ރައްޔިތުން މަޖިލީހުގެ ރައީސް ކަމުގެ މަގާމު ލިބިއްޖެނަމަ މެންބަރުންގެ މުސާރަ 150000 (އެއްލައްކަ ފަންސާސް ހާސް ރުފިޔާ) އަށް ބޮޑުކޮށްދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލައްވަން ނިންމަވާފައިވާ، ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވައުދުވެވަޑައިގަނެފައި ވަނިކޮށް، އެކަމަށް ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ފާޑު ވިދާޅުވެއްޖެއެވެ.

އެގޮތުން ޖަމީލް އުސްމާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުކުރަން ނުޖެހޭ ކަމަށެވެ.

"މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުކުރާކަށް ނުޖެހޭ. ކުރަން ޖެހޭ ކަމަކީ މަޖިލިސްގެ ސެޝަންތަކަށް ހާޒިރު ނުވާ މެންބަރުންނަށް މުސާރަ ކަނޑާނެ އުސޫލެއް މަޖިލީސްގެ ޤަވައިދަށް އިތުރުކުރުން،" ޖަމީލް އުސްމާން ވިދާޅުވެފައިވެއެވެ.

މެންބަރުންގެ މުސާރަ މިހާރަށް ވުރެ 68000 ރުފިޔާ އަދި އިތުރަށް ބޮޑުކުރަން އަދުރޭ ވައުދުވެ ވަޑައިގެންފައިވާއިރު، މަޖިލީސް މެންބަރުންގެ މިހާރުގެ މުސާރަ އަކީ 82،500ރ. އެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި ލިބޭ 42،500ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި ލިބޭ 20،000ރ. އަދި ކޮމިޓީ ތަކަށް ހާޒިރުވާ ނިސްބަތުން ކޮމިޓީ އެލަވަންސްގެ ގޮތުގައި ލިބޭ 20،000ރ. ހިމަނައިގެންނެވެ.

މަޖިލީސް ރައީސްކަން ލިބިވަޑައިގެންފިނަމަ މެންބަރުންގެ މުސާރަ ބޮޑުކުރަން އަދުރޭ ވައުދުވެ ވަޑައިގަތްއިރު މަޖިލީސް މެންބަރުންނަށް މިހާރު ލިބޭ މުސާރަ އަކީ ވެސް ކުރައްވާ މަސައްކަތާއި އެކަށީގެންވާ ވަރަށްވުރެ މާބޮޑު މުސާރައެއް ކަމަށް ގިނަ ބަޔަކު ބަޔަކު ދަނީ ބުނަމުންނެވެ.

މެންބަރުންގެ މުސާރަ ބޮޑުކުރަން އަދުރޭ ވައުދުވެ ވަޑައިގަތް ނަމަވެސް އެއީ މަޖިލީސް ރައީސް އަށް ލިބިވަޑައިގަންނަވާ ބާރެއް ނޫނެވެ. މަޖިލިސް މެންބަރުންގެ މުސާރަ ކަނޑައަޅާނީ މަޖިލިސް މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ނަމަވެސް މެންބަރުންގެ މުސާރަ އާއި މެދު އަލުން ވިސްނާވަޑައިގެން މުސާރަ އަށް ބަދަލެއް ގެންނަން މަޖިލީހަށް ހުށަހެޅުއްވުމުގެ އިހްތިޔާރު މަޖިލިސް ރައީސް އަށް ލިބިވަޑައިގަންނަވައެވެ.

މަޖިލީހުގެ މިހާރުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމާއި އެކު މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އަދުރޭ ކެމްޕޭން ފައްޓަވާފައި ވާއިރު އޭނާ އާއި ދެން ވާދަކުރައްވާނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ިއިބްރާހީމް

    މަޖިލީސް އުވާލަންވީ، މިހާތަނަށް މަޖިލީހުން ކުރެވުނު ފައިދާއެއް ދައްކާލަބަ. ތީ ބޮޑުވަބާއެއް.

  2. ބޮއިކަޓް ޢަލީ

    މިހާރު ތިބި މެންބަރުން ނަށް އަންނަ އިންތިހާބުގައި ވޯޓު ނުދީ، މަޖުލީސް ނުބާއްވަނީ ކުރާނެ މަސައްކަތެއް ނެތީމަ

  3. ބޮއިކަޓް ޢަލީ

    މިހާރު ތިބި މެންބަރުން ނަށް އަންނަ އިންތިހާބުގައި ވޯޓު ނުދީ، ރައްޔިތުންނަށް ކޮންކަމެއް ކޮށް ދެނީ، އަމިއްލަ ފައިދާ އަށް އުޅެބަޔެއް

  4. މަރި

    މިޖަމީލަކީ ވަރަށް ފޭކްމީހެއް، ހިތުން އެގޮތަށް އެބުނަނީ މީހުނަގެ ސަޕޯޓް ހޯދުމަށް

  5. ރަޝީދު

    ތިޔަ މެމްބަރުންނަކީ އިސްލާމީ އުސޫލުން ބަލާއިރު ބާތިލު ބައެއް
    ތިޔަބައިގަޑު ތީ މިގައުމުގެ ހަލާކު

  6. ޢަބްދުﷲ

    ނުކިޔަވާ ހުރި މީހަކަށް ތިމާއަކީ، ކިޔަވައިގެން ހުރި މީހަކު ކަމަށް ހީކުރެވުނަސް އެއީ ޙަޤީޤަތަކަށް ނުވާނެއެވެ. ޔަޢުނީ، ޤާނޫނަކީ، ކޮންއެއްޗެއްކަން ރަނގަޅަށް ނުދަންނަ މީހަކު ޤާނޫނޭ ކިޔައިގެން ވާހަކަ ދެއްކީމާ ކަމަކު ނުދާނެއެވެ.