މިވީ ދުވަހު މަޖިލީހުގައި ހަވާލު ކުރައްވާފައިވަނީ އެންމެ ކަމެއް ކަމަށާއި އެއީ މަޖިލީހުގެ ރިޔާސަތު ވަށާ ފެންސެއް ޖެހުން ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ 17 ވަނަ މަޖިލީހުގައި މަޖިލީހުގެ ނައިބް ރައީސަކަށް އަހުމަދު ނާޒިމް ހުންނެވި އިރު މަޖިލީހުގެ އިދާރީ ކަންތައްތައް ހަވާލުކޮށްފައި އޮންނަނީ ނާޒިމް އާއި ކަމަށެވެ.

" 18 ވަނަ މަޖިލީހުގައި ނައިބް ރައީސާ އެފަދަ މަސައްކަތެއް ހަވާލުކޮށްފައި ނުވޭ. މިހާތަނަށް އައި އިރު ހަވާލު ކުރެއްވީ މަޖިލީހުގެ ރިޔާސަތު ވަށާ ފެންސެއް ޖެހުމަށް. އެކަން އަޅުގަނޑު ފުރިހަމަ ކުރިން" މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރުންގެ ކާރުތައް ޕާކިން އޭރިއާގައި ޕާކު ނުކުރެވޭތީ އެމައްސަލަ ހައްލު ކުރުމަށް ފުލުހުންނާއި މަޝްވަރާ ކުރުމަށްފަހު ރައީސަށް ހުށަހެޅުމުން އެކަން ބާއްވަން އެންގުމުން އެމަސައްކަތް ވެސް ބާއްވާފައި ވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ޖަލްސާތަކަށް ހުރަސް އެޅުމުގެ ގޮތުން އިހުތިޖާޖު ކުރަމުންދާތީ، ރިޔާސަތާ ކައިރި ނުވެވޭ ގޮތަށް އިދާރީ މޭޒާއި ރިޔާސަތު އުސްކޮށް ވަށައިގެން ލަކުޑިން އުސް "ފާރެއް" ޖަހައި ރިޔާސަތު އުސްކޮށްފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުއެވެ.

ވެރިކަން ކުރާ ޕީޕިއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވި ގޮތުގައި އެ ބަދަލުގެ މޭސްތިރިއަކީ މޫސައެވެ. މޫސަ އޭރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަޖިލީހުގައި އިހުތިޖާޖު ކުރަމުންދަނީ ކުރަން އުޅުނު ކަންތައްތައް ކާމިޔާބު ނުވުމުން ގަންނަ ލަދު ފޫބެއްދުމަށް ކަމަށެވެ.

މޫސަ ވަނީ އިިދިކޮޅު ފަރާތްތަކުގެ އިހުތިޖާޖަށް ދޫނުދޭނެ ކަމަށާއި ސަރުކާރުން ބޭނުންވާ ކަންކަން މަޖިލީހުގެ ތެރެއިން ކުރަމުން ގެންދާނެ ކަމަށް އޭރު ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަލްޖިބްރާ

    ތި މޫސައަކީވެސް އަދުރޭ ، ނިހާނު މެންގެ ލިސްޓްގައި ހިމަނަން ޖެހޭ މީހެއް !

  2. ފަޤީރު ކަލޯ!

    މަޞީޙުގެ ރައީސްކަން ދަމަހައްޓަން ރިޔާސަތުވެސް ކަލެއާ ހަވާލުކުރި!

  3. ހުސެން

    ކެޔޮގަނޑު ކަޑާލީމާ ގަހުގެ ބޭނުމެއް ނޯންނާނެދޯ

  4. ނަސިމް

    ހޫން ދެންބުނޭ ތިމަންނާ ހުރީ ބަސްނުވިކޭ އޮޑިޔަކައްއެރިފަ އޭ

  5. ސީތަލަ ހަންނާނު

    ވައި ޖެހޭ ދިމާލައް އޮޑި އެބުރެން ފަށައިފި، ހީވަނީ ހަމަ ފަތިސް ހަނދުވަރުގެ އާ ބައެއްހެން، ޒޫނާ، ޖިއްނި ކަމިން،

    • ޚޮކި

      ޙެހެހެ

  6. ރައްޔިތުބެެއްޔާ

    މުޅިންވެސް މިފެންވަރު މީހުން މިގައުމުގައި މިއުޅެނީ !