ސައްހަ ނޫން ކޯޓު އަމުރެއް ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރު ކުރަން އުޅުނު މައްސަލައިގައި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިންގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމް އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައިކޯޓުގައި ކުރިއަށްދޭ ޝަރީޢަތުގެ އަޑުއެހުންތައް ނިންމާލާ ޙުކުމް ކުރަން ތައްޔާރުވެއްޖެއެވެ.

މިމައްސަލައިގައި މިއަދު އޮތް އަޑުއެހުން ނިންމާލަމުން ފަނޑިޔާރުން ވިދާޅުވީ ދެން އޮންނާނީ މައްސަލައިގެ ޙުކުމް އިއްވުން ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި މުހްތާޒްގެ ވަކީލުން ވިދާޅުވީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގައި ބައިވެރިވެފައިވާ ކަން މުހްތާޒްގެ މައްޗަށް ސާބިތުކުރެވޭ ވަރަށް ދައުލަތުން ޝަރީޢަތައް ހެކި ހުށަހަޅާފައި ނުވާ ކަމަށެވެ.

އަދި ކްރިމިނަލް ކޯޓުގައި ޝަރީޢަތް ކުރިއަށް ގެންދިޔައީ ދިފާޢީ ހެކި ކޯޓަށް ނުގެނެސް ކަމަށާއި ތުހުމަތުތަކަށް ޖަވާބުދާރީވާން ވެސް ކްރިމިނަލް ކޯޓުން އެކަށީގެންވާ ވަގުތު ނުދެއްވާ ކަމަށެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ ސައްހަ ނޫން ކޯޓު އަމުރެއް ނެރުމަށް މާމިގިލީ އޭރުގެ މެޖިސްޓްރޭޓަށް އީމެއިލް ދިނީ މުހްތާޒް ކަމަށާއި ޓެރަރިޒަމްގެ އަމަލެއް ކަމަށް ބަލަނީ ކުރަން އުޅުނު ކަމަކީ ރައީސުލްޖުމްހޫރިއްޔާ ރަހީނު ކުރުން ކަމަށް ވާތީ ކަމަށެވެ.

މިމައްސަލައިގައި ޓެރަރިޒަމްގެ އަމަލެއް ކުރި ކަމުގެ އުންސުރުތައް ސާބިތުވާން ނުޖެހޭނެ ކަމަށާއި ސާބިތުވާން ޖެހޭނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ އުންސުރުތައް ކަމަށް ދައުލަތުން ބުންޏެވެ. ދައުލަތުން ބުނީ އެއުންސުރުތައް މައްސަލައިގައި ސާބިތުވާ ކަމަށެވެ.

ދިފާޢީ ހެކި ކްރިމިނަލް ކޯޓަށް ހާޒިރު ނުކުރެވުނީ ދިފާއީ ހެކި ހާޒިރުވާން ދެކޮޅު ހެދުމުން ކަމަށާއި މައްސަލައިގައި ސިއްރު ހެކިންގެ ގޮތުގައި ހުށަހެޅި ހެކިންގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތައް އެމީހުންގެ ކިބައިގައި ހަމަވާނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

މިއަދު ވެސް ދައުލަތުން ބުނީ ރައީސް ޔާމީން ހައްޔަރު ކުރަން ރާވާފައި ވަނީ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދުގެ ބައިވެރިވުން އޮވެގެން ކަމަށެވެ. ނަމަވެސް އޭނާ ރާއްޖޭގައި ނޫޅޭތީ އޭނާގެ ބަޔާން ކުރިން ނެގިފައި ނެތް ކަމަށެވެ.

މުހްތާޒް މާމިގިއްޔަށް ދިޔަ ލޯންޗްގައި އިންޓެލިޖެންސް ފުލުހުން މާމިގިއްޔަށް ދިޔަ ކަމަށް ދައުލަތުން މިއަދުވެސް އެއްބަސްވިއެވެ. ދައުލަތުން ބުނީ ފުލުހުން މާމިގިއއްޔަށް މުހްތާޒް އާއި އެކު ދިޔައީ "ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގެ" ގޮތުގައި މިއޮޕަރޭޝަން ކުރިއަށް ގެންދަން ވެގެން ކަމަށެވެ.

މުހްތާޒް ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އޭނާގެ ފަރާތުން ހައިކޯޓުގައި މިއަދު އެދުނެވެ. ހައިކޯޓުން ވިދާޅުވީ ކަފާލާތުގެ ދަށުން ދޫކޮށްލުމާއި މެދު ގޮތެއް ނިންމުމަށް ފަހު މިއަދު އެކަން އަންގާނެ ކަމަށެވެ.

މުހްތާޒްގެ މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުން ނިންމާލި ނަމަވެސް ޙުކުމް ކުރާނެ ދުވަހެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރައްޔިތުން

    ޔާމީނުގެ މަޖުބޫރީ ހާލަތުގައި ގޯސް ހެދި މީހުން ހާދަ މިހާރު ދެން ރޯނެތާދޯ؟ ގައުމު މި ގެންދެނު ގޮތާމެދު ދެރަ ހީވެގެން

  2. Anonymous

    ސުބުރިީމުކޯޓުގެދެފަޑިޔަާރަާ މުތަާޒައްވިސްނެޭނެ މިީހުންނައް ދެރަދިީފަ މޮޅެއްނުލިބެޭނެކަން މިހަާރު އެގެޭތަ ޖަލަކިީ ވެޭެޭންހުރިތަނެއްލަން ލިތައްމިީހުންރުއިލަން

  3. ނިއުމާ

    މީ ކޯލިޝަންގެ އިންސާފަކީ. ހުރިހާ ކުށްވެރިން ދޫކޮށްލަން ފެނޭ. އޭރުން ޖަލުތަކަށް ޚަރަދުކުރާކަށް ނުޖެހޭނެ. އަބޫޖަހުލު ޒަމާނަށް ރާއްޖެ ސޮއްސާލަނީ ހައެއްކަ މީހުންގެ ތެރެއިން މީހެއްގެ ހިމާޔަތް ލިބިގެން ތިބެއްޖެ ނަމަ އެކަކު ވެސް ކުށްވެރިއެް ނުވާނެ. ބޮޑުން ކުށެއް ކުރިޔަސް އެއްވެސް މީހަކު ޗުއްޕު ވެސް ނުކިޔާނެ. މާތްކަލާނގެޔާ ވަކީލު.