އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާ ކުރައްވާ ދުވަހުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހުންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ހުށަހަޅާނީ ރިޔާސަތުން ހުށަހަޅާ ކަމެއްގެ ގޮތުގައި ކަމަށާއި އެ މައްސަލަ އަންނަ އާދީއްތަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާ ކުރައްވާނެ ކަމަށެވެ.

"ރިޔާސަތުން ހުށައަޅާ ކަމެއްގެ ގޮތުގައި އެބަ ހުށައަޅަން ނޮވެމްބަރ 11 ގައި އިންތިހާބީ ރައީސް ހުވާކުރެއްވުމާއި ގުޅޭ މައްސަލައެއް. އިންތިހާބީ ރައީސްގެ އޮފީހުން އަޅުގަނޑުމެންނާއި ދެފަހަރެއްގެ މަތިން ބައްދަލުކޮށް އެކަމާއި ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުން ދެކެވަޑައިގަންނަވާ ގޮތެއް އޮޅުން ފިލުވުމަށްޓަކައި ރިޔާސަތުން ހުށަހަޅާ މައްސަލައެއްގެ ގޮތުގައި އަޅުގަނޑު އެބަ ގަސްތުކުރަން މިކަން އެޖެންޑާގައި ހިމެނުމަށް" މޫސާ މަނިކު ވިދާޅުވިއެވެ.

އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ބޭރުގެ ފަރާތްތަކަށް ދައުވަތު ދިނުމާއި ޖަލްސާ ބާއްވާނެ ދުވަހަކާއި ތަނެއް ނިންމުމުގެ ކުރިން އެފަދަ ހުށަހެޅުމެއް މަޖިލީހުން ފާސް ކުރުމަކީ މުހިއްމު ކަމެއް ކަމަށް މޫސަ ވިދާޅުވިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާއިރު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓް ސުޕްރީމް ކޯޓުން ބާތިލްކޮށް އަލުން އިންތިޚާބު ބޭއްވުމާއި އަދި ފަހުން ވޯޓާސް ލިސްޓްގައި ސޮއި ކުރުމުގެ ކަންތައް ދިގުލައިގެން ގޮސް އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުނީ ނޮވެމްބަރ 16 ވަނަ ދުވަހު ކަމަށްވާތީ، ރައީސް އަބްދުﷲ ޔާމީން ރައީސް ކަމުގެ ހުވާ ކުރެއްވީ ނޮވެމްބަރ 17 ގައެވެ.

ޤާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރަކީ މީލާދީ ފަސް އަހަރު ކަމަށް ބުނެފައި އޮންނާތީ ރައީސް ޔާމީންގެ ރިޔާސީ ދައުރު ނިމޭނީ ނޮވެމްބަރ 17 ގައި ކަމަށް ޤާނޫނީ ބޭފުޅުން ވިދާޅުވެއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ރައީސް ޔާމީންގެ ރިޔާސީ ދައުރު ނޮވެމްބަރ 11 ވަނަ ދުވަހު ހަމަވެ، އާރައީސަކު އެދުވަހު ވެރިކަމާއި ހަވާލުވެ ވަޑައިގަންނަވަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޓައްޕު

    - ޤާނޫން އަސާސީގެ 107ވަނަ މާއްދާގައި ވަނީ "ރައީސުލްޖުމަހޫރިއްޔާގެ ދައުރަކީ 5 އަހަރު ދުވަހެވެ". މީލާދީގޮތުންކަމެއް ހިޖުރީގޮތުން ކަމެއް ސާފެއް ނުވެއެވެ.
    - ރައީސް ޔާމީން ހުވާކުރެއްވި 17 ނޮވެމްބަރ 2017އަކީ 13 މުޙައްރަމް 1435ކެވެ.
    - 13 މުހައްރަމް 1440އަކީ 23 ސެޕްޓެމްބަރ 2018ެއެވެ.
    - ހިޖުރީ ގޮތުން 17 ނޮވެމްބަރ 2013އިން ފެށިގެން 5 އަހަރު ހަމަވަނީ 23 ސެޕްޓެމްބަރ 2018 އަށެވެ.
    - ޤާނޫން އަސާސީގެ 113ވަނަ މާއްދާގައި ވަނީ "ނުވަތަ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބް ކުރުމުގައި އެއްވެސް ޚިލާފެއް އުފެދިއްޖެނަމަ އެކަމުގައި ވަކިގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ސްޕްރީމް ކޯޓަށެވެ".
    - ރަޢިސުލްޖުމްހޫރިއްޔާ ހުވާކުރައްވާ ދުވަސް ކަނޑައެޅުމުގައި ޚިޔާލު ތަފާތުވާނަމަ ފަހުބަސް ބުނެވޭނީ ގާނޫން އަސާސީގެ 113ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ސްޕްރީމް ކޯޓަށްކަމުގައި ދެކެމެވެ.