ނިރުބަވެތިކަމުގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ލާން ހުކުމް ކުުރުމުން، ބޭސްފަރުވާއަކަށް ރާއްޖޭން ބޭރަށް ވަޑައިގެންނެވި ގޮތަށް އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތުން ސްރީލަންކާއަށް ވަޑައިގެންފިއެވެ.

ނަޝީދު ލަންކާއަށް ވަޑައިގެންފައި ވަނީ އިއްޔެގެ ވަގުތެއްގައިއެވެ. ނަޝީދު އިނގިރޭސީވިލާތުގައި އުޅުއްވިޔަސް ވަރަށްގިނައިން ސްރީލަންކާއަށް ވަޑައިގަންނަވައެވެ.

ނަޝީދު ލަންކާއަށް ވަޑައިގެންނެވީ އަންނަ މަހު އެކެއްގައި އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާ ވަގުތެއްގައެވެ. ނަޝީދު ވަނީ ދާދި ފަހުން ސައުދީ ރަސްގެފާނުގެ ދައުވަތަކަށް ވަރަށް ފަހުން ސައުދީއަށް ވެސް ވަޑައިގެންފައެވެ.

އެމަނިކުފާނު ނޮވެމްބަރ އެކެއްގައި ރާއްޖެއަށް ވަޑައިގެންނެވުމަށްފަހު ނޮވެމްބަރ ތިނެއްގައި އައްޑުއަށް ވަޑައިގަންނަވާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

ނަޝީދު އެނބުރި ރާއްޖެ އެ ވަޑައިގަންނަވަނީ، ތިން އަހަރާއި ނުވަ މަހާއި 10 ދުވަސް ވަންދެން އަމިއްލަ ގައުމުން ބޭރުގައި އަރުއްވާލެވިގެން ހުންނެވުމަށްފަހުއެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތުމާއި ގުޅޭގޮތުން އެމްޑީޕީން ބުނެފައި ވަނީ، ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށެވެ. އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ މަދަނީ، ސިޔާސީ ހައްގުތައް ބޭނުން ކުރުމުގައި އެއްވެސް ހުރަހެއް އެދުވަހު ނޯންނާނެކަމަށް އެ ޕާޓީން ބުނެފައި ވެއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރަން އަމުރު ކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތު 13 އަހަރަށް ޖަލަށް ލާން ހުކުމް 13 މާރިޗް، 2015 ވަނަ ދުވަހުއެވެ. ނަމަވެސް ޖަލުގައި ހުންނަވަނިކޮށް މައިބަދައިގެ އޮޕަރޭޝަނަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދިނުމުން 2016 ޖެނުއަރީގައި ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގަތުމަށްފަހު ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގަ އެވެ. އަދި ދޭތެރެ ދޭތެރެއިން އަވައްޓެރި ސްރީ ލަންކާއަށް ވަޑައިގެން، އެގައުމުގައި ހުންނަވައިގެން ރާއްޖޭގެ އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވައެވެ.