މެންބަރުންގެ ގޮނޑި ގެއްލޭނެ ޝަރުތުތަކެއް ކަނޑައަޅާފައިވާ އެންޓި ޑިފެކްޝަން ގާނޫނު އޮންނަން ޖެހޭނެ ކަމުގައި ގެމަނަފުށީ ދާއިރާގެ މެންބަރ ޖަމީލް އުސްމާން ވިދާޅުވެއްޖެއެވެ.

އެންޓި ޑިފެކްޝަންގެ ގާނޫނޫ އުވާލުމަށް ވެރިކަަން ކުރާ ޕާޓީ، ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ނައިބް ލީޑަރު ރިޔާޒު ރަޝީދު މަޖިލީހަށް މައްސަލައެއް ހުށައަޅައިފައިވާއިރު، މިގާނޫނު އުވާލަން ހުށަހެޅުއްވީ މިގާނޫނުގެ ސަބަބުން ގާނޫނު އަސާސީގައި މެންބަރުންނަށް މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް މެންބަރުންނަށް ހުރަސްތަކެއް ހުރި ކަމަށް ގަބޫލުކުރެއްވޭތީ ކަމަށް ރިޔާޒް ރަޝީދު ވަނީ ވިދާޅުވެފައެވެ.

ރިޔާޒު އެ މައްސަލަ ހުށައެޅުއްވީ އޭނާގެ އަމިއްލަ ހައިސިއްޔަތުންނެވެ. އެންޓި ޑިފެކްޝަންގެ ގާނޫނު އުވާލުމަށް މަޖިލީހަށް މައްސަލައެއް ހުށައެޅުމުން އެކަމާއި ސަރުކާރަށް ނިސްބަތްވާ މެންބަރުންނާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ދަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން އެކަމާއި ބެހޭ ގޮތުން ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ޓްވިޓަރ މެދުވެރިކޮށް ކުރެއްވި ޓްވީޓެއްގައި ވަނީ ރައްޔިތުންގެ ވިސްނުމާއި ދެކޮޅަށް ޕާޓީ ބަދަލު ކުރާ މެންބަރުންގެ ގޮނޑި ގެއްލެން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

"އެންޓި ޑިފެންޝަންގެ ގާނޫނު އޮންނަން ޖެހޭ. ރައްޔިތުންގެ ވިސްނުމާއި ދެކޮޅަށް ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލެން ޖެހޭ. މަޖިލިސްގެ ތަޅުމުގައި ދައްކާ ވާހަކައަކުން، އަދި ވޯޓުދޭ ގޮތަކަށް ގޮނޑި ގެއްލުގެން ނުވާނެ. އެންޓި ޑިފެންޝަންގެ ޤާނޫނު އިސްލާހް ކުރަން ޖެހޭ" ޖަމީލް އުސްމާން ވިދާޅުވިއެވެ.

އެންޓި ޑިފެކްޝަން ގާނޫނެއް އޮންނަންޖެހޭ ކަމަށް ޖަމީލް އުސްމާން ވިދާޅުވެފައިވާއިރު އެގާނޫނު އޮންނަން ޖެހޭނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުވެސް ވަނީ ވިދާޅުވެއްޖެއެވެ.

އެންޓި ޑިފެކްޝަންގެ ގާނޫނު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް މީގެކުރިން ހުށަހެޅި ނަމަވެސް މިގާނޫނު ބާތިލްކޮށްފައި ނުވާއިރު އޭގެބަދަލުގައި އެންޓި ޑިފެކްޝަން ގާނޫނެއް ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ވަނީ ރައްޔިތުންގެ މަޖިލީހަށް ލާޒިމް ވެސް ކޮށްފަ އެވެ.

އެންޓި ޑިފެކްޝަން ގާނޫނު މަޖިލީހުން ފާސްކުރުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ނިންމާ މަޖިލީހަށް އެކަން އަންގާފަ އެވެ. އޭގެ ފަހުން މި 12 މެންބަރުންނަށް މަޖިލީހަށް ވަނުމުގެ ފުރުސަތު ދީފައި ނުވާއިރު މީގެތެރެއިން ހަތަރު މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ ނިންމާފަ އެވެ. އަދި ބާކީ ތިބި އަށް މެންބަރުންގެ މައްސަލާގައި ވެސް ވަރަށް އަވަހަށް ހުކުމް ކުރާނެ ކަަމަށް މިހާރު ބެލެވެ އެެވެ.