ރައްޔިތުން މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް ބުނާ މައްސަލައިގެ ޝަރީޢަތް މިއަދު ފަށާ، އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ.

ޤާނޫނު އަސާސީގެ 74 ވަނަ މާއްދާގެ ދަށުން ސައުދުﷲ ހިލްމީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މި މައްސަލައިގެ ޝަރީއަތުގައި، ސައުދުﷲ ގެ ދިފާއީ ވަކީލް އިބްރާހީމް ރިފްއަތް ވިދާޅުވީ، 31 އޮކްޓޯބަރ 2017 ވަނަ ދުވަހު ޕީޕީއެމްގެ ދަފްތަރުން ސައުދުﷲ އުނިކޮށް، ރައްޔިތުންގެ މަޖިލީހަށް އެންގުމުން މަޖިލީހުގެ މެންބަރުކަމުން ވަކިކޮށް މަޖިލީހަށް ވަނުމަށް ހުރަސް އަޅާފައިވަނީ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ 13 ވަނަ މާއްދާއާއި، ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 20 ވަނަ ނަންބަރުގެ (ހ) ގެ 2 ވަނަ ނަންބަރާވެސް ޚިލާފަށް ކަމަށެވެ.

ރިފްއަތް ވިދާޅުވީ، ސައުދުﷲ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރުކަމުން ވަކިކޮށްފައިވަނީ 13 ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ 2017 ވަނަ އަހަރުގެ 17 ނަންބަރު ގަޒިއްޔާ އަދި 9 ނަންބަރު ކޯޓު އަމުރާވެސް ޚިލާފަށް ކަމަށެވެ. ސައުދުﷲ ހިލްމީގެ ވަކީލް ރިފްއަތު ވިދާޅުވީ، 10 ޖުލައި 2017 ވަނަ ދުވަހު ޕީޕީއެމް އިން ވަކިވުމަށްއެދި އެ ޕާޓީއަށް ސައުދުﷲ ހިލްމީ ސިޓީ ފޮނުވާފައިވާ ކަމަށެވެ. އަދި އެ ސިޓީ އެ ޕާޓީއަށް ލިބިފައިވާކަމަށް އެ ޕާޓީން ސޮއިކޮށްފައިވާ ކަމަށްވެސް ރިފްއަތް ވިދާޅުވިއެވެ.

ޖުލައި 10 ވަނަ ދުވަހު ޕީޕީއެމް އަށް ސިޓީ ފޮނުވުމުގެ އިތުރުން ޕީޕީއެމް އިން ވަކިކޮށްދިނުމަށް އެދި ޖެހިގެން އައި 2017 ޖުލައި 11 ވަނަ ދުވަހު ސައުދުﷲ ހިލްމީ، އިލެކްޝަންސް ކޮމިޝަނުގައި އެދިފައިވާ ކަމަށް އޭނާވެ ވަކީލް ވިދާޅުވިއެވެ. ރިފްއަތް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ 18 ވަނަ މާއްދާއާ އެއްގޮތަށް ފޯމުން ޕީޕީއެމް އިން ވަކުވުމަށް އެދިފައިވާ ކަމަށެވެ. އެހެންކަމުން ސިޔާސީ ޕާޓީން ވަކިވުމުގެ އިޖުރާއަތުތައް އެދުވަހުގެ ނިޔަލަށް ފުރިހަމަވެފައިވާ ކަމަށްވެސް ރިފްއަތް ވިދާޅުވިއެވެ.

އިތުރަށް ސައުދުﷲ ގެ ވަކީލުން ވިދާޅުވީ، ސްޕްރީމް ކޯޓުގެ 2017 ވަނަ އަހަރުގެ 9 ނަންބަރު އަމުރަށް ބެލުމުންވެސް 17 ނަންބަރު ގަޒިއްޔާގައިވާ ކަންކަން 2017 ޖުލައި 13 ގެ ކުރިން ހިންގާފައިވާ ކަންކަމަށް ތަދްބީރު ނުކުރެވޭނެ ކަމާއި، އެ ހުކުމް މާޒީއަށް ރުޖޫއަ ނުކުރެވޭނެކަން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން ސައުދުﷲ ޕީޕީއެމް އިން ވަކިވެފައިވަނީ 2018 ޖުލައި 13 ވަނަ ދުވަހުގެ ފަހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ބުނުމަކީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް އޭނާގެ ދިފާއީ ވަކީލް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ އެސިސްޓަންޓް ލީގަލް ކައުންސިލް ރިފްއަތް ޢަބްދުﷲ ވިދާޅުވީ، ސައުދުﷲ އެ ވިދާޅުވާ ބީދައިން 2017 ޖުލައި 10 ގައި ޕީޕީއެމްގައި އަދި 11 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުގައި ސައުދުﷲ ހިލްމީ ޕީޕީއެމް އިން ވަކިވުމަށް އެދިފައިވާ ކަމަށެވެ. އަދި އެކަންކަން ސާފު ކުރުމަށް 12 ޖުލައި ގައި އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމް އަށް ސިޓީއެއް ފޮނުވި ކަމަށާއި، ޖަވާބުގައި 13 ވަނަ ދުވަހު ޕީޕީއެމް އިން ސިޓީއަކުން ވިދާޅުވެފައިވަނީ ސައުދުﷲ ގެ ސުލޫކީ މައްސަލައެއް އެ ޕާޓީގެ ސުލޫކީ ކޮމެޓީން ބަލަމުންދާތީ އެ މައްސަލަ ބަލާ ނިންމުމަށްފަހު ވަކި ގޮތެއް އަންގަވާނެ ކަމަށް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވަކީލުން ވިދާޅުވީ، ޕީޕީއެމް އިން ބެލި ސުލޫކީ މައްސަލަ ބަލާ ނިންމުމަށްފަހު ސައުދުﷲ ޕީޕީއެމް އިން ވަކި ކުރުމަށް ނިންމިކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވަނީ 31 އޮކްޓޯބަރ 2017 ވަނަ ދުވަހު ކަމަށެވެ.

މި މައްސަލައިގައި ފަހުބަސް ބުނުމަށް ދެއްވި ފުރުޞަތުގައި ސައުދުﷲ ގެ ވަކީލް އިބްރާހީމް ރިފްއަތް ވިދާޅުވީ، ޤާނޫނީ ނަޒަރަކުން ބަލާއިރު، ޕީޕީއެމްގެ އަސާސީ ގަވާއިދަށް އެ ޕާޓީން އަދި އިލެކްޝަންސް ކޮމިޝަނުންވެސް އަމަލުކުރައްވަން ޖެހޭނެ ކަމަށާއި، އެ ގަވާއިދަށް އަމަލު ނުކުރާނަމަ އަސާސީ ގަވާއިދުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ޕާޓީއެއްގެ މެންބަރަކު އަލުން ޕާޓީއަށް ނުގުޅޭހާ ހިނދަކު ދެފަހަރު ޕާޓީން ވަކި ނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަރީއަތުގެ މަޖިލީހުގައި ސައުދުﷲ ހިލްމީ ވިދާޅުވީ، ޕީޕީއެމް އިން ވަކިވާން އެދި ސިޓީ ލާފައިވަނިކޮށް ޕީޕީއެމް އަށް އޭނާގެ ސުލޫކީ މައްސަލައެއް ނުބެލޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ސުލޫކީ މައްސަލައެއް ބަލައި އެންމެ ބޮޑު ފިޔަވަޅަކަށްވެސް އެޅޭނެ ދިޔަވަޅަކީ ޕާޓީން ވަކިކުރުން ކަމަށެވެ. އެހެންކަމުން އަމިއްލައަށް ޕާޓީން ވަކިވާން އެފިފައިވާ ހާލަތެއްގައި ސުލޫކީ މައްސަލަ ބެލޭނެ ހަމައެއް ނެތް ކަމަށެވެ.

އިތުރަށް ސައުދުﷲ ވިދާޅުވީ، އެމަނިކުފާނަކީ މެންބަރުކަމުގެ އިތުރުން އިޖުތިމާއީ އަދި ދީނީ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް ކަމަށާއި، އިލެކްޝަންސް ކޮމިޝަނުން އަމަލުކުރެއްވި ގޮތުން މުޖުތަމައުގައި އޭނާއާމެދު ދެކޭގޮތް ބަދަލުވެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން ވީ އެންމެ އަވަސް ފުރުޞަތެއްގައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން އިންސާފުވެރި، ނިހާއީ ހުކުމެއް އިއްވައިދެއްވުން އެދިވަޑައިގަންނަވާ ކަމަށް ސައުދުﷲ ވިދާޅުވިއެވެ.

ޝަރީއަތުގެ އަޑުއެހުން ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވީ، މި މައްސަލައިގައި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށާއި، މައްސަލަ ނިންމުމަށްޓަކައި ބާއްވާ އަޑުއެހުން ވަރަށް އަވަސް ފުރުޞަތެއްގައި ބާއްވަވާނެ ކަމަށެވެ. އުއްތަމަ ފަނޑިޔާރުގެ އިތުރުން މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޢަބްދުﷲ އަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުﷲ ދީދީ އަދި ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލެޓްއިޓްބީ

    އިބޫ ވެސް އަދި ގާސިމް އިބްރާހިމް ވެސް އަދި ރައީސް މައުމޫނު ވެސް ދަނެގަންނަން ޖެހޭނެ ހަގީގަތަކީ މިހާރު އެމްޕީންގެ ގޮނޑި ގެއްލިގެން އުޅޭ 12 މެމްބަރުންގެ ގޮނޑި ގެއްލިގެން އުޅެނީ އެއީ އެމެން ހޮވި ރައްޔިތުންނަށް އެމެން ތެދުވެރި ކަމާއި ވަފާތެރި ކަމާއި އެކު ޚިދްމަތް ކުރާތީ ނޫން ކަމާއި އެއީ އެމެން ދަ ބަތާހަރާމީ ދަ ހަރާްމްކޯރު އުސޫލުން ޕީޕީއެމް އަށް ޚިޔާނާތް ތެރިވެފައިވާތީ ކަމަށް ރަނގަޅު ގޮތަކީ ލެޓްއިޓް ބީ އޮން ދެޓް ވޭ ރާދަރ ދޭން ރިކަވަރިންގް އިޓް...

  2. ކީއްވެތޭ

    ގާސިމް އިބްރާހިމް އަދި ރައީސް މައުމޫނު އަދި ރައީސް އިބޫ ބުނެދޭންވީ މަމެންނަށް މިހާރު ގޮނޑި ގެއްލިފައިވާ 12 މެމްބަރުންގެ ގޮނޑި ތަމެން އެންމެ މަތީ ހުކުމޭ މެންނަށް ލޮބީ ކޮށްގެން އެގޮނޑި ތައް ރިކަވަރ ކުރުމުގެ ބޭނުން ފުރަތަމަ ކަމަކީ ތިޔާއީ އިބޫގެ ވެރިކަމުގައި ދައުލަތުގެ ބަޖެޓަށް ވަރަށް ބޮޑު ގެއްލުެމެއް ވާނެ ކަމެކޭ އެމެން ނުކުރާ މަސައްކަތަކަށް އެމެންނަށް ބޮޑު އަދަދެއްގެ ފައިސާ ދިނުން ދެން ކޮބާތޭ ތިޔާ ރިކަވަރީގެ ބޭނުމަކީ ދެން އޮތީ 3 މަސް ދުވަސް ނޫންތޭ

  3. ދަވޭ

    އުއްތަމަ ފަނޑިޔާރުގެ ވަރުގަދަ ސުވާލުތަކެއް އީސީގެ ވަކީލުންނަށް އަމާޒު ކުރީ އެއީ ދެއްކުންތެރި ކަމުގެ ގޮތުން ކުރި ކަމެއް ކަަމަށޭ މަމެން މިދެކެނީ އެ ކުރި ސުވާލު ތަކުގައި ޚުދު މުޚުތާރު ކަންޓްރީ ސައިޑް އުސޫލު ތައް ވެސް އެބަހިމެނެއޭ ފުރަތަމަ ކަމަކީ ސްޕްރީމް ކޯޓުން 2017 ވަނަ އަހަރު ނެރެފައިވާ ގަޒިއްޔާ އަކުން އެބަ ބުނޭ މިހާރު އެ 12 މެމްބަރުންގެ ގޮނޑި ހުންނާނީ ގެއްލިފައި ކަމަށް ދެން އެގޮނޑި ތައް އަލުން ރުޖޫއަވާން ޖެހޭ ސަބަބެއް ނޭނގުނޭ ތިޔާ ވައްކަން..