އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، ސްޓެލްކޯގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު ހަވީރު ސްޓެލްކޯގެ މައި އިމާރާތުގައެވެ. މި ބައްދަލުކުރެއްވުމުގައި ސްޓެލްކޯގެ ސީއީއޯ އަހުމަދު ޒުހޫރު އާއި އެހެން ބައެއް އިސް ފަރާތްތައް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ނަމަވެސް މި ބައްދަލުކުރެއްވުމާ ގުޅޭ އިތުރު މައުލޫމާތެއް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމާ އެކު އިބޫ ގެންދަވަނީ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އެކި އޮފީސްތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވަމުންނެވެ.

އިންތިހާބު ކާމިޔާބު ކުރެއްވި ނަމަވެސް އިބޫ މަގާމުގެ ހުވާ ކުރައްވާނެ ދުވަހަކާއި މެދު އަދިވެސް ވަނީ ސުވާލުތަކެއް އުފެދިފައެވެ. އެގޮތުން އެ މައްސަލަ އާއި މެދު ގޮތެއް ނިންމުމަށް އަންނަ އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ހުށަހެޅުމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވަނީ ނިންމަވާފައެވެ.

ރައީސް އަބްދުﷲ ޔާމީން، ރައީސް ކަމުގެ ހުވާ ކުރެއްވީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ކަމަށްވާއިރު، ޤާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރަކީ މީލާދީ ފަސް އަހަރު ކަމަށް ބުނެފައި އޮންނާތީ ރައީސް ޔާމީންގެ ރިޔާސީ ދައުރު ނިމޭނީ ނޮވެމްބަރ 17 ގައި ކަމަށް ޤާނޫނީ ބޭފުޅުން ވިދާޅުވެއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ރައީސް ޔާމީންގެ ރިޔާސީ ދައުރު ނޮވެމްބަރ 11 ވަނަ ދުވަހު ހަމަވެ، އާރައީސަކު އެދުވަހު ވެރިކަމާއި ހަވާލުވެ ވަޑައިގަންނަވަން ޖެހޭނެއެވެ.