކަތް ކުރާންވާނެއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންނަށް މިމާއްދާގެ އާރައިބާރު ކުރިން ވެސް އެނގިވަޑައިގަންނަވާނެއެވެ. ނަމަވެސް އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ ކޮރަޕްޝަން ހުއްޓުވުމުގެ ބަދަލުގައި ކޮރަޕްޝަން ދިރުވައި އާލާ ކުރަން މަސައްކަތް ކުރާ މުއައްސަސާއަކަށް ވުމުން ދެން ކަންތައް ވެގެންދާނެ ހުރިހާ ގޮތެއް މިވަނީ ވެގެން ގޮސްފައެވެ.

މިއަދު ތިމަންނަމެންނަށް ކުރިން ޤާނޫނީ އިމުގެ ތެރެއިން މަސައްކަތް ނުކުރެވުނީ ބިރުވެރިކަމެއްގެ ތެރޭގައި ތިބެން ޖެހުމުން ކަމަށް ބުނުމަކީ ހުއްޖަތެއް ނޫނެވެ. އެއީ ގަބޫލު ކުރެވޭނެ ވާހަކައެއް ވެސް ނޫނެވެ. އަދި އެއީ ޤާނޫނީ ވާޖިބު އަދާކުރުމުގައި އިހްމާލު ވުމަށް ދެއްކެން އޮތް ބަހަނާއެއް ވެސް ނޫނެވެ.

ހަޤީޤަތަކީ ޝަރުޢީ ދާއިރާ އާއި މިނިވަން މުއައްސާސާތައް ހަމައިސްކޮޅަށް ތެދުވެ، މިނިވަންކަމާއި އެކު މަސައްކަތް ކުރަން ފުރުސަތު ދޭން ބޭނުންވާ އެއްވެސް ސިޔާސީ ލީޑަރެއް، އެއްވެސް ސިޔާސީ ޕާޓީއެއް ނެތެވެ. ހުރިހާ އެންމެން ވެސް ބޭނުން ވަނީ އެބައެއްގެ ނުފޫޒުގެ ދަށުގައި މަސައްކަތް ކުރާ މީހުން ތަންތަނުގެ ވެރިންގެ ގޮތުގައި ބައިތިއްބާށެވެ.

އާސަރުކަރަށް ބައިއަތު ހިފުމުން ކުރިން ކޮށްފައި ހުރި ހުރިހާ ކުށަކުން މިވެރިން ސަލާމަތްވެ، ހުދު ކާފުރަށް ވެގެން ދިއުމަކީ އިންސާފާއި ހަމަހަމަކަން ކަމަށް ބަޔަކު ގަބޫލު ކުރާނެއެވެ. މިއަދު ޝަރުޢީ ދާއިރާގައި ވެސް އަދި މިނިވަން މުއައްސަސާތަކުގައި ވެސް އެއްވެސް މައްސަލައެއް ނެތް ކަމަށް ބަޔަކު ގަބޫލު ކުރާނެއެވެ. އެގަބޫލުކުރުން އޮތީ އެހެންކަމަށް ވީނަމަވެސް ހަޤީޤަތެއް ނުފޮރުވޭނެއެވެ.

މިފެންނަނީ އިންސާފުގެ މަގަށް ކަންކަން ބަދަލުވާ މަންޒަރެއް ނޫނެވެ. މިފެންނަނީ ކޮރަޕްޓް، ނުފޫޒުގެ ދަށުގައި މަގާމު އަދާކުރަން ބޭނުންވާ އަމިއްލަ އެދުމުން ފޯވެފައި ތިބި ބަޔަކު އެމީހުން ތިބި ކޮޅު ބަދަލުކޮށްލާ ވަޒީފާ ހިމާޔަތްކުރާ މަންޒަރެވެ. މަގާމުގެ ބޭނުންކޮށް އިތުރު ފައިސާ އާއި އިތުރު ނާޖާއިޒް މަންފާ ހޯދާމަންޒަރާއި ހޯދަން ތައްޔާރުވާ މަންޒަރެވެ.

އިންސާފާއި ހަމަހަމަކަން ހޯދަން ކުރަން ޖެހޭ ދަތުރު ވަރަށް ދިގެވެ. އެދަތުރު ނިންމާ މަންޒިލަށް ވާސިލް ވުމަކީ މިހާރު ރާއްޖޭގައި މިތިބަ ސިޔާސީ ލީޑަރުން ސިޔާސީ މަސްރަހުގައި ބަސް ކިޔަން ތިއްބާ ވާނެ ކަމެއް ނޫނެވެ. ސަބަބަކީ އެފުރުސަތު ސިޔާސީ ލީޑަރުން ނުދެއްވާނެތީއެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

  1. މުޙައްމަދު ޙަމީދު

    ޔޯލަ ވާހަކަ ލިޔެގެން ނޫސްވެރިކަން ޚަރާބު ނުކުރައްވާ! ރަނގަޅަށް ވަކިކޮޅަކަށް ނުޖެހި ޙުކުމެއް އައުމަކީ ހުދުކާފޫރުކޮޅަކަށް ވާކަމެއް ނޫން. އެހެނެއް މީހަކު ނުވެސް ކިޔާ! ކޯލިޝަން ޕާޓީތަކުން ކިޔާ އެއްޗެއްވެސް ހިމަނަން ޖެހޭ. މިއަދުވެސް އެތަންތަން ރަނގަޅެކޭ ނުކިޔާ. ކުރިން ހެދި ގޯސްތަކުގެ މަތިން ހަނދާނެއްވެސް ނުނެތޭ. އެއްވެސް އިލްމެއް ހުނަރެއް ޕޮލިޓިކަލް ސައިންސް ގެ މައުލޫމާތެއް، ޤާނޫނެއް ނޭނގޭ ޤާބިލްކަމެއްވެސް ނެތް ނޫސްވެރިންގެ ނޫސް.

    • ބޭބެ

      މީގަ ކޮބާ ޔޯލަ ވާހަކަ؟ ފުރަތަމަ ގާނޫނުގައި އޮތް ގޮތް!! ޤާނޫނު އަސާސީގެ 42 ވަަނަ މާއްދާގެ (ށ) ގައި ބުނެފައި އޮންނަނީ ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގާންވާނީ ޢަދުލުވެރި ކަމާއެކު، ވަކި ފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައެވެ. ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) ގައި ބުނެފައި އޮންނަނީ އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒުފޯރުވައި ހަދައި ގެނެއް ނުވާނެއެވެ.
      ދެން އޮތް ޙަގީގަތް!! ފަނޑިޔާރުގެތަކުގެ ހާލަތު އެންމެނަށް ވެސް އެނގެއެވެ!!އެހާލަތު ބަލަން މާދުރު މާޒީއެއްގައި ކަންތައް ވެފައިވާ ގޮތައް ބަލާނެ ކަމެއް ނެތެވެ.!! ފެބްރުއަރީ މަހުގެ 01 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އާދަޔާއި ހިލާފު އަމުރަކީ ހަމަ ކުއްލިއަކަށް ފަނޑިޔާރުންނަށް ވިސްނި ވަޑައިގެންނެވި ގޮތަކަށް، އެއްވެސް ނުފޫޒެއް، އެއްވެސް ބާރެއް، އެއްވެސް ބިރުދެއްކުމެއް، އެއްވެސް ހަދިޔާއެއް، އެއްވެސް މަންފާއެއް ނުލިބި ކުއްލިއަކަށް ވިސްނުމަށް އައި ބަދަލެއްގެ ސަބަބުން ނިންމި ނިންމުމެއް ކަމަށް ބުއްދީގެ ހަމަތަކުން ބަލާނެ ޖާގައެއް ނެތެވެ!! ވިސްނާ ފިކުރުކުރާ ބަޔަކަށް ކަންތައްތައް އެނގޭނެ!! ވަލްޙަމްދުލިއްލާހި!! ވަރަށްބޮޑަށް ޝުކުރިއްޔާ!!

    • ހުސޭނުބޭ

      ތިހުރީ ނިދާފައިހެއްޔެވެ. ޤާނޫނު އަސާސީގައިވެސް އެހުރީ ޔޯލަ ވާހަކަހެއްޔެވެ. ނުވަތަ ކަލޭމެން ފަދައިން ދޮޅުރޯނާވެފައި ތިބޭ މީހުން އެއީ ޔޯލަ ވާހަކަކަމަށް ހަދަނީހެއްޔެވެ.

    • ށަމިލްޤަ76

      ތިބޭފުޅާ ހިތްޕުޅާނުވީމަ ނޫސްވެރިޔާވެސް ނޫސްވެސް ގޯސްވޭ ވާނުވާނޭގެންޏާ އަނގަމަޑުން ލައިގެން ހުރޭ

  2. ޙާސަރު

    ވަރައް ރަނގަޅު ވާހަކައެއް
    ޚާއްސަކޮށް ގާސިމާ... މައުމޫނު

    • ބޭބެ

      2013 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބު ބާތިލް ކުރަން ނިންމި ނިންމުމާއި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބު ބާތިލް ނުކުރަން ނިންމި ނިންމުން ދިރާސާ ކޮށްލައިފިނަމަ ފެންނާނެ ލައްކަ މަންޒަރު ހުންނާނެއެވެ. ޢަދުލު އިންސާފަކީ ކޮންކަލަހަލައެއްޗެއް؟ މިއީ ޙާލަތުބަދަލުވާއިރަށް އަންނަ ޙުކުމްތައްވެސް ބަދަލުވާ ޒަމާން!! އެކަމަކު ހުރިހާ އިރެއްގައިވެސް ކޯޓުތަކުން ކުރާ ޙުކުމް ވާންޖެހޭނީ ޢަދުލުވެރި އިންސާފުވެރި ޙުކުމްތަކަށް!! 2023 ވަނަ އަހަރު ނޮވެމްބަރާއި ހަމަޔަށް ކޯޅޭޝަން ސަރުކާރު ދެމިއޮވެއްޖެނަމަ އޭރުގެ ސިޔާސީ މަސްރަޙު އޮންނަގޮތަށް ޙުކުމްތައް އަންނާނެ!! މިއީ ނޫންތޯ މިފެންނަ މަންޒަރު ތަކަކީ!! އެކަމަކު އެއްވެސް ނުފޫޒެއްނެތޭ މިކިޔަނީ ވަރަށް މިނިވަނޭ!! ވަރަށް ސަލާމް!!

  3. ނޫގަލަން

    މިއީ ވަރަށްވެސް ފުރިހަމަ އަދި ޙަޤީޤަތާއި އެއްގޮތަށް ލިޔުއްވާފައިވާ ލިޔުއްވުމެއް ކަމުގައި އަޅުގަނޑު ފާހަގަ ކުރަމެވެ. ސަބަބަކީ މި ލިޔުމުގައި ފާހަގަކުރައްވާފައި މިވާ ކަންކަމަކީ މެންދުރުގެ އިރު ފަދައިން ސާފުކޮށް އެންމެންނަށްވެސް ފެންނަން ހުރި ކަންކަމަށް ވާތީއެވެ.

  4. ޕަރީ

    ދެން ހަޖަމު ކޮށްލާ ވަގުތު މީހުން... މިފަހަރު މި އޮތީ ޔާމިން ކޮޅު ބަލިފަ އިންޝާﷲ..

  5. ކުރަފަތް

    މި ބަޔާމް ލިޔުއްވި ބޭފުޅާއަށް ހާސްފަށުން ޝުކުރު ދަންނަވަން. ތިޔަ ވިދާޅުވީ ތެދުފުޅެއް. އަދިވެސް މިކަހަލަ ގިނަ ބަޔާންތަކެއް ލިޔުއްވާ. މިކަމާ އެރައްދުވާބޭފުޅުން އިންޒާރުވެސްދޭނެ،ބިރުދައްކާނެވެސް، އަޅާނުލައްވާ ޙައްޤު ބަހައިގެން ކުރިއަށް ވަޑައިގަތުމުގެ ހިތްވަރުދެއްވާށި.

  6. މަހާ

    ވަރަށް ފުރިހަމަ ލިޔުމެއް

  7. ދުންޔާ

    ނުބައިމީހުނަށް އެމީހުންގެ ނުބައިކަން އިތުރުވެގެންދިޔުމަށާ ދެންތބިމީހުން ޢިބްރަތްލިބިގަތުމަށް ފުރުޞަތުތައް ފަހިކޮށްދެއްވަތެވެ. ކަމަކަށްފަހު ކަމެކެވެ. މާތްﷲއީ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާންގެއެވެ. އެކަލާންގެ ކަމަކަށް އިރާދަކުރައްވައިފިނަމަ އެންމެފުރަތަމަ އެކަމަށް ސަބަބުތަކެއް މެދުވެރިކުރައްވައެވެ. ދެން އެކަމަކަށްހުރި ހުރަސްތައް ނައްތާލައްވަތެވެ. އޭގެފަހުގައި އެކަމަކަށް އެކަލާންގެ އަމުރުފުޅު އަތުވެދެއެވެ. ދެންހަމަ އެހިނދުން އެކަމެއް ވެދެއެވެ.

  8. މުހައްމަދު

    ވަރށް ބަރާބަރު ލިއުމެއް.ހަގީގަތާ އެއް ގޮތަށް މިއަދުގެ ކަންތައް ހުރި ގޮތް ރީތިކޮށް ބަޔާން ކޮށްދީފީމު. ކިއްކުރާނީ ދޯ. މިގައުމުގެ ހާލަތު އޮތް ގޮތް. ލިއުންތެރިޔާ އަށް ސާބަސް.

  9. އައިޝާ

    ވަރަށް ރަނގަޅު ޚަބަރެއް ތިލިއުއްވީ ތުވިދާޅުވީ ހަމަ މިއަދުގެ ގައުމުގެ ޙަލަތު

  10. އަލީ

    މިފަސް އަހަރުގެ ތެރޭގައި ކުރެވޭ ހުކުމްތައް މި5 އަހަރުގެ ވެރިންނާ ސަޕޯޓަރުންނައް ކަމުދާނެ.އިދިކޮޅުގަތިބޭ ބަޔަކައް އެހުކުމް ކަމަކުނުދާނެ ކަން ޔަގީން. މީތާރީޚުން އެގޭކަމެއް

  11. ކޮރަޕްޓް

    މިހާރު މިފެންނަނީ އަނިޔާއާއި ކޮރަޕްޝަނާއި ފަސާދައާއި ގޮއްމުށުގެ ބާރާއި ޚުދުމު މުޚްތާރުކަން ފެށިގެން ހިނގަން ފެށި މަންޒަރެވެ. މިހާރު މިއޮތީ ކަނޑުގެ ޙުކުމެވެ. ބޮޑުއެތި ކުޑައެތި ކާލާ އުޞޫލެވެ.

  12. ދޮގެއްތަ މިބުނީ؟

    "....ތިމަންނަމެންނަށް ކުރިން ޤާނޫނީ އިމުގެ ތެރެއިން މަސައްކަތް ނުކުރެވުނީ ބިރުވެރިކަމެއްގެ ތެރޭގައި ތިބެން ޖެހުމުން..." ކަމަށް ބުނާ މީހުން މިއަދުވެސް މާދަމާވެސް އަނެއް ދުވަހުވެސް ބުނަން ޖެހޭނީ މިހެން. އެއީ އަބަދުވެސް އޭރަކު ވެރިކަން ކުރާ ބަޔަކު ރުއްސަން މަަސައްކަތް ކުރާ ބަޔަކަށް ވާތީ. ނަޒާހަތްތެރިކަމެއް އަމުދުން ނެތީމަ.

  13. ބެއްޔަހުއްތު

    ހުދުކާފޫރުތައް ފެނަށްގިރެ ތިމަރަތައް ވިރެންފެށީމާ ސިޔާސީ ލީޑަރުން ދެފައި އެކީނަގަމުން ދުވަންފަށާތަން ވަރަށް އަވަހަށް ފެނިގެންދާނެ

  14. ހ

    ވ. ރަނގަޅު ލިޔުމެއް.

  15. މަރިޔަމް ޔަޝްމީ

    މި އާޓިކަޅް ޅިޔުއްވި ބޭފުޅާ އަށް އައްސަރިބަހާ ސާބަސް ކޮޅުބަދަޅު ނުކުރާ ތެދުވެރި ޖިހާދެއް

  16. ލިން

    ތިކަލޭމެން ވަގުތުން ކިޔާއެއްޗެއް ފަނޑިޔާރުގެ އިސްލާހުކޯށް މިނިވަންކުރުމުގެ މަސައްކަތް ކުރިޔަށް އޮތީ.. ކުނި ސާފުކުރާނެ އެއީ ނަންބަރ 1 ޕުރިއޯރިޓީ..

  17. ގޮޅާ

    ވަގުތަކަސް ނުވަގުތަކަސް ތީހަމަ ހަގީގަތާ އެއްގޮތް ހަބޭސް ބަޔާނެއް. އެކަމު ލާދީނިއްޔަތަށް ސަޕޯޓުކުރާ ގަމާރު ނަންބަރު ވަން ދިވެހި މީހާ އަކަށް ތިބަޔާން ކަމަކުނުދާނެ.

  18. މައިދީ

    މީގެ މަސްދުވަސްކުރިން ބިރުގަންނަނީ މަޤާމް ގެއްލިދާނެތީ..

  19. ސީސީސީސީ

    މި 5 އަހަރުތެރެ ކީއްވެ ތިވާހަކަ ލިޔެނުލީ ؟

  20. ާއިންސާފް

    ވަގުތު މީހަކު ކަނުގައިވިޔަސް އަދި ކޮންމެ މީހަކު ބުނި ކަމުގައި ވިޔަސް ހަގީގަތް ވާނީ ހަގީގަތައް ގައުމު އިނދަޖެހޭތަން ބަލަން ނުތިބެވޭނެ މޑޕ ޕޕމ މީހުން ހީނުކުރައްޗޭ ކަލޭމެން އެކަނި ކަމައް މިފަސްގަނޑުގައި ތިބީ މީ އަހަރެމެންގެވެސް ގައުމު އަހުރެމެންގެ ހަށިގަނޑު ތެރޭގައިވާ ސިންގާ އޮތީ ނިދާފައި ނަމަނަމަ އެސޮރު ހޭނުލައްވާތި

  21. ަނޫރަައްދީނު

    މިއީ ވަރަށް ރަނގަޅު ލިޔުމެއް. މި ލިޔުމަށް ވަރަށްބޮޑަށް ތާއީދުކުރަން. މިއީ ރާއއޖޭގެ އަދުލު އިންސާފުގެ ދާއިރާއާއި، މިނިވަން މުއައްސަސާތަކުގެ ކަންތައް ހުރިގޮތުގެ ޙަޤީޤަތް އަންގައިދޭ ވަރަށް ފުރިހަމަ ލިޔުމެއް.

  22. ޠާ

    ޯ ދިވެހިރާއްޖެ ދެން ދާނީ މިކަހަލަ ގޮތަކަށް ތިއަ ވިދާޅުވާ ނަޒާހަތްތެރި ކަން އިންސާފު އަދުލުވެރިކަން މިހުންނަނީ މީހުނަށް އޮޅުވާލަން ކިއާފާ ހުންނަ ހިއްސެއް ހަރަކާތެއް ނުކުރާ ނން ތަކެއްކަން މިހާރު ސާބިތު ވެއްޖެ މީހުން ބުނެއުޅޭތާ ލާރިނެތްސޭޓު ހުދުމަރޭ މިއީ ވަރަށް ބޮޑު ތެދު ހަގީގަތެއްކަން ސާބިތު ވެއްޖެ

  23. ރަނގަޅު

    ވަރަށްް ބަރާބަރު ލިއުމެއް..

  24. ހުކުމްތަކަށްފަރުވާ

    އިންސާފުގެ ގެ ތައްވަނީ ޖާހިލުކަމުގެ އަދިރީގެ ތެރޭގައި އަޅުވެތިވެފައިކަމަށް ބެލެވެއެވެ. އެހެނީ މެންދުރުގެ އިރު ހަމަ ލޮލަށް ފެންނާ ހުއްޓާ އެ ބުނަނީ އެއީ ހަދެވެ. ވައްﷲ އައުލަމް

  25. ނަލަ

    ވަރަށް ފުރިހަމަ ލިޔުމެއް. ޝުކުރިއްޔާ. މިއީ މިނިވަން ނޫސްވެރިކަމަކީ.

  26. ރަނގަޅު

    ޥަރަށް ރަނގަޅު ލިޔުމެން

  27. އަނާރު

    މިހާރު މިދިވެހި ރާއްޖެއިން ފެންނަމުންމިދާ ކަންތައްތަކައް ވިސްނާ ފިކުރުކުރާއިރު ދޭހަވަނީ ކުރިމަގުގައި ރާއްޖެ ބައްޓަންވެގެންދާނެގޮތް ބޮޑުންފެށިގެން ކުޑަޔައް އެމީހަކަށް ނެގުނުގޮތަކަށް ރިސްވަތުގެ ފައިސާ ނެގުން އާންމުވެގެންދާނެކަން

  28. ކެރެޓް

    ރާއްޖޭގެ އެންމެ ބޮޑު ކޯޓަކީ މާފަންނުވިލާ

  29. ަސދ

    "..ހުރިހާ އެންމެން ވެސް ބޭނުން ވަނީ އެބައެއްގެ ނުފޫޒުގެ ދަށުގައި މަސައްކަތް ކުރާ މީހުން ތަންތަނުގެ ވެރިންގެ ގޮތުގައި ބައިތިއްބާށެވެ"
    މައުމޫނުވެސް، އައްނިވެސް، ޔާމީންވެސް މިހެން

  30. ނީބުމަ

    ތެދު ހަގީގަތެއް. ނަމަވެސް މިދުނިޔެ މިނޫންދުވަހެއް އަލަކުން ނުދެކޭނެ. މިއީ ދުނިޔޭގެ ނިމުން ގާތްވަމުންދާކަމުގެ ފުރިހަމަ މިސާލެއް. އަބަދުވެސް ކިޔާނެ މަށައްލިބުނީ މާމަދުންނޭ އޭނާއަށްމާގިނައޭ. އެއްވެސްމީހަކު އަނެކާއަށް ލިބުމަކަށް ނޭދޭނެ. އަދިއެއްވެސްމީހަކު އަނެކާއަށް ހިތްހެވެއްވެސްނުކުރާނެ. ހަމަފުރަގަސްދޭއިރަށް ކިތަންމެހެވެއްފޯރުކޮށްދިނަސް ޖަހާނީ ހަންޖަރު. ވިސްނާބަޔަކަށް ހަމަހަގީގަތުގަވެސް ތެދު ދޮގުވަކިކުރަންއެނގޭނެ. އެހެނަސް ވަކިފިކުރަށްހުސްވެފަވާނަމަ ހަމަ ވިސްނޭނީ ޕަރީއަށްވިސްނުންފަދައިން.
    ލިޔުންތެރިޔާއަށް ޝުކުރު ހައްގު.

  31. ޝަމްސުއްނިސާ

    ހޭބަލިނުވޭ! ޔާމީން ވޯޓުން ބައްޔެއްނުވޭ! ޔާމީނަށްލިބުނު ވޯޓުން 40000 ވޯޓްވަނީ ވަގަށް ނަގާފަ! ސާފް ހެއްކާ ޤަރީނާ އެހުރީ ފެންނަން! ހެކިވެރިންއެތިބަ މާތްﷲއަށްޓަކައި ހެކިބަސްދެނީ! ތެދު ބަޔާންތައް އެހުރީ ރޯދިމާއަށް ފެންނަން! ސްޕްރީމްކޯޓް ދެލޯކަނަސް ރައްޔިތުންގެލޯ ސާފް! މިއައި ވެރިކަމަކީ ނަހަލާލުވެރިކަމެއްކަން ޔަޤީން! ތީތި އިންޝާއަﷲ ދެމިނޯންނާނެ! މަދު ދުވަސްކޮޅެއްގެތެރޭގައި މުޅިއެތީގައި ރޯގަނެ އަނދާހުލިވާތަން ފެންނާނެ!

  32. އަހައްމާ

    ރަނގަޅު ވާހަކައެއް.. މި ވީ ފަސް އަަހަރު ހަމަ ހަމަ ކަން ނޭގުނީބާ؟؟ މި ވީ ފަސް އަހަރޔ ވަކި ސިޔާސީ ފިކުރެއް އެކަނި އޮތީ.. ދެން އޮތްހާ ފިކުރު އޮތީ ކުޑަ ގޮޅީގަ

  33. ފަޤީރު ކަލޯ!

    ތެދެއް ތިބުނީ! ހުދުކާފޫރަށްވާ ތަންތަނާއި، ގޮތްތަކާއި، ކަންކަން ހުރޭ! މީހުންވެސް ތިބޭ! އެގޮތުން އިހަކަށް ދުވަހު ވެރިކަމުގައިހުރި އަންނިއޭ ކިޔާމީހަކުވެސް މިހާރު އެއުޅެނީ ހުދުކާފޫރަށް ވެގެނެވެ. ސްމޯޓޯ މޯޓޯ އޭ ކިޔައިގެން ކުށް ނުކުރާ މީހަކަށް ހަދަންވެގެން ދިޔާނާމެން އެހެރަ ކަށްކާ ބޮނޑިބަތެކޯ! ވެރިކަމުގައި އެންމެ ކުރުމުށްދަތެއްގެ ތެރޭގައި އެންމެ ގިނައިން ކައި އެންމެ ގިނަ ޖަރީމާ ހިންގި މީހަކީ އެއީ!

  34. ާރެކިފުތާ

    ނުބައި ބަޔަކަށް ރަނގަޅުކަމެއްް ފެންނާނީ އަބަދުވެސް ގޯސްކޮށް. ތިޔައީ ނުބައިކަންތައްތައް ރަނގަޅުކަމުގައި ހަދައިގެން އުޅުނުބައިގަނޑު. ބެގް ބޮރޯ ސްޓީލް މީ ބޮޑުވަގުގެ ފަލްސަފާ. ދެން ކައިރީގައިތިބި މީހުން ހައްޓަކު ހެއެއްނެތް އެމީހަކަށް ކެވުނުގޮތަކަށް މުޅި ގައުމު ކައިހުސްއަރުވާލީ.

  35. ޙާމުދުރު

    މިއަދާޖެހެންދެން ތިވާހަކަ ތިޔަގޮތަށް ނުދައްކާހުރެފާ މިއަދު އަވަސްއަރުވާލައިގެން ތިޔައުޅެނީ އާކަމެއް ހާމަކޮށްދޭންބާ. ވޭތުވެދިޔަ 5 އަހަރު ސިޔާސީ އެންމެވެރިއަކުގެ އަމުރަށް ކަންތަށްތަށް މުޅި ޤައުމުގައި ހިންގިއިރު ދެލޯމަރާލައިގެން ތިބިކަން ސާފުވެއްޖެ.

  36. އިންސާފު

    ވވވވ. ރަގަޅު ވާހަކައެއް އިތުރު ކޮށްލާނެ ވާހަކަައެއްވެސް ހަމަ ނެތް ވވވ. ފުރިހަމަ

  37. namaan

    ވވވވ. ރަގަޅު ވާހަކައެއް އިތުރު ކޮށްލާނެ ވާހަކަައެއްވެސް ހަމަ ނެތް ވވވ. ފުރިހަމަ

  38. އަބުޅޮ

    ވަގުތޭމެން ދެން ދޭބަލަ މަހަށް

  39. ކުޑަކަކޫ

    ވަރައް ފުރިހަމަ ލިޔުމެއް ސާބަހޭ ތިކުރާ ހިއްވަރައް

  40. ކިންގފިޝަރ

    ސިޔާސީވީމަ ކުށެއް ނުކުރާނެ. އެހެންބުނާކަހަލަ ގޮތަކަށް މިފެންނަނީ.