ބޭރުގެ އަސްކަރީ އެހީތެރިކަން ހޯދުމަށް ސަރުކާރުން ބޭރު ދައުލަތްތަކުގައި އެދިފައިވާކަމަށް ބުނެ ޚަބަރު ފަތުރާ ވަސީލަތްތަކުން ފަތުރަމުންދަނީ ދޮގު ޚަބަރެއް ކަމަށް ޑިފެންސް މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓްރީ އިން ދެންމެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި ހިނގަމުންދާ ކަންކަމާގުޅިގެން އެއްވެސް އިރެއްގައި ދިވެހި ސަރުކާރުން ބޭރުގެ އަސްކަރީ އެހީތެރިކަމަށް އެދިފައިނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ އިސްތިޤުލާލަށް ހުރުމަތްތެރިކޮށް ހިތުމަށާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި އެއްގޮތްވާ ގޮތުގެމަތިން ޤާނޫނުގެ ވެރިކަން ދެމެހެއްޓުމާއެކު ދިވެހިރާއްޖޭގެ ދާހިލީ ކަންކަން އަމިއްލައަސް ހައްލުކުރުމުގެ ގާބިލްކަން ދިވެހިރާއްޖެއަށް ލިބިގެންވާކަން ބަލައިގަތުމަށް ޑިފެންސް މިނިސްޓްރީން ކަމާގުޅުން ހުރި އެންމެހައި ފަރާތްތަކަށް ގޮވާލާ ކަމަށް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ބޭރުގެ އަސްކަރީ އެހީތެރިކަން ހޯދުމަށް ސަރުކާރުން ބޭރު ދައުލަތްތަކުގައި އެދިފައިނުވާނެ ކަމަށް ޑިފެންސް މިނިސްޓްރީ އިން މިވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެ އަށް ފޮނުވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ. އަދި އިންޑިއާ ސިފައިން ރާއްޖެ އަތުވެދާނެ ކަމަށް ބައެއް ގައުމުތަކުގެ އަސްކަރީ އެހީއަށް ރާއްޖެ އިން އެދިފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.