ޕީޕީއެމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ހަވާލުކުރުމަށް އެދި ޕީޕީއެމްގެ އާންމު މެންބަރަކު ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް މާދަމާއަށް ސިވިލް ކޯޓުގައި ތާވަލުކޮށްފިއެވެ.

ޕީޕީއެމުން މިދިޔަ މަހުގެ ތެރޭގައި ބޭއްވި ކޮންގްރެސް އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައި ނުވާތީ އެކަންކަމަށް ރިއާޔަތްކޮށް ރައީސް މައުމޫނަށް ޕީޕީއެމް ހަވާލުކުރުމަށް ކޯޓުން ހުކުމެއް ކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:45 ގައެވެ.

ސިވިލް ކޯޓުން ގޮތެއް ނިންމަންދެން ރައީސް މައުމޫނަށް ޕީޕީއެމް ހަވާލުކުރުމަށް އަމުރެއް ނެރެދިނުމަށްވެސް ކޯޓުގައި އެދިފައިވާއިރު މި މައްސަލަ ހުށައެޅި އަހްމަދު ރަޝީދުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މިމައްސަލާގައި ވަކާލާތުކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު އެވެ.

ރައީސް ޔާމީނާއި ރައީސް މައުމޫންއާ ދެމެދު ހިޔާލު ތަފާތުވުންތައް ބޮޑުވެ، ޕީޕީއެމްއިން ރައީސް މައުމޫން ވަނީ ބޭރުކޮށްފަ އެވެ. ޕީޕީއެމް، ރައީސް ޔާމީނާ ހަވާލުކުރީ ސިވިލް ކޯޓުން 2016 ވަނަ އަހަރު ކުރި ހުކުމަކުންނެވެ. އެ ހުކުމް ރައީސް މައުމޫން އިސްތިއުނާފު ކުރި ނަމަވެސް ނިންމީ ރައީސް ޔާމީނާ އެއްކޮޅަށެވެ.

ޕީޕީއެމް ރައީސް ޔާމީނަށް ހަވާލުކުރި އަމުރެއްގައި ބުނެފައިވަނީ އެ އަމުރު ނެރުނު ވަގުތުން ފެށިގެން ކުރިއަށް ހިނގާ 24 ގަޑިއިރުގެ ތެރޭގައި ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ރިޔާސަތުގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށްފަހު ޕީޕީއެމް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ކައުންސިލުން ގޮތްތަކެއް ނިންމުމަށެވެ.

މިއަމުރާ ގުޅިގެން ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށްފަހު އެ ދުވަހުން ފެށިގެން ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން ޕީޕީއެމްގެ ކައުންސިލުން ވަނީ ނިންމާފަ އެވެ.

ޕީޕީއެމް މަޢުމޫނާ ހަވާލު ކޮށްދިނުމަށްއެދި ހުށަހެޅި މައްސަލަ ސިވިލް ކޯޓުގައި ކުރިއަށްދާއިރު، މި މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން ޕީޕީއެމްގެ މިހާރުގެ ލީޑަރޝިޕާ އެއްވެސް މުޢާމަލާތެއް ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި ރައީސް މަޢޫމޫން ޕީޕީއެމް އިން ވަކިކުރި މައްސަލަވެސް އަލުން ބެލުމަށް އީސީން ވަނީ ނިންމާފައެވެ.

ޕީޕީއެމް ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމާ އާ ކޯޓުން ހަވާލުކޮށްފާނެ ކަމަށް ބެލެވިފައިވާއިރު، ޕީޕީއެމްގެ ކައުންސިލް ވައިބަރ ގްރޫޕްގައި ދެކެވިފައިވާ ވާހަކަތަކުގެ ތެރޭގައި ޕީޕީއެމް އުވާލުމަށް ހުށަހެޅުމަށް މެންބަރު ފަލާހު ހިޔާލު ދެއްވާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާނު

    ކޮން ޝަރީއަތެއް މިހާރު ވާނީ ހުކުމް ލިޔެ ނިންމާފަ. އޮތީ މައުމޫނު ބަލާ ސާއަތުގައި ހަވާލުވުން އަދުލުގެ ނިޒާމު ވަނީ ވޭނީ އަޖަލެއްގަ ޖެހި އިންސާފު ގަރަގު ވެފަ

  2. ހުސޭނުބޭ

    މިހާރު ސްޕްރީމްކޯޓް ހިންގާ އިމާރާތް އެމަނިކުފާނާ ހަވާލުނުކުރާހާ ހިނދު ހިތަށް ތަސައްލީއެއް ނުލިބޭނެ!