ސިނަމާލެ ބުރިޖު ހެދުމަށްޓަކައި މޫދު ތެރޭގައި ހެދި ވަގުތީ ޕްލެޓްފޯމު ނެގުމުގެ މަސައްކަތް ކުރުމަށް ބުރިޖުގެ ލޭނެއް ބަންދު ކުރަން ހައުސިންގް މިިނިސްޓްރީއިން ހުއްދަ ދީފައިވާ ކަމަށް ބައެއް މަންސަތަކުން ބުނަމުން އަންނައިރު އެކަން ހައުސިންގް މިނިސްޓްރީއިން ދޮގުކޮށްފިއެވެ.

އެގޮތުން ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބުރިޖުގެ އެއްވެސް ލޭނެއް ބަންދުކުރުމަށް އެއްވެސް ފަރާތަކަށް ހުއްދަ ނުދެއްވާ ކަމަށެވެ.

ހައުސިން މިނިސްޓަރ މުއިއްޒު މިހެން ވިދާޅިުވެފައިވާއިރު ސިނަމާލެ ބުރިޖު ހެދުމަށްޓަކައި މޫދު ތެރޭގައި ހެދި ވަގުތީ ޕްލެޓްފޯމު ނެގުމުގެ މަސައްކަތަށް ބްރިޖްގެ ބައެއް ބަންދުކުރަން ހަމަޖެހިފައިވާ ކަމަށް ބްރިޖް ހެދި ކުންފުނި ކަމަށްވާ ޗައިނާގެ ކޮމިއުނިކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ބުނެފައެވެ.

އެގޮތުން އެކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ ވަންގް ޗާއޯ ނެރުއްވި ބަޔާނުގައި ވިދާޅުވީ ބުރިޖު ހެދުމަށް ބޭނުންކުރި ޕްލެޓްފޯމުގެ ބާކީ ހުރި ބައިތައް ނަގައި މޫދަށް އެޅިފައިވާ ކުނިތަށް ނަގައި އެ ސަހަރައްދު ސާފުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި. ޕްލެޓްފޯމުތަކުގެ 61 ދަގަނޑު ހޮޅި އަދިވެސް ނުނެގި ހުރިކަމަށެވެ. އަދި އެހޮޅިތަށް ނަގަން ބުރިޖުގެ އުތުރު ފަރާތު ލޭނު ބަންދުކުރަން ޖެހޭ ކަމަށް ވަންގްގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ބުރިޖުގެ އުތުރު ފަރާތު ލޭނު ބަންދުކުރުމުގެ ހުއްދައަށް ކަމާބެހޭ ސަރުކާރުގެ ވުޒާރާތަކުގައި އެދިފައިވާނެ ކަމަށްވެސް ވަންގްގެ ބަޔާނުގައި ބުނެފައިވެއެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީ އާއި ދިވެހި ސަރުކާރުގެ ޚަރަދުގައި ހަދާފައިވާ ބުރިޖު ރަސްމީކޮށް ހުޅުވައިދެއްވީ، މިއަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެރޭ ރައީސް އަބްދުﷲ ޔާމީނެވެ.