އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރައްވާނެ ތާރީހު ކަނޑައެޅުމާއި ބޮޑު ދެ ގާނޫނެއް އުވާލުމުގެ މަސައްކަތްތަކެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން ނިންމައިފިއެވެ. މިއީ ދެ މަހަށްވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށްފަހު މިއަހަރު ބާއްވާ، މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާއެވެ.

ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާ ހެނދުނު 9:00 ޖަހާއިރު ފެށުމަށް ހަމަޖެހިފައި ވާއިރު، ޖަލްސާގެ އެޖެންޑާގައި ވަނީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 114 ވަނަ މާއްދާގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވާނެ ތާރީހާއި ގުޅޭ މައްސަލަ ހިމަނައިފައެވެ. އެއީ އިބޫ ހުވާކުރައްވާ ޖަލްސާ ބާއްވާނެ ދުވަސް ކަނޑައެޅުމުގެ މައްސަލައެވެ.

އޭގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށައެޅި ގަރާރުގެ މަސައްކަތްތަކާއި އެންޓި ޑިފެކްޝަންގެ ގާނޫނު އުވާލުމުގެ ބިލުގެ މައްސަލައާއި އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލުމުގެ ބިލުގެ މަސައްކަތަށްވެސް ވަނީ މާދަމާގެ ޖަލްސާއަށް ތާވަލްކޮށްފައެެވެ.

މާދަމާގެ ޖަލްސާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށައަޅާފައިވާ މައްސަލައެއް ވެސް ހިމެނެއެވެ. އެއީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކަށް އަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައި އެމަޖިލީހުން ފާސްކުރުމަށްފަހު، އެމަޖިލީހުން ނިންމާ ގޮތުގެ މަތިންކަމަށް ބަޔާންކޮށްފައިވާތީ "ނަގޯޔާ ޕްރޮޓޮކޯލް އޮން އެކްސެސް ޓު ޖެނެޓިކް ރިސޯސަސް އެންޑް ދަ ފެއަރ އެންޑް އިކިއުޓެބަލް ޝެއަރިންގ އޮފް ބެނެފިޓްސް އެރައިޒިންގް ފްރޮމް ދެއަރ ޔުޓިލައިޒޭޝަން ޓުދަ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ" ގައި ދިވެހި ރާއްޖެއިން ބައިވެރިވުމުގެ މައްސަލަ ދިރާސާ ކުރައްވައި ގޮތެއް ނިންމެވުމަށް އެމައްސަލައާއި ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލައެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނަށް އިސްލާހް ގެނެވުމުގެ ބިލު މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީއިން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނެވުމުގެ ބިލު ޤައުމީ ސަލާމަތާއި ބެހޭ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓާއި ދިވެހި ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް އިސްލާހު ގެނެވުމުގެ ބިލު ޤައުމީ ސަލާމަތާއި ބެހޭ ކޮމިޓީއިން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް އިއްވުން ވެސް އޮންނާނެއެވެ.

ގިނަ ދުވަސްތަކަކަށް ފަހު މަޖިލީސް މާދަމާ ފަށާއިރު، ޕީޕީއެމްގެ ގިނަ މެންބަރުން ހިމެނޭ ގޮތަށް 51 މެންބަރުންގެ ސޮޔާއެކު ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލައެއް ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ހުށަހަޅައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލީ

    ފުރަތަމަ އެޖެންޑާގެ ތިއޮތީ ތި މަޖިލީހުގައި ބަހުސްކުރެވިގެންވާނެ ކަންކަމެއްނޫން. އެއީ އެއިން އެއްވެސް ކަމަކީ މުޅި ރައްޔިތުންނާ ގުޅިފައި ހުރިކަންކަން ކަމަށް ނުވާތީ، ވަކި ފަރުދަކަށް ކަމެއްކުރަން ގަރާރާ ޤާނޫނު ހެދުމުގެ ބާރެއް ތި މަޖިލީހަކަށް ނޯންނާނެ، އެ ދެ މައްސަލަ އެޖެންޑާއިން ނެގުމަށް ގޮވާލަން. އަދި އެކަންކަމަކީ ޤާނޫނުތަކުގައި ވަކިގޮތަށް ލިޔެވި ނިމިފައިހުރިކަންކަން، އެގޮތަށް އެކަންކުރުމަށް ޤާނޫނީ ސަރުކާރެއް ހިންގުމަށް ޖާގަދެއްވަން ގޮވާލަން.

  2. ދިއްދޫ

    މާދަމާ ޖަލްސާގަ ރިޔާސަތުގަ އިންނާނީ މަސީހުތަ؟ ކޮބާ ހޭބަލިވެގެން ރިޝްވަތުނެގި މެންބަރުންތައް؟ ނުދާންބުނި ގުންޑާއިންތައް؟ ހީވަނީތަ ދެންއޮންނަ މަޖިލީހަށް ހޮވޭނެޔޭ. ލާހިކެއްނޫން ތިޔައިން އެކަކަށްވެސް ދެން ދައުރަކަށް ހޮވޭކަށެއް؟ ކޮބާ ސީފުޑު ވަގުމުސްތަފާ