ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިސްތިއުފާ ދެއްވަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް މިއަދު ވައްދާފައިވާއިރު ބައެއް ފަރާތްތަކުން ދަނީ އެ މައްސަލައިގެ ވޯޓާ ހަމަޔަށް ދިޔުމުގެ ކުރިން މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ.

މިކަމާ ގުޅިގެން ޕީޕީއެމް އަށް ނިސްބަތްވާ ޝިޔާމް ވިދާޅުވީ މަސީހު އިސްތިއުފާ ދެއްވަންޖެހޭ ސަބަބެއް އަދި ހާލަތެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް އިސްތިއުފާ ދެއްވުމަށް ޕްރެޝަރު ކުރައްވަމުން ގެންދަވާ ފަރާތްތަކުގެ ހަސީލަތް ރަނގަޅު ނޫން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

މަސީހު އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ޕީޕީއެމްގެ ބައެއް މެމްބަރުންގެ ވެސް ތާއީދާއެކު ޖުމްލަ 51 މެންބަރުން ސޮޔާއެކުއެވެ.

މަޖިލީހުގެ ރައީސް ކަމުގެ މަގާމުން މަސީހް ވަކިކުރަން ޕީޕީއެމްގެ ގިނަ މެންބަރުންތަކެއް ވެސް ސޮއި ކުރައްވާފައި ވާއިރު މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ހޯދާފައި އޮތް ޕީޕީއެމް ރޫޅިގެން ދިޔައީ މަސީހް މަޖިލީހުގެ ރައީސް ކަމުން ވަކިކުރަން އިދިކޮޅު މެންބަރުން މަޖިލީހަށް ހުށަހެޅި މައްސަލައެއްގެ ސަބަބުންނެވެ.

މަސީހްގެ މަގާމު ދިފާޢު ކުރުމަށްޓަކައި ޕީޕީއެމް އިން ވަނީ މަޖިލީހުގެ 12 މެންބަރަކު އެޕާޓީ އިން ވަކިކޮށްފައެވެ. އެއާއި އެކު މަޖިލީހުގެ މަސައްކަތްތަކަށް ބުރޫ އަރާ ޕީޕީއެމްއަށް ސިޔާސީ ގޮތުން ވަނީ ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައެވެ. މިދިޔަ މަހު އޮތް ރިޔާސީ އިންތިޚާބު ޕީޕީއެމް އަށް ނާކާމިޔާބުވި އެއް ސަބަބަކީ ވެސް މަސީހްގެ މަގާމު ދިފާޢު ކުރަން އެޅި ފިޔަވަޅުތައް ކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރެއެވެ.

މަޖިލީހުގެ ރައީސް ކަމުން މަސީހް ވަކިވުމުން ދެން މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުން އެންމެ ގާތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ބައެއް މެންބަރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނިހާން

    ޝިޔާމޫ މާނުފުއްޕައްޗޭ މައުމޫނަށް ޕާޓީ ލިބޭ އިރައް ޝިޔާމުގެ ގޮނޑި ގަނޑުވެސް ގެއްލުވާލާނަން.

  2. މީޒްލީ

    އިސްތިއުފާ ދެއްވަންޖެހޭ ސަބަބަކީ އަމިއްލަ ޕާޓީގެ މިންބަރުންވެސް އިދިކޮޅާ ބައިއަތުހިފާ ސޮއިކޮއްފައިވާތީ

  3. ވގ

    އެއީ ތެދެއް ޗޮކްލެޓް ބަންދުކުރުންނިމުނީ

  4. އަޅެބެއްޔާ/ޑިމޮކްރަސީ

    ޝިޔާމޫ.......އިސްތިއުފާ ދޭންވާމީހުންނާއި ނުދޭންވާމީހުންނެއް ތިޔަބޭފުޅާއަކަށް އެނގިއެއް ނުލައްވާނެއެވެ މަޝީހުއަކީ މަޖިލިސްގައި ހާދަނުބައެއް ހަދާފައި ހުރި މީހެކެވެ ވީމާ މިކަމާއި ނޫޅުން ރަގަޅުވާނެއެވެ

  5. ރައްޔިތުން

    ތިޔަ ކަހަލަ މޮޔައިންގެ އަވައިގައި ޖެހިގެން މިގައުމު ހަލާކު ޔާމީނު ފަކީރު ހަލާކުވެ ސިޔާސީ ސަފުން ބާކީވެ އެއޮތްގެން ދަނީ