ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ކުރާ ނިރުބަވެރިކަމުގެ (ޓަރަރިޒަމްގެ) ދައުވާގެ އަޑު އެހުމެއް މާދަމާ ހެނދުނަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

އަމީން ފައިސަލްގެ މައްޗަށް 2016 އޮކްޓޯބަރ 24 ވަނަ ދުވަހު ދުވަހު ދައުލަތުން ނިރުބަވެރިކަމުގެ ދައުވާ އުފުލީ ނަޝީދުގެ ވެރިކަމުގައި ރައީސް އަބްދުﷲ ޔާމީން ޤާނޫނާ ޚިލާފަށް ސިފައިންގެ ބެލުމުގެ ދަށުން ހައްޔަރުކޮށް، ހަފްތާއަކަށްވުރެ ގިނަ ދުވަހު ކ. އާރަށުގައި ބެހެއްޓި މައްސަލައިގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް އަބްދުﷲ ޔާމީން ހައްޔަރުކޮށްގެން އާރަށަށް ގެންގޮސްފައިވަނީ 2010 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ. ޔާމީން ދޫކޮށްލާފައިވަނީ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.

އަމީން ފައިސަލްގެ މައްޗަށް ކުރާ މި ދައުވާގެ އަޑުއެހުންތައް ގިނަ ދުވަސްތަކަކަށް މެދުކެނޑުމަށްފަހު މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާއިރު، މައްސަލައިގެ އަޑު އެހުން ކްރިމިނަލް ކޯޓުގައި ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:30 ގައެވެ. 2016 އޮކްޓޯބަރ 24 ވަނަ ދުވަހު އުފުލި މި ދައުވާގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ 2016 ނޮވެމްބަރު 15 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ގިނަ އަޑުއެހުންތަކެއް މީގެ ކުރިން ބާއްވާފައިވައިވާއިރު، ހެކިންގެ ހެކިބަސް ނެގުންވެސް ވަނީ ނިމިފައެވެ. މި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވާފައިވަނީ ގާޒީ އިބްރާހިމް އަލީއެވެ.

އަމީން ފައިސަލްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކުރިއިރު، މި މައްސަލައިގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ނިރުބަވެރިކަމުގެ ދައުވާއަކާއި، ހައްޔަރު ކުރުމަށް ނެރެފައިވާ ކޯޓު އަމުރެއް ކްރިމިނަލް ކޯޓުން ވަނީ ބުރާސްފަތި ދުވަހު ބާތިލްކޮށް މައްސަލަ އަނބުރާ ފޮނުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަނާނަ މޭން

    މިހިރީ ޔާމިނު ގެންދިޔާމަވީވަރު ދެން ޔާމިނުވިސްނަބަލަ ޔާމިނު ގަދަކަމުން ގޮޑިގެއްލުވާލާ މީހުން ޖަލައްލީމާ އަންނާނެ ހުކުމުގެ ދިގުމިން45އަހަރު

  2. ކަށިމަތި

    އަމީނުގެ ތަޙްޤީގޭ ކިޔައިގެން ކޮންހާ ދެއްކުމެއް ދައްކާކަށް! ތިމަސްސަލަވެސް ކޯޓުބް ބޭރުކޮށްލާފާ އަމީނުގެ ބޮލުގެ ރިހުންވެސް ކަނޑުވާލީމާ އެ ވީ !

  3. ގާޒީނ

    ދެންފަހެ ޝަރީއަތުގައި ފާހަގަ ކުރެވުނު ކަންކަމުގެ މައްޗައް ރިޔާއަތް ކުރުމުން ދޭހަވަނީ އޭނާ އެފަދަ އަމަލު ހިންގާފައިވާ ކަމަށް ނަމަވެސް އިންސާނުން ޖަހާލަތުގެ އަނދިރިން ސަލާމަތް ކުރުމަށް އެހުކުމް ސާބިތުވާވަތުގެ ހެއްކެއް ޝަރީއަތަށް ހުޝަހެޅިފައި ނުވާތި އަމީން ފައިސަލް އަކީ ދުވަހަކުވެސް ކުށެއްކޮއްފައިވާ މީހެއްނޫން ކަމަށް ކަނޑައަޅާ ހުކުމް ކޮއްފީމެވެ