ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ދައުލަތުން އުފުލި ޝަހްސު އޮޅުވާލުމުގެ ދައުވާ ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫންގެ މައްޗަށް ސާބިތުވާކަމަށް ނިންމާ ކްރިމިނަލް ކޯޓުން ކޮށްފައި އޮތް ޖަލު ޙުކުމް ހައި ކޯޓުން ބާތިލް ކޮށްފިއެވެ.

މި މައްސަލައިގައި ހުކުމް އިއްވަމުން ހައިކޯޓުގައި މައްސަލަ ބެއްލެވި އިސް ފަނޑިޔާރު ވިދާޅުވީ، މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މައްސަލަ ކުރިއަށް ގެންދިޔައިރު ދައުލަތުން ހުށަހެޅި ސިއްރު ހެކިންގެ ހެކިބަސް ނަގާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.

އަދި މައްސަލަ ދަށު ކޯޓުގައި ކުރިއަށް ގެންދިޔައިރު މައްސަލަ ތާވަލްކޮށް ހިންގާފައިވަނީ އިޖުރާއަތު ޤާނޫނާ ޚިލާފަށް ކަމަށް ދައުލަތުން ހައިކޯޓުގައި އިއުތިރާފް ވެފައިވާ ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ. ހައިކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ، ފާރިސްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގާފައިވަނީ އަވަސް އަރުވާލައިގެން ކަމަށް ދައުލަތުގެ ވަކީލުން ހައިކޯޓުގައި ބުނެފައިވާ ކަމަށާއި، ޝަރީއަތް ހިންގާފައިވަނީ ކުށުން ބަރީއަވުމަށް އެކަށީގެންވާ ވަގުތާއި، ވަސީލަތްތައް ފޯރުކޮށްދިނުމެއް ނެތި އެ ހައްޤުތައް ހަނިކޮށްގެންކަން އެނގެން އޮންނަ ކަމަށެވެ.

ފާރިސް މައުމޫނާއި އޭނާގެ ވަކީލް ފައިސަލް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ފާރިސް މައުމޫނާއި އޭނާގެ ވަކީލް ފައިސަލް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ފާރިސް ނޫން އެހެން މީހުންގެ މިބާވަތުގެ ކަންކަން ކޮށްފައިވާއިރު ހަމަ އެކަނި ފާރިސްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ޤާނޫނު އަސާސީގެ 17 ވަނަ މާއްދާގައިވާ ހަމަހަމަ އުސޫލުން އަމަލު ކުރުމުގެ އުޞޫލާ ޚިލާފަށް ކަމަށްބުނެ ފާރިސްގެ ފަރާތުން ފާހަގަކުރި ނުކުތާއާއި ގުޅިގެން ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ ފާރިސް ފިޔަވައި އެހެން މީހެއްގެ މައްޗަށް މިފަދަ މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް އެދި ތަހްޤީގު ކުރުމަށްފަހު ފުލުހުން ހުށަހަޅާފައި ނެތް ކަމަށެވެ.

ނަމަވެސް އެފަދަ މައްސަލައެއް ފުލުހުން ތަހްޤީގު ނުކޮށްގެން ޕީޖީގައި ޝަކުވާއެއް ވެސް ކޮށްފައި ނުވާކަމަށް ޕީޖީ އިން ވިދާޅުވެފައިވާތީ، ޤާނޫނު އަސާސީގެ 17 ވަނަ މާއްދާއާ ޚިލާފުވެފައިވާ ކަމަށް ބެލެވެން ނެތް ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.

ހުކުމުގައި ބުނެފައިވަނީ ބާތިލް އިޖުރާއަތެއްގެ މައްޗަށް ހިންގޭ އެންމެހާ ކަންކަމަކީ ބާތިލް ކަންކަން ކަމަށް ހައިކޯޓުން 2011 ވަނަ އަހަރު ނިންމަވާފައިވާ ކަމަށާއި، އަޙްމަދު ފާރިސް މަޢޫމޫންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ޤާނޫނުތަކާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ޚިލާފަށް ކަމަށްވުމުން ފާރިސްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ހައިކޯޓުން ބާތިލް ކުރަން ހުކުމް ކުރައްވާ ކަމަށެވެ.

ޝަހްސް އޮޅުވާލިކަން ސާބިތުވެ 4 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ފާރިސްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް މިއަދު ހައިކޯޓުން ބާތިލް ކުރުމަށް ކުރީގެ ރައީސް މަޢުމޫންގެ ދަރިކަލުން ފާރިސް މަޢުމޫން ވަނީ މިނިވަން ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ޢަހަންމަ

  މީދެން އަރަތެއް. ރަސްމަތިފުށު މީހުންގެ މައްސަލަތައް އޭރަކު ބާރުގަދަ ފަޅިޔަކަށް ހުކުމް ބޭނުންވާގޮތަށް.

 2. ޞަލާޙް

  ފަޓާސްބަރިއެއްހެން ތިހިރަދަނީ ޙުކުމްތައް ބާޠިލުކުރަމުން! ސާބަސް ކޯޓުތައް! ސާބަސް ފަނޑިޔާރުން! ކޮބައިތޯ ދެންތިބިމީހުންގެ ޙައްޤުތައް؟

 3. އިބުރޭ

  ގައުމުހަލާކުވެއްޖެ.

 4. އަނާރު

  އާކަމެއްނޫން ފަނޑިޔާރު ބޭފުޅުންނަށް ބަހާރުމޫސުން އައިސްފަ މިއޮތީ މާތައް ފަތިހަށްވެސް ފޮޅެނީ މެންދުރަށްވެސް ފޮޅެނީ ހަވީރަށްވެސް ފޮޅެނީ މެންދަމުގެ ވަގުތުވެސް ގިނައިން ފޮޅެނީ ވާސަރިވާ

 5. މަސްވެިރިޔާ

  އަދުލު އިންސާފުގެ ކަންތަކުގައި ހަމަ އަންނަނީ ހިނި... އިސްލާމްދީނުގައި އެއްވެސް މީހަކަށް ހުކުމެއްކުރަންވާނީ އެއްވެސް ޝައްކެއްނެތް މިންވަރަށް ހެކިހުރެގެން ނުންތޯ... ޔާﷲ މިވަތަނުގެ ފަނޑިޔާރުންނަށް ހެޔޮވިސްނުން ދެއްވާދޭއެވެ.

 6. Anonymous

  މިއީ ދެން ބަޔަކު ހައިރާންވާންވީ ކަމެއްނޫން، ތިމެންނަމެންގެ ހަސަދަ ވެރިޔަކުގެ ވެރިކަމުގައި ހިންގާފައިވާ އަދި ހިންގަމުންދިޔަ ޝަރީޢަތް ކަމަށްވާތީ ގާނޫނުގެ ތެރެއިން ހިންގަމުންއަންނަ އަދި ހިންގާފައިވާ ޝަރީއަތް ކަމުގަވިޔަސް ގާނޫނަކަށްނުބަލާ ބާޠިލުކުރަމުންދާތަން މިފެންނަނީ، ޖެއްސުންކުރަން ކުރާކަމެއްނަމަވެސް ޝަރުޢީކޯޓްތަކުގެ މިކަނަކުރާ ގާޒީންވެސް އިސްލާމްދީނަށާއި ގާނޫނަށް ޙުރުމަތްތެރިކޮށް ހިތަންޖެހޭ ނޫންތަ؟؟ އެއްވެސް ހަމައެއް ލަމައެއްނެތި ތިމަންނަމެން ވަޒީފާއިން ވަކިކޮށްލަފާނެތީ ހިންގާ ޖަރީމާއެއް، މަންޒަރު ފެންނަގޮތުގާ ހުރިހާ ޝަރުއީ ކޯޓުތައް ވަނީ މައުމޫނުއާއި ގާސިމުއާއި ކަޅުފައިސާއިން ގަނެފަ، މަޙުޝަރު ދުވަސްމަތިން ހަނދާންނުވެ ޢާފިލުވެފައި މިތިބީ

 7. ޞަފިއްޔާ ޢަލީ / މާލެ

  ބޮޑަތިކުށްތައްކޮށް އެކަން ސާބިތުވެ ހުކުމްކޮށްފަތިބިމީހުން ނުފޫޒުން ދޫކޮށް ކުށްނުކުރާމީހުނަށް ހަދަން އުޅުނަސް މީރުކެއުން ކެވޭނީ މަދު ދުވަސްކޮޅަކުކަން ފަނޑިޔާރުން ދަންނަންވާނެއެވެ.

 8. އަޙުމަދު

  ދެންޖަލުގައި ތިބޭނީ ނިކަމެތި ފަގީރުންގެ ދަރިން

 9. ބޮންދު

  ތިހެން އުޅެމުންގޮސް ގާޒީ އަމިއްލައަށް މަގާމުން މިނިވަންނުކުރާތި. ކަންމަތީ ފިހާރައިން ކިއްލި ވަގަށްނެގި މީހާ އޮންނަންޖެހޭނީ ހަމަ ކުޑަގޮޅީގައި،. މީ އެބުނާ އެންމެނަށް ހަމަހަމަ ގާ ނޫނު އަސާސީ. ސަޅި

 10. މުޙައްމަދު

  ކަލޯ ދެން އިބޫ ވެރިކަމުން ވައްޓާލަން މަސައްކަތްފަށާ އަވަހަށް، ކަލޭމެން ނޫން ބަޔަކަށް ވެރިކަން ލިބިގެންނުވާނެ

 11. އަހަންމާ

  މިހާއަވަހަށް ދުނިޔޭންބޭރުން ފަނޑިޔާރުން ގެނެނެސްގެން އެފުއްމިފުށައް ޖަހަންފެށީ މީރޯމާދުވާލޭ

 12. ބޮޑު ދެލޯ

  ވަރަށް ހިތްހަމަޖެހިއްޖެ! އަނިޔާއިން ފާރިސް ސަލާމަތްވީތީ!! ދެން ވެސް އަނިޔާގައިތިބި އެއްމެން ކައިރި އަވަސް މުސްތަޤްބަލެއްގައި ސަލާމަތްވުން އެދި ދުޢާކުރަން! ކޮއްމެފަދަ ކަމެއްގައިނަމަވެސް ޖަލަށް-ޙުކުމެއްކޮށް އެތާގައި ހިފަހައްޓާފައިވާ ކޮއްމެ ރައްޔިތަކީ "އަނިޔާ"ގައި ޙަޔާތް ވޭތިކުރާ ރައްޔިތެކެވެ. މިކަން ސާފުވެ އެނގެމުން މިދަނީ ކޯޓް ތަކުން މިހާރު ކުރަމުންދާ ޙުކުމްތަކުންނެވެ! ތި ކޯޓް ތަކަކީ، މީގެކުރިންވެސް އަހަރުމެން "ރަން ރީނދޫ" އިން ހަރުއަޑުން ގޮވައި ނަގަމުން ދިޔަފަދައިން "އިޞްލާޙު"ކޮށް ސާފު ކުރަން ވެފައިވާ ތަންތަނެވެ، ވީމާ ވީހާވެސް އަވަހަކަށް (އަހަރުމެންގެވިސްނުމާއި އެއްގޮތަށް) ތި ހުރިހާ ތަނަކަށް ބޭރު ފަނޑިޔާރުން ގެނެސް "އިޞްލާޙުގެމަގަށް" އެޅުވުމަށް ގޮވާލަމެވެ.!!!!

 13. އަލީ

  މީދޫކުރ

  މީ ކަންބަސް ހުރި މީހުން ދޫކުރާ މޫސުމް

 14. ޒަހޫ

  ކޮބާ ނިކަމެތި މީހާގެ ލޯބިވާ ދަރިންގެ ހައްގު. އެދަރިންވީ ޖަލުގައި. ލޯބިވާ އެތަށް ބައްޕަ އެއް މަންމަ އެއް ވީ ދަރިން ދޫކޮށް ޖަލުގައި. ކޮބާ އިންސާފު. ވާވާ ސަޅި އިނގޭ.

 15. ލަޠީފް

  އެއްޗެކޭ ނުކިޔާ ތިއްބަވާ! ދިވެހިން ބޭނުމީ މިގޮތް! އެންމެނަށް ހަމަހަމަޔަށް ޤާނޫނުހިންގާ ވެރިޔަކު ދިވެހިންނަކަށް ކަމަކުނުދިޔަ! ހަތްއުޑުގެމަތިން ، ކީރިތި ﷲގެ ޙުކުމްފުޅު އަންނަންދެން ދެން ތިއްބަވާ! މިފަދަ ނުބައި މަލްޢޫނުންނަށް އެވަގުތު ނުބެޗޭނެ! އިންޝާ އަﷲ އެދުވަސް ދުރެއްނޫން!

 16. ވަގު ވޯޓް އިންތިހާބީ ރައީސް އިބޫ

  ކިޙާ ވަރެއްދިނީމަތަ އީސީ ސަރީފު ގައުމު ވިއްކާލީ. މިިކަމުގަ ފާރިސްގެވެސް އަތެއް ވާތީދޯ ގަނެލާފަތިބި ގާޒީން އެހާ ފަސޭހައިން ފާރިސްމެންއެދޫކޮށްލަނީ

 17. އަޖޫބާ

  ލާރި ދިނީމަ މިއަދު ކޮންމެ ކަމެއްވެސް ވާނެ

 18. ޚިޔާލު

  ޙުރިހާ ކުއްވެރިންވެސް ދޫކުރާނެ! ޢާދައުރެއް ފަށާއިރު ކުއްވެރިންނެއް މިޤައުމުގައި ނޫޅޭނެޔޯ! ޙެހެ

 19. ޔެލޯކުދިން

  ކަލޯ ބަފާ ބަޑުއަޅާގެން ވެރިކަން ކުރި ދުވަސް ވަނީ މާޒީގައި