އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް މީގެ ކުރިން ކަނޑައެޅި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައިފިއެވެ.

ވަކި ވަކިން ބޭއްވި ދެ އަޑުއެހުމުގައިވެސް ދެފަރާތުގެ ދިފާއީ ވަކީލުންވެސް ފާހަގަކުރައްވާފައިވަނީ އެއް ކަންތައްތަކެކެވެ. އެގޮތުން މުސްޠަފާ އަދި ޝާހްގެ ވަކީލުން ވިދާޅުވެފައިވަނީ، އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ މެންބަރުކަން ގެއްލިފައިވާކަމަށް ކަނޑައަޅުއްވާފައިވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ސ) އާއި، ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ 18 ވަނަ މާއްދާއާއި، ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ އިތުރުން ސްޕްރީމް ކޯޓުގެ 2017 ވަނަ އަހަރުގެ 17 ނަންބަރު ގަޒިއްޔާއާއި، 9 ނަންބަރު އަމުރާވެސް ޚިލާފަށް ކަމަށެވެ.

މުސްޠަފާގެ ދިފާއީ ވަކީލު ހިސާން ހުސައިން ވިދާޅުވީ، ޕީޕީއެމް އިން ވަކިވުމަށް 2017 ޖުލައި 10 ވަނަ ދުވަހު މުސްޠަފާ ޕީޕީއެމް އަށް ސިޓީ ހުށަހަޅައި، ހަމަ އެދުވަހު އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅާފައިވާ ކަމަށެވެ. އަދި ޝާހްގެ ވަކީލު ޝަފާ ޝަރީފް ވިދާޅުވީ، ޢަލީ ޝާހް ޕީޕީއެމް އިން ވަކިވުމަށް 2017 ޖުލައި 10 ވަނަ ދުވަހު ހުށަހެޅި ސިޓީ އިލެކްޝަންސް ކޮމިޝަނަށްވެސް ކޮޕީ ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ޕީޕީއެމް އިން މުޞްޠަފާ އަދި ޝާހް ވަކިކޮށްފައިވަނީ 28 އޮކްޓޯބަރ 2017 ގައި ކަމަށާއި، އެކަން މަޖިލީހަށް އަންގާފައިވަނީ 2017 އޮކްޓޯބަރ 31 ވަނަ ދުވަހު ކަމަށް ދެފަރާތުގެ ވަކީލުންވެސް ވިދާޅުވިއެވެ.

މިކަންކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ވަކީލުން ސްޕްރީމް ކޯޓުގައި ވިދާޅުވީ، ދެފަރާތްވެސް ޕީޕީއެމް އިން ވަކިވުމަށް އެދިފައިވާ ކަމަށާއި، ނަމަވެސް އެ މެންބަރުން ވަކިކުރުމުގެ ކުރިން އެ ކޮމިޝަނުން ޕީޕީއެމް އިން އެކަން ހިނގާދިޔަގޮތް ސާފު ކުރުމަށް ސިޓީއެއް ފޮނުއްވި ކަމަށެވެ. އަދި އެ ސިޓީގެ ޖަވާބުގައި ޕީޕީއެމް އިން ބުނެފައިވަނީ ދެ މެންބަރުންގެވެސް ސުލޫކީ މައްސަލައެއް ބަލަމުން ގެންދާ ކަމަށް ކަމަށެވެ.

އީސީން ވިދާޅުވީ، ދެ މެންބަރުންވެސް ޕީޕީއެމްގެ ދަފަތަރުން އުނިކޮށްފައިވާނީ 31 އޮކްޓޯބަރ 2017 ވަނަ ދުވަހު ކަމަށެވެ. އަދި ދެ މެންބަރުންވެސް ވަކިކުރީ ޕީޕީއެމް އިން ބެލި ސުލޫކީ މައްސަލަތައް ބަލައި ނިމުމުން ކޮމެޓީގެ ޔައުމިއްޔާއާއެކު އީސީއަށް ހުށަހެޅުމުން ކަމަށްވެސް އީސީން ވިދާޅުވިއެވެ.

ދެފަރާތުގެ ވަކީލުންވެސް ސްޕްރީމް ކޯޓުގައި އެދުނީ ސްޕްރީމް ކޯޓުން ނިންމާފައިވާ މި ބާވަތުގެ ވާގިއާތައް ހިމެނޭ 21/SC-C-2017 ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް މި މައްސަލަ ނިންމަވައިދެއްވައި، ވީހާވެސް އަވަހަކަށް ހުކުމް ކޮށްދެއްވުމަށެވެ.

މައްސަލަތަކުގެ ޝަރީއަތް ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވީ މި މައްސަލަތަކުގެ އަޑުއެހުންތައް ނިމުނީ ކަމަށާއި، ދެން އޮންނަ މަޖިލީހެއްގައި މައްސަލައިގެ ހުކުމް އިއްވާނެ ކަމަށެވެ.