ތައުލީމަށް ލޯބިކުރާ، ތައުލީމު އުގައިންނައިދިނުމުގައި މަސައްކަތްކުރާ ޙިދުމަތްތެރި ޒުވާނުން އެބަތިއްބެވެ. މައިންބަފައިންގެ މަސައްކަތްތަކާއި، މައިންބަފައިން ދެމުންގެންދިޔަ ޙިދުމަތްތެރި މަސައްކަތްތަކުގެ ސަބަބުން އެހެން މީހުންނަށް ތައުލީމު އުނގަންނައިދިނުމުގެ ހިތްޖެހި އެ މަސައްކަތް ފުޅާ ކުރަމުންދާ ޒުވާނުންވެސް އުޅެއެވެ. އެ ޒުވާނުންގެ ތެރޭގައި މިއަދު މުޅި ހުވަދުއަތޮޅާއި، އަދި ދިވެހި ރާއްޖެ ފަހުރުވެރިވާ އެއް ޒުވާނަކީ އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދުއެވެ.

މުސްތާގުގެ ބައްޕާފުޅު ގދ.ތިނަދޫ ޗާންދު، އަލްމަރްހޫމް މުހައްމަދު ރަޝާދުއަކީވެސް ތައުލީމަށް ވަރަށް ލޯބިކުރެއްވި ބޭފުޅެކެވެ. މުޅި ހުވަދު އަތޮޅުގެ ނައިބުކަން ކުރެއްވި އިލްމީ ބޭފުޅެކެވެ. އިންޑިއާއިން ކިޔަވާ ވިދާޅުވެގެން މުޅި ހުވަދު އަތޮޅަށް އެމަނިކުފާނު ވަނީ ހިދުމަތްކޮށްދެއްވާފައެވެ.

ތިނަދޫގެ ޒުވާނުންނަށް ތައުލީމް އުނގަންނައިދެއްވުމުގެ ގޮތުން ރަޝާދު ވަނީ އެރަށުގެ އަތޮޅު މަދަރުސާ އަމީރު އިބްރާހިމްގެ މަތީ ކްލާސް ދަރިވަރުންނަށް އިސްލާމް އަދި އުރުދޫ ބަސް ވަނީ ކިޔަވާދެއްވާފައެވެ. އަދި މީގެ އިތުރުން ތިނަދޫ އިން މީހުން ބޭލި ހާދިސާއަށްފަހު، ގއ. ވިލިގިނޔަށް ދިރިއުޅުން ބަދަލުކޮށް އެރަށު ސްކޫލްގެ ދަރިވަރުންނަށް އިސްލާމް އަދި އަރަބި ކިޔަވާދެއްވިއެވެ. އަދި ތިނަދޫގައި މީހުން އާބާދުވި ހިސާބުން އެރަށަށް ވަޑައިގެން އަނެއްކާވެސް ރަށަށް ހިދުމަތްކޮށްދެއްވުމުގައި ދެމިހުންނެވިއެވެ.

އަދި ރަޝާދު ދުނިޔެ ދޫކުރެއްވުމާއި ހަމައަށްވެސް ހުންނެވީ އެކި ފަރާތްތަކަށް ތައުލީމް އުނގަންނައިދިނުމުގައެވެ.

އަލްމަރްހޫމް މުހައްމަދު ރަޝާދުގެ 11 ދަރިން ތިބޭއިރު، މުސްތާގްއަކި އޭނާގެ 10 ވަނަ ދަރިފުޅެވެ. އަލްމަރްހޫމް ރަޝާދުއާ އެއް ބީދައިން ތައުލީމް އުނގަންނައިދިނުމުގައި ދަރިފުޅު މުސްތާގް ރަޝާދުގެ ނަން މާ ވިދައެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތައުލީމް އުނގަންނައިދޭން ކޮށްދެއްވަމުން އަންނަ މަސައްކަތް ސަރުކާރުންވެސް ވަނީ ބައްލަވައިގަނެފައެވެ. 2005 ވަނަ އަހަރު އެވިޑް ކޮލެޖްގެ ނަމުގައި ކޮލެޖެއް ހުޅުވައި މިއަދު ދުނިޔޭގެ ފެންވަރުގެ ކޯސްތައް އެ ކޮލެޖުގައި ދަނީ ހިންގަމުންނެވެ. މިހާރު ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސް ލެވެލްއަށް ކިޔަވާދޭން ފަށައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕަސްތަކާއި، ލާނިންގ ސެންޓަރުތައް ހިންގަން ފަށައިފިއެވެ. އަދި ދާދި ފަހުން ބައްޕާފުޅުގެ ހަނދާނުގައި އެވަނީ ހާއްސަ ސްކޮލާޝިޕްތަކެއްވެސް ތައާރަފްކޮށްފައެވެ.

"ނައިބް ރަޝާދު ސްކޮލާޝިޕް" ނަމުގައި ފައުންޑޭޝަން ސްޓަޑީސްގެ ކުދިންނަށް ހާއްސަކޮށް އުފެއްދި މި ސްކޮލާޝިޕްއަކީ އެވިޑް ކޮލެޖުގެ ޗެއާމަންގެ ބައްޕަ އަބްދުﷲ މުސްތާގް ރަޝާދުގެ ބައްޕައަށް ހާއްސަކޮށް، ހުވަދު އަތޮޅަށް ކޮށްދެއްވި ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން، އެވިޑް ކޮލެޖްގެ ޗެއާމަންގެ މަންމަ ފާތިމަތު ނާސިރާ ހުޅުވާލަދެއްވި ފުރުސަތެކެވެ.

އަންނަ ޖެނުއަރީ މަހު އެވިޑް ކޮލެޖުގައި ފަށާ ފައުންޑޭޝަން ސްޓަޑީސްގެ ކޯސްތަކަށް ހާއްސަކޮށް ތައާރަފްކޮށްފައި ވަނީ 45 ފުރުސަތެވެ. އޭގެ ތެރެއިން 30 ސެކޮލާޝިޕެއް މާލެ އަށް ހާއްސަކޮށްފައިވާއިރު، ބާކީ ހުރި 15 ސްކޮލާޝިޕަކީ ގދ. ތިނަދޫގައި ހުންނަ އެވިޑް ކޮލެޖުގައި ކެމްޕަސްގައި ފަށާ ފައުންޑޭޝަން ކޯސްތަކަށް ހާއްސަ ސްކޮލާޝިޕް ފުރުސަތުތަކެކެވެ.

އެވިޑް ކޮލެޖުން ބޭއްވި ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ
އެވިޑް ކޮލެޖުން ބޭއްވި ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

އަދި މިހާރުން ފެށިގެން ހުޅުވާލާފައިވާ މި ސްކޮލާޝިޕްގެ ފުރުސަތުތައް ލިބޭނީ އެންމެ އަވަހަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިންނެވެ. މިކަމަށް އެދި ހުށަހެޅުމަށް ހާއްސަ ފޯމަކާއި، ކުރިމަތިލާން ބޭނުންވާ ކޯހަށް ހާއްސަ ފޯމް ހުށަހަޅަން ޖެހޭނެއެވެ. އަދި އެ ފުރުސަތު ލިބިއްޖެނަމަ އެކަން އެވިޑް ކޮލެޖުން އެ ދަރިވަރަކަށް އަންގާނެއެވެ. މި ސްކޮލާޝިޕްތަކާއި އަދި އެވިޑުގެ ކޯސްތަކާއި ގުޅޭ މައުލޫމާތު "މި ލިންކް" މެދުވެރިކޮށް ލިބޭނެއެވެ.

މިއީ މުޅިން އަލަށް އެ ކޮލެޖުގައި ހުޅުވާލި ފުރުސަތެއްކަން ފާހަގަކޮށްލަން ޖެހެއެވެ. ރާއްޖޭގެ އެންމެ މަޝްހޫރު ކޮލެޖްތަކުގެ ތެރޭގައި ހިމެނޭ އެވިޑް ކޮލެޖުން ހުޅުވާލި މި ފުރުސަތުގެ ސަބަބުން، އިތުރު ކުދިންތަކަކަށް ކިޔެވުމުގެ ފުރުސަތު ފަހިވެގެންދާނެކަމާއި މެދު ޝައްކުވެސް ކުރާނެ ކަމެއް ނެތެވެ.

ނޯޓް: ރިޕޯޓް އެވިޑް ކޮލެޖުގެ ފަރާތުން