ކޮރަޕްޝަނަކީ ރާއްޖެ އަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި މިއަދު މިނިސްޓަރު ޝަރީފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮރަޕްޝަނުގެ މައްސަލަ ރާއްޖޭގައި ކުޑަ ކުރެވޭނީ މުއައްސަސާތަކުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާއްމު ފަރުދުން ޒިންމާދާރު ކަމާއެކު ކޮރަޕްޝަނާއި ދެކޮޅަށް ތެދުވެގެން ކަމަށެވެ.

ކޮރަޕްޝަނާއި ދެކޮޅަށް އެންމެންވެސް ތެދުވާންޖެހޭ ކަމަށާއި އަދި ކޮރަޕްޝަންގެ ނުރައްކާތެރި ކަމާ މެދު މިހާރަށް ވުރެ ބޮޑު ސަމާލުވާންޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ޝަރީފް މިހެން ވިދާޅުވެފައިވާއިރު، މިއަހަރުގެ ފެބްރުއަރީ މަހު ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް ނެރުނު މިދިޔަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެ 17 ދަރަޖަ ފަހަތަށް ވެއްޓި، މަތީ ދަރަޖައަށް ކޮރަޕްޝަން އަށަގެންފައިވާ ގައުމުތަކުގެ ގިންތީގައި ވަނީ ހިމެނިގެން ގޮސްފައެވެ.

ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް ހިސާބު ކުރަނީ މަދުވެގެން ތިން މަސްދަރަކުން ހޯދޭ މައުލޫމާތުގެ މައްޗަށެވެ. ރާއްޖޭގެ ނަތީޖާ ހިސާބު ކުރުމުގައި ވެސް ބަލާފައިވަނީ ތިން ދިރާސާއަކަށެވެ. އެގޮތުން ބަލާފައިވަނީ ވޯލްޑް ބޭންކުގެ ސީ އައި ޕީއާއި، ގްލޮބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންއާއި ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބަލަ

    ކަލޭވެސް މިއޮށްހާ ދުވަހު ކޮރަޕްޝަން ދިފާއު ކުރީއެއްނު. މިހާރު ކޮން ވާހަކައެއް ދައްކާކަށް

  2. ރިޒާ

    ހާދަލަހަކުން ތިއެނގުނީ ::ގިނަދުވަސްވެއްޖެ ކަމެއްމީ

  3. ސަލީމް

    ކޮރަޕްޝަން ހުއްޓުވުމަށް މިރާއްޖޭގެ ތާރީހްގައި ނުނަގާނެ ވަރުގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅުވާފަި ވަނީ ހަމައެކަނި ރައީސް ޔާމީން. އެހެންވެ އެމަނިކްފާނު ވިދާޅުވީ ވެރިކަމަށް އައުމުގެ ކުރިންވެސް ތިމަން މަނިކްފާނު ކުރިމަތި ލައްވާނީ ގައުމުގެ ހުރި ބޮޑެތި މައްސަލަތަކާއޭ.. އެ ވައުދުގެ ދަށުން އެޅުއްވި ފިޔަވަޅު ތަކުގެ ނަތީޖާ އަކީ އުމްރާނީ ބޮޑެތި ތަރައްގީ ގައުމަށް އައުން. ޢިނދިކޮޅު ސިޔާސީ ފަރާތްތަށް އެކަން ހުއްޓުވަމަށް ކުރި ކަމަކީ އަބުރު ކަތިލުން ހަގީގަތާއި ހިލާފް ދޮގު އިލްޒާމް އެޅުވުން އަދުލު އިންސާފް އޭ ކިޔާ ގައުމު ބައިބައި ކުރުން. މިއޮތީ މިފަހަރު އިންތިހާބުން އެކަން ފެނިފައި. ދެން ފެނިގެން ދާނީ މިގައުމުގައި ކޮރަފްޝަން އޭގެ އަސްލު ސޫރައިގައި ފެތުރިގެން ދާތަން . ވެރިކަމުގެ 100 ވަނަ ދުވަހު އަބުރު ގާނޫން އުވާލަން ބުނަނީ އެހެންވެ.. އުންމަތް ތަކުގެ މައްޗަށް ކަމެއް މަނާ ކުރައްވާނީ ހިކުމަތް ތަކެއް އޭގައި ވާތީކަން ކަށަވަރު. އަބުރު ނެތް ތަނެއްގައި ހަމަޖެހުމެއް އަމާން ކަމެއް ނޯންނާނެ ކަމަށް ބުނާ ވާހަކަ ދޮގު ކުރާމީހުންނަށް ކުރިމަތިލާން ޖެހޭނެ މުސީބާތުގެ ރަހަ މިހާރު މިފަސްގަނޑުން އުފަންވެއްޖެ.

  4. އަބޯ

    ކޮރަޕްސަން މިގައުމުގާ އާއްމުކުރީ އެމްޑީޕީ ސަރުކާރުން. 3600 ފެންފޯއް ރުއް 1000 އަށް ރުކެއްމަގުން ރުއްތައްކޮބާ ؟60 މިލިއަންރުފިޔާ ސުނާމީ ހައުސިންގެ ގެތަކު ފައިސާއިން އެ 60 މިލިއން ކޮބާ ؟ހެލްތުން ތަކެތިގަތުމުގެ ނަމުގާނެގި 12 މިލއަންކޮބާ . ދަނޑުވެރިންނަށް އެގްރިކަލްޗަކުންނެގި އެތައް މިލިއަންކޮބާ ؟

  5. ރައްޔިތުން

    ގައުމު ހަލާކު ކުރުމުގައި ބައިވެރިވެ ވާގިވެރިވެފަ ތިޔައީ ދެން ކޮންވާހަކައެއް ކަލެއަކަށްވެސް މާފެއްނެތް

  6. ސައިމަން

    ތިކަން ކުޑަކުރެވޭނީވެސް ޔާމީން ކަހަލަ ވެރިއަކައް ކައިރިން ވައްކަންކުރާމީހުނާމެދު ފިޔާވަޅު އެޅިގެން ދެން ތިޔަތިބިވެެރިންނައް ގޯސްވަނީ އެގޮތް އެމީހުން ބޭނުންވަނީ ކައިރީގަ ތިބެ ވައްކަންކުރާމީހުން ހިމާޔަތްކޮއްފަ ނިކަމެތިން ހައްޔަރުކުރަން...

  7. ޑިމޮކްރަސީ

    ހާދަ ލަހުން ކަންކަން ރިއަލައިސް ވާ މީހެކޭދޯ އަދި ކިރިޔަތަ ތި އެގުނީ ކަރޕްޝަން އަކީ މުސީބާތެއްކަން މީގެ ކުރިން ކަލޭމެނަށް އެކަން ނޭގެނީތަ ނޫނީ އެކަމުގަ ލާމެހިފަ ތިބިވަރުން މިކަހަލަ ދުވަހެއް އަތުވެދާނެކަމަށް ޤަބޫލުނުކުރަނީތަ