ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުނު ފަޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނަމުގެ ބިލަށް ވާހަކަދެއްކެވި މެމްބަރުންގެ ތެރެއިން ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންވަނީ މިބިލަށް ވަރަށް ބޮޑަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވާފައެވެ.

މިބިލަށް ވާހަކަ ދައްކަވަމުން ބިލު ހުށަހެޅުއްވި ފޮނަދޫ ދައިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ ދައުލަތް ބެވިފައިވާގޮތުން އެއްބާރުން އަނެއްބާރަށް، ބާރު ފޯރުވައި ނުފޫޒު ފޯރުމުގެ ފުރުސަތު ލިބިދީފައި ނުވާކަމަށެވެ. އަދި އެއްވެސް ބާރަކަށް ރައީސަަކަށް ހުންނަ ފަރާތް ގާނޫނީ އިމުން ބޭރުން އެއްފަރާތް ކުރުމުގެ ފުރުސަތު ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުރިން ހެދިފައިވާ ގިނަ ގާނޫނުތަކަކީ ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލައި ބަދަލު އަންނަންޖެހޭ ޤާނޫނުތަކެއްކަމަށެވެ.

"ކުރިން ހެދިފައިވާ ގާނޫނުތަކަކީ ރާއްޖެ މިއަދު ދަތުރުކުރާ ބާރު ސްޕީޑުގެ ތަރައްގީއާއި އެކަށީގެންވާ ގޮތަށް ހެދިފައިވާ ގާނޫނުތަކެއް ނޫން. މި ޤާނޫނުތައް ބަދަލު އަންނަން ޖެހޭ" އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޤާނޫނީ ވެރިކަން ބަދަލުކުރުމަށް ގައުމުގެ އެންމެ މަތީ ކޯޓުގެ އެންމެ އިސްދެބޭފުޅުން ޤާނޫނީ އިމުން ބޭރުން ކުރެއްވި މަސައްކަތަކީ މިއަދުު މި އިސްލާހު ގެންނަން ޖެހޭ އެންމެބޮޑު އެއް ސަބަބު ކަމަށެވެ. އަދި އެ ހުކުމުގައި އެބޭފުޅުންނަށް އެއްވެސް ފިޔަވަޅެއް އެޅުމުގެ ބާރެއް އެއްވެސް މުވައްސަސާއަކަށް ނެތްކަމީވެސް މި އިސްލާހު ގެންނަން ޖެހޭ ސަބަބެއްކަމަށް އޭނާ ވިދާޅުވިއެވެ.

މިބިލަށް ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ މި ބިލް މަޖިލީހަށް ވެއްދި ހިސާބުން ފެށިގެން ބައެއް ބޭފުޅުންގެ ގައިން ހީބިހި ނަންގަވައި ނުހަނު ބިރުން އުޅުއްވާކަމަށެވެ. އަދި މިބިލް ފާސް ނުކުރުމަށް އެދި މެސެޖްކޮށް ގުޅައި، ކަންކަން ކުރައްވަނީ ކޮން މަގުސަދެއްގައި ކަމެއް އެނގިވަޑައި ނުގަންނަވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މި ބިލް ފާސްކޮށްނުކުރުމަށް މިހާވަރަށް މި އުޅުއްވާ ސަބަބެެއް އަޅުގަނޑަށް ނުވިސްނޭ. ބައެއްބޭފުޅުން ގައިން ހީބިހި ނަގައި ނިދި ނުކުރެއްވިގެން ފޯނުކޮށް، އެސްއެމްއެސް ކޮށް މި ކުރައްވާ ކަންތަކެއް ހަމަ އެއްގޮތަކަށްވެސް ނޭނގޭ" އަލީ އާރިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި އިސްލާހު ފާސްކުރުމުން އިދިކޮޅު ފަރާތްތަކަށް ގާނޫނީ އިމުގެ ބޭރުން ކޯޓުތަކުން ކުރަން ބޭނުންވާ ކަންކަން ހުއްޓުމަށް ވަރަށްބޮޑަށް ބާރު ލިބިދޭކަމަށާއި، މިބިލް ފާސްކުރުމަކީ އެބޭފުޅުންގެ މަސައްކަތައް އޮތް ވަރަށް ބޮޑު ހުރަހެއް ކަމަށް އެބޭފުޅުން ޤަބޫލު ކުރައްވާކަމަށެވެ.

މިބިލަށް ވާހަކަ ދައްކަވަމުން ރައްޔިތުުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ، ޝަރުއީ ދާއިރާއަކީ މިނިވަން އިންސާފްވެރި ތަނަކަށް ވާންޖެހޭ ކަމަށެވެ. ވައްކަމާއި ފޭރުމާއި މިނޫންވެސް އެހެން މައްސަލަތައް ކޯޓްތަކުގައި މަޑު ޖެހިފައިވާކަމީ ކަންބޮޑުވާ ކަމެެއްކަމަށް އޭނާ ވިދާޅުވިއެވެ. ކޯޓްތަކުގެ ނިންމުންތަކަކީ ގައުމުގެ ތަރައްގީއާއިވެސް ގުޅިގެންދާ ކަންތައްތަކެއް ކަމަށްވާއިރު، ކޯޓްތަކުގެ ނިންމުން އިންސާފްވެރި ވާންޖެހޭކަމަށް ޖަމީލް އުސްމާން ވިދާޅުވިއެވެ.

މިބިލަށް ވާހަކަދެއްކެވި ސަރުކާރު ހިންގާ ޕީޕީއެމްގެ މެމްބަރުން ވަނީ މިބިލް މިހާރުން މިހާރަށް ފާސްކުރުމަށް ވަކާލާތު ކުރައްވާފައެވެ. އަދި ބައެއް މެމްބަރުން ވަނީ މި އިސްލާހު ގެނައުމަށް ދެކޮޅު ހައްދަވާ ބައެއް ފަރާތްތަކަށް ރައްދު ދެއްވައި ވާހަކަފުޅު ދައްކަވާފައެވެ.

ފަޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމަށް މިއަދު ވެރިކަން ކުރާ ޕާޓީން ގެންނަ އިސްލާހާއި ދެކޮޅަށް އެންމެބޮޑަށް ވަކާލާތު ކުރައްވާ އިދިކޮޅު އެމްޑީޕީން ވަނީ ފަޑިޔާރުންގެ ގާނޫނަށް ބޮޑެތި އިސްލާހު ތަކެއް ގެނެސްފައެވެ.

ސްޕްރީމްކޯޓުގެ ބެންޗު 7 އިން 5 އަށް ތިރިކޮށްފައިވަނީވެސް އެމްޑީޕީ އިން ހުށަހަޅައިގެންނެވެ. ފަޑިޔާރުގެއަކީ އިދިކޮޅު އެމްޑީޕީން އެންމެ ބިރުގަންނަ ޖެހިލުންވާ ތަނަށްވާއިރު އެމްޑީޕީގެ ވެރިކަން ނިމިފައިވަނީވެސް ފަޑިޔާރެއްގެ ކިބައިން ސަލާމަތް ނުވެގެންކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެގޮތުން އޭރު ވެރިކަމުގައި ހުންނެވި ރައީސް ނަޝީދުގެ އޯޑަރަށް ކުރިމިނަލް ކޯޓުގެ އިސްފަޑިޔާރު އަބްދުﷲ މުހައްމަދު ހިފާހައްޔަރުކޮށް ރަހީނު ކުރި ކުރުމަކީ އެމްޑީޕީގެ ވެރިކަން ނިމުމުގެ އެންމެބޮޑު އަސްލުކަމަށް އެމްޑީޕީގެ ގިނަ ބޭފުޅުންވެސް ގަބޫލު ކުރައްވައެވެ.