ރައީސް މުހައްމަދު ނަޝީދު ސްރީލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންގް އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.

ނަޝީދާއި ބޮޑުވަޒީރު ރަނިލް ބައްދަލު ކުރައްވާފައި ވަނީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައެވެ. އެހެން ނަމަވެސް މި ބައްދަލުވުމާއި ގުޅޭ ތަފްސީލު ތަކެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ނަޝީދާއި ބޮޑުވަޒީރު ރަނިލް ބައްދަލު ކުރައްވާފައިވާއިރު ރައްޔިތުން މަޖިލީހުގެ 49 މެންބަރުން ސޮއިކޮށް ނަޝީދު މިނިވަންކުރަން ރައްޔިތުން މަޖިލީހަށް ޤަރާރެއް މިއަދު ވަނީ ހުށަހަޅާފައެވެ.

އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު "ވީ ހާލެއްގައިވާން" ރާއްޖެ ވަޑައިނަންނަވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު އެނބުރި ރާއްޖެ އެ ވަޑައިގަންނަވަނީ، ތިން އަހަރާއި ނުވަ މަހާއި 10 ދުވަސް ވަންދެން އަމިއްލަ ގައުމުން ބޭރުގައި އަރުއްވާލެވިގެން ހުންނެވުމަށްފަހުއެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތުމާއި ގުޅޭގޮތުން އެމްޑީޕީން ބުނެފައި ވަނީ، ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ މަދަނީ، ސިޔާސީ ހައްގުތައް ބޭނުން ކުރުމުގައި އެއްވެސް ހުރަހެއް އެދުވަހު ނޯންނާނެކަމަށް އެ ޕާޓީން ބުނެފައި ވެއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރަން އަމުރު ކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތު 13 އަހަރަށް ޖަލަށް ލާން ހުކުމް 13 މާރިޗް، 2015 ވަނަ ދުވަހުއެވެ. ނަމަވެސް ޖަލުގައި ހުންނަވަނިކޮށް މައިބަދައިގެ އޮޕަރޭޝަނަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދިނުމުން 2016 ޖެނުއަރީގައި ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގަތުމަށްފަހު ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގަ އެވެ. އަދި ދޭތެރެ ދޭތެރެއިން އަވައްޓެރި ސްރީ ލަންކާއަށް ވަޑައިގެން، އެގައުމުގައި ހުންނަވައިގެން ރާއްޖޭގެ އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވައެވެ.