އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމަށްޓަކައި މާދަމާ ހުށަހެޅުމަށް އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ހިމެނޭ ޕާލިމެންޓްރީ ގުރޫޕުން މިރޭ ނިންމައިފިއެވެ.

މިއަދު ހަވީރު ޕާލިމެންޓްރީ ގުރޫޕުން ނިންމެވި ނިންމެވުންތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އަބުރުގެ ގާނޫނު ބާތިލް ކުރަން މާދަމާ ހުށަހަޅާނެ ކަމަށެވެ. އަދި ދެން އޮންނަ ޖަލްސާއެއްގައި އެ ގާނޫނު ބާތިލްވެގެން ދާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

އަބުރު ރައްކާތެރި ކުރުމާއި ބެހޭ ގާނޫނު އުވާލާ، ނޫސްވެރިކަމުގެ މިނިވަންކަން ޔަގީންކޮށްދެއްވާނެ ކަމަށް އިބޫ ވަނީ ކެންޕެއިން ތެރޭގައި ވެސް ވައުދުވެވަޑައިގެންފައެވެ.

މީގެ ކުރިން އިބޫ ބައެއް މީޑިއާތަކަށް ޒިޔާރަތްކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ، ވެރިކަމަށް ވަޑައިގަތުމަށްފަހު ގިނަވެގެން 100 ދުވަހުގެ ތެރޭގައި އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލާނެކަމަށެވެ.

އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގެން މީޑިއާ އަކީ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި ދެކި އެގޮތަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަދި މިއަދު މީޑިއާ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުކަން އެނގިވަޑައިގަންނަވާ ކަމަށް އިބޫ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. Miadhu

  ސާބަހޭ ސާބަހޭ ހަމައެއް ލަމައެެްނެތް އެމީހަކާއި އެމީހެއް
  މިކަން ދީނީ ޢިލްމުވެރިން ސިފަކުރަނީ ކިހިނެއްތޯ.
  ދީނީ ހަމަތަކުން ބަލާއިރު މާތްﷲ މާތްކުރެއްވި އިންސާނާގެ އަބުރު އޮންނަން ޖެހޭތޯ؟

 2. ޢަބްދުﷲ

  އަބުރުގެ ޤާނޫނަކީ، އުވާލެވޭނެ ޤާނޫނެއްނޫނެވެ. ދެވަނަވިސްނުމަކަށް ވަޑައިގަންނަވާށެވެ.

 3. ރާބޮޑު

  ތިވަރަކުން ނުނިމޭ. އެއްވެ އުޅުމުގެ ގާނޫނަށް ގެނއަި ބަދަލުތައްވެސް ބާޠިލް ކުރޭ

 4. ޙަސަން

  މީސްމީހުންގެ އަބުރާ ބެހުމަކީ އިސްލާމްދީނުގައި ޙަރާމް ކަމެއް. އިސްލާމް ދީނުގައި ޙަރާމް ކަންތައް ހުއްދަކުރާނީ އިސްލާމްދީން ގަބޫލު ނުކުރާ މީހުން.

 5. ޢަލީ

  ހެޔޮނުވާނެ ތިހެންނަހަދާ އަބުރަކީ ﷲ ހުރުމަތްތެރިކުރައްވާފައިވާ ކަމެއް

 6. Abdul Latheef

  އިސްލާމީ ޝަރީޢަތް ބާވައިލެއްވި މަޤްޞަދާ ޚިލާފުވާގޮތަށް ޤާނޫނު އަސާސީ ބައްޓަން ކުރުމަކީ ﷲ ތަޢާލާ ބާވައިލެއްވި ޝަރީޢަތަށް ގޮންޖެހުމެވެ. އިސްލާމީ ޝަރީޢަތް ބާވައިލެއްވި މަޤްޞަދުގެ ތެރޭގައި މުސްލިމުންގެ އަބުރު ޙިމާޔަތް ކުރުން ހިމެނެއެވެ. ވީމާ އިސްލާމީ ދައުލަތުގެ ވާޖިބު ތަކުގެ ތެރޭގައި މުސްލިމުންގެ އަބުރަށް އަރައިގަތުން މަނާކުރުން ހިމެނެއެވެ. ޙައްގަކާ ނުލައި މީހުން މެރުންވެސް މަނާ ކުރާފަދައިންނެވެ.

 7. އަހްމަދު

  އަބުރުގެގާނޫނު ކީއްކުރަން ގާނޫނުއަސާސީ އުވާލަންވީނު އޭރުން އެމީހަކާ ޖެހުނުތަނަކުން ބޯލަބޯލާ ތިބީމަނިމުނީނު

 8. އަހުމަދު

  މާތްކަލާކޮ މާތްނަބިއްޔާ (ސ) ހައްޖަތުލް ވަދާއުގެ ހުޠުބަގައި މިއުންމަތުގެ މީހުންނަށް އަބުރަކީ ހުރުމަތްތެރިވެގެން ވާއެއްޗެއްކަމަށް އެންގެވި ހިނދު މިކަމާ ދެކޮޅަށް ޤާނޫން ހެދުމަކީ ހާދަހާވާ ނުބައި ކަމެކޭ. ސުބުހާނަﷲ