ހޭންޑް ފުޓް އެންޑް މައުތް ބަލި ފެތުރެމުންދާތީ، މިބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފިއެވެ.

މިކަމަށް އިލްތިމާސްކޮށްފައިވަނީ އައިޖީއެމްއެޗްގެ ސީނިއާ ޕެޑިއަޓްރިޝަން ޑރ. އަހުމަދު ފައިސަލް މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ޑރ.ފައިސަލް ވިދާޅުވީ ހޭންޑް ފުޓް އެންޑް މައުތް ބަލި މި ދުވަސްވަރު ތަންކޮޅެއް އިތުރުވަމުންދާ ކަމަށާއި ބަލިން ރައްކާތެރިވުމަށް ހުރިހާ ކުދިންވެސް އަތް ރަނގަޅަށް ދޮވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މި ބަލި ޖެހުމުން ހަފްތާއަކަށް ކުދިން ސްކޫލަށް ނުފޮނުވުމަށާއި ހުރިހާ ސްކޫލެއްގައި ވެސް ސައިބޯނިން އަތް ދޮވެވޭނެ އިންތިޒާމު ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ.

ހޭންޑް ފުޓް އެންޑް މައުތް ބައްޔަކީ ގައިގޯޅިވެ އުޅުމުގެ ތެރޭގައި ބަލިޖެހިފައިވާ ކުއްޖެއްގެ ކުޅު، އަރިދަފުސް، ބޮޑުކަމުދާ ނަޖިސް އަދި ހަމުގައިނަގާފޮޅުން ނިކުންނަ ދިޔައިން އެއްކުއްޖެއްގެ ގައިން އަނެއް ކުއްޖެއްގެ ގަޔަށް ވަރަށް ފަސޭހައިން އަރާ ބައްޔެކެވެ.

މިބަލި ޖެހުމުން އެންމެ ފުރަތަމަ ފެންނާނެ އަލާމާތްތަކުގެ ތެރޭގަައި ހުން އައުމާއި، ކާހިތްނުވުމާ، ވަރުބަލިވުން އަދި ގައިގައި ރިއްސުމާއި ކަރުތެރެފާރުވުން ފަދަ އަލާމާތްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު