ނެތިިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތި އިމްޕޯޓް ކުރުމާއި އެކްސްޕޯޓްކޮށް، ވިޔަފާރި ކުރުން މަނާކުރާ މުއާހަދާ، ކޮންވެންޝަން އޮން އިންޓާނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް) އާއި ގުޅޭގޮތުން ކަސްޓަމް އޮފިސަރުންނަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއަދު ކަސްޓަމު ބިލްޑިންގައި ބޭއްވި މި ބައްދަލުވުމުގައި ކަސްޓަމްގެ ގިނަ އަދަދެއްގެ އޮފިސަރުން ވަނީ ބައިވެރިވެފައެވެ. ކަސްޓަމްސް ބިލްޑިންގ ގައި ބޭއްވި މި މަސައްކަތު ބައްދަލުވުމަކީ ސައިޓީސްއާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށާއި މި ކޮންވެންޝަން ތަންފީޒުކުރުމުގައި ކަސްޓަމްސްގެ ޒިންމާ އޮންނަގޮތް ކިޔާދިނުމުގެ މަޤްސަދުގައި ބޭއްވި ބައްދަލުވުމެކެވެ.

ކަސްޓަމްސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިގޮތުން މި މަސައްކަތު ބައްދަލުވުމުގައި ސައިޓްސް ތަޢާރަފް ކޮށްދިނުމާއި، ކަސްޓަމްސް އޮފިސަރުންގެ ޒިންމާތައް ބަޔާންކޮށްދިނުމާއި، ސައިޓީސް އެކްޓް އާ ގުޅޭގޮތުން މަޢުލޫމާތު ދިނުމާއި ސައިޓީސްގެ ދަށުން ހިމާޔަތްކުރެވިފައިވާ ދިރޭތަކެތި ބައްދަލުވުމުގެ ބައިވެރިންނާއި ވަނީ ހިއްސާކޮށްފައެވެ.

މި މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ޑައިރެކްޓަރ މުހައްމަދު ޒާހިރު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޒާހިރު ވިދާޅުވީ ސައިޓީސް ގެ އެންފޯސްމަންޓް އޮތޯރިޓީގެ ހައިސިއްޔަތުން ކަސްޓަމްސް އޮފިސަރުންނަކީ މިކަމުގައި ވަރަށް މުހިއްމު ދައުރެއް އަދާ ކުރާ ބައެއް ކަމަށެވެ.

ކަސްޓަމްސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ސައިޓީސްގައި ލިސްޓް ކުރެވިފައިވާ ދިރޭތަކެއްޗަކީ އެތަކެތީގެ ޓްރޭޑް ބައިނަލްއަޤުވާމީ އެންމެ ހާ ފަރާތްތަކުންނާއި، އެންމެހާ ޤައުމުތަކުން ވަރަށް ރަނގަޅަށް މޮނިޓަރ ކުރަމުންދާ ތަކެތި. އަދި މިކަމުގައި ރާއްޖެއިންވެސް ހޭލުންތެރިވެ މަސައްކަތްތަކެއް ކުރަންޖެހޭ" މުހައްމަދު ޒާހިރު ވިދާޅުވިއެވެ.

މި ބައްދަލުވުން ނިންމުމުގެ ގޮތުން ބައިވެރިންނަށް މަސައްކަތު ބައްދަލުވުން ފުރިހަމަ ކުރިކަމުގެ ހަނދާނީ ލިޔުން ވަނީ
ޙަވާލުކޮށްފައެވެ.

ސައިޓީސްއަކީ 19 ޖުލައި 1975 ގައި އިފްތިތާޙްކުރެވި، މިއަދާއި ހަމައަށް 180 ގައުމެއް ބައިވެރިވެފައިވާ ކޮންވެންޝަނެކެވެ. ސައިޓީސްގެ މެންބަރުކަން ރާއްޖެއަށް ލިބުނީ 12 މާރިޗް 2003 ގައެވެ.

މުހައްމަދު ޒާހިރު - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ސައިޓީސްއަކީ ނެތިދިއުމުގެ ނުރައްކާ ކުރިމަތިވެފައިވާ ދިރޭތަކެތީގެ އާބާދީ ޙިމާޔަތްކުރުމުގެ ގޮތުން އެތަކެތި އެއް ޤައުމުން އަނެއް ޤައުމަށް ގެންދިއުމުގައާއި، ކަނޑައަޅާފައިވާ ހުއްދަތަކާއެކު ވިޔަފާރިކުރުމަށް ލާޒިމް ކުރާ މުޢާހަދާ އެކެވެ.

ސައިޓީސް ލިސްޓް ކުރެވިފައިވާ ދިރޭތަކެއްޗަށް ހުއްދަ ދިނުމަށް ކަނޑައެޅިފައިވާ ރާއްޖޭގެ މެނޭޖުމަންޓް އޮތޯރިޓީއަކީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާޖީ އެވެ. އަދި ސައިންޓްފިކް އޮތޮރިޓީ އަކީ އެންވަރަޔަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއާއި މެރިން ރިސާޗް ސެންޓަރެވެ.