އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް މީގެ ކުރިން ކަނޑައެޅި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައިފިއެވެ.

ޕީޕީއެމް އިން ވަކި ކުރުމާ ގުޅިގެން ޝަހުދީ އާއި މުހައްމާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅީ އިލެކްޝަންސް ކޮމިޝަނުންނެވެ. އެ ކޮމިޝަނުން މިގޮތަށް ކަނޑައެޅީ ސުޕްރީމް ކޯޓުން ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ނެރުނު ހުކުމަށް ރިއާޔަތްކޮށެވެ. އެ ހުކުމް ނެރުނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ. އެ ހުކުމްގައިވާ ގޮތުން ޕާޓީ ބަދަލުކޮށްފިނަމަ ނޫނީ ވަކިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ.

ނަމަވެސް އެ ހުކުމުގެ ކުރިން ވެސް ޕީޕީއެމުން ވަކިވާން އެ ދެ ބޭފުޅުން ސިޓީ ފޮނުވާފައިވާތީ ގޮނޑި ގެއްލުނު މައްސަލަ އެ ދެ ބޭފުޅުން ވެސް ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. މި ދެ ބޭފުޅުންގެ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލާފައިވާއިރު އެ މައްސަލައިގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ.

މުހައްމާ އާއި ޝަހުދީގެ އިތުރުން 10 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް އޭގެތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ މި މަހުގެ ކުރީކޮޅު ހުކުމް ކޮށްފައެވެ.

އެ ހަތަރު މެމްބަރުންނަކީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ) ގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފްއެވެ.