ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގާބިލު ބޭފުޅެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިހާރުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ 51 މެންބަރުން ސޮޔާއެކު މަޖިލީހަށް މިއަދު ވައްދާފައިވާއިރު، ގާސިމް އެ މަގާމަށް ގެންނަން ބޭނުންވާ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މިއަދު ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު ވެސް މަޖިލީހުގެ ރައީސް ކަމަށް ގާސިމް ގެންނަން ތާއީދު ކުރެއްވި ކަމަށާއި އަދި މިއަހަރުގެ އިންތިހާބަށްފަހު ވެސް އެ މަގާމަށް ގާސިމް ގެންނަން ތާއީދު ކުރައްވާ ކަމަށެވެ.

ގާސިމް އަކީ އެ މަގާމަށް ގާބިލު ބޭފުޅެއް ކަމަށާއި އާ ސަރުކާރު ބަދަހިކޮށް ކުރިއަށް ގެންދިޔުމަށް ވެސް އެއީ މުހިއްމު ކަމެއް ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަސީހު މަގާމުން ދުރުކޮށްފިނަމަ މަޖިލީހުގެ ރައީސް ކަމަށް ވާދަކުރައްވާނެކަން މިހާތަނަށް ރަސްމީކޮށް އިއުލާން ކުރެއްވީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.

މަސީހު މަގާމުން ދުރުކުރުމުގެ މައްސަލަ އަންނަ މަހުގެ އަށްވަނަ ދުވަހަށް ތާވަލުކޮށްފައިވާއިރު، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވި މެމްބަރުންގެ ތެރޭގައި ޕީޕީއެމްގެ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.

މަޖިލީހުގެ ޖަލްސާތައް އަންނަ މަހު ފަށާއިރު މަޖިލިސް މިހާރު އޮތީ ޗުއްޓީގައެވެ.