ވިލާ ކޮލެޖުން ހިންގާ އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑާ (ޔޫޑަބްލިއުއީ) ގެ ޕްރޮގްރާމްތަކުން 319 ދަރިވަރުން ގްރެޖުއޭޓްވެއްޖެ އެވެ.

މި ދަރިވަރުން ދަސްވެނިވުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި އެ ރަސްމިއްޔާތުގައި، ވިލާ ކޮލެޖުގެ ފައުންޑަރު ޤާސިމް އިބްރާހީމާއި ޔޫޑަބްލިއުއީގެ ވައިސް ޗާންސެލާ ޕްރޮފެސަރު ސްޓީވް ވެސްޓް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

319 ދަރިވަރުން ދަސްވެނިވި މި ރަސްމިއްޔާތުގައި ރަނގަޅު ނަތީޖާ ހޯދައިގެން އަށް ދަރިވަރަކަށް ކޮލެޖް މެޑަލް ދީފައިވާއިރު، ގާސިމް އިބްރާހިމްގެ އެވޯޑު ހަ ދަރިވަރަކު ހާސިލްކޮށްފައިވެއެވެ.

މި ކުލަގަދަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ، ވިލާ ކޮލެޖާ ޔޫޑަބްލިއުއީ ގުޅުމަކީ އެ ކޮލެޖަށް ލިބުނު ވަރަށް ބޮޑު އެހީއަކާއި ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މީގެ 11 އަހަރު ކުރިން ވިލާ ކޮލެޖް އުފެއްދީވެސް ބޭރުގެ ފެންވަރުގެ ރަނގަޅު ޕްރޮގްރާމްތައް، ރާއްޖޭގައި ތިބެގެން ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކަމަށްވެސް އަންވަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އަންވަރު އިތުރަށް ވިދާޅުވީ، ވިލާ ކޮލެޖުން ހިންގަން ފެށި މި ޕްރޮގްރާމްގެ ފައިދާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުން އަންނަ ދަތިވަރުންނަށް ކޮށްފައިވާ ކަމަށެވެ. 2015 ވަނަ އަހަރު ވިލާ ކޮލެޖުން ޔޫޑަބްލިއުއީގެ ކޯސްތައް ފެށީ ހަތަރު ޕްރޮގްރާމާއެކު ނަމަވެސް، މިހާރު އެ ކޮލެޖުން ތަފާތު ލެވެލްގެ 24 ޕްރޮގްރާމް ކުރިއަށް ގެންދަވާކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫޑަބްލިއުއީގެ ވައިސް ޗާންސެލާ ޕްރޮފެސަރު ސްޓީވް ވެސްޓް ވަނީ މަތީ ތައުލީމް ހާސިލްކޮށްދިނުމަށް ޤާސިމް އިބްރާހީމް ކޮށްދެއްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކޮށް، ޤާސިމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އެ ޔުނިވާސިޓީގެ ޕްރޮގްރާމްތަކުން ގްރެޖުއޭޓްވި ދަރިވަރުންނަށް މިއަދަކީ ތާރީހީ ދުވަހެއް ކަމަށްވެސް ސްޓީވް ވެސްޓް ވިދާޅުވިއެވެ.

ދިވެހިންގެ އިތުބާރު ލިބިފައިވާ މަޝްހޫރު ޕްރައިވެޓް ކޮލެޖް، ވިލާ ކޮލެޖުން ހިންގާ ޔޫޑަބްލިއުއީގެ ފަސް ކޯހަކުން ވޭތުވެދިޔަ އަހަރު 131 ދަރިވަރުން ގްރެޖުއޭޓްވެފައިވާއިރު، އެ އަދަދު މިއަހަރު ވަނީ 14 ޕްރޮގްރާމާއެކު 319 އަށް އިތުރުވެފަ އެވެ. އޭގެ ތެރެއިން 75 ދަރިވަރުންނަކީ މާލޭން ބޭރުގައި ތިބެގެން މަތީ ތައުލީމް ހާސިލްކުރި ދަރިވަރުން ކަން ވިލާ ކޮލެޖުން ފާހަގަ ކުރައްވައެވެ.