ރައްޔިތުން މަޖިލީހަށް ހޮވިވަޑައިގަންނަވާ އިރު މެންބަރުން ތިބި ޕާޓީ ބަދަލުކޮށްފިނަމަ، ނުވަތަ ނިސްބަތްވާ ޕާޓީ އިން ވަކިކޮށްފިނަމަ ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުން ވަކިކުރެވޭ ގޮތައް އޮތް އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ފާސްކޮށްފިއެވެ.

ޕީޕީއެމްގެ މެންބަރުންތަކެއް ޕާޓީ ދޫކޮށްލުމުން އެމެންބަރުންގެ މެންބަރުކަމާއި މެދު ސުވާލު އުފެއްދުމުގެ ބޭނުމުގައި ޕީޕީއެމް އިން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް މިދިޔަ ބުރާސްފަތި ދުވަހު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާ އަށް މި ގާނޫނު އުވާލަން އެޖެންޑާ ކޮށްފައިވާއިރު، 14 މެމްބަރުންނާއެކު ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއް މިއަދު ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި ދެ މެމްބަރުން ފިޔަވައި އެހެން މެމްބަރުން ވަނީ މި ގާނޫނު އުވާލަން ތާއީދުކޮށްފައެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން މި ގާނޫނު އުވާލަން ދެކޮޅު ހަދާފައިވަނީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއުއެވެ.

އެންޓި ޑިފެކްޝަން ގާނޫނުގެ އިތުރުން އަބުރުގެ ގާނޫނު އުވާލުމުގެ މައްސަލަ ވެސް މާދަމާގެ ޖަލްސާ އަށް އެޖެންޑް ކޮށްފައިވެއެވެ. މިއަދު ބޭއްވި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި މި ބިލުތަކަށް ވަކި ގޮތަކަށް ވޯޓު ދިނުމަށް ވިޕެއް ނެރެފައެއް ނުވެއެވެ.

އެންޓި ޑިފެކްޝަން ގާނޫނުގެ ސަބަބުން މަޖިލިސް މެންބަރުން ގަނެ ވިއްކުމުގެ ވިޔަފާރި ހުއްޓުމަކަށް އައިސްފައި ވީނަމަވެސް އެޤާނޫނު އުވާލުމާއި އެކު އަނެއްކާވެސް ޕާޓީ ބަދަލު ކުރުމަށް މަޖިލިސް މެންބަރުންނަށް އެއްވެސް ހުރަހެއް ނޯންނާނެއެވެ. އެހެންކަމުން އެޤާނޫނު އުވާލުމަކީ މަޖިލިސް މެންބަރުންނަށް ނާޖާއިޒް ފައިދާތަކެއް ނަގަން ލިބޭ އިތުރު ފުރުސަތަކަށް ވެގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ބޯހަލާކު

  އެންޓި ޑިފެކްޝަން އުވާލާފަ ވޯޓް ހޯދަން އަންނައިރު ތިޔަވިޔާފާރި ކުރަން ރައްޔިތުން މިތިބީ ތައްޔާރަށް.

 2. އިއްބެ

  މިވަގުތަށް ސަޅި. އެހެންމީހުން ވެސް ކަންކަން ކުރަނީ އެވަގުތަކަށް ތިމާމެންނަށް ފައިދާ ބޮޑުވާނެހެން ހީވާ ގޮތްގޮތަށް. މަށަށް މިވަގުތަށް ތި ނިންމުން ޕޕމ އިން ނިންމަން ހަމަ ވަރަށް ސަޅި. ޙަބޭސް

 3. ޢިބުރާ ހއ

  ހޯ ހޯ ހޯ ތިކަން ދޫކޮށްލާ! އަނެއްފަޅިން ކުރާނެ ތިކަން. އޭރުން އަޅުގަނޑުމެންނަށް (ޕޕމ އަށް) ދެކޮޅުންވެސް އިން ޝާ ﷲ ފައިދާ ވާނެ.

 4. ރައްޔިތު މީހާ

  ރައްޔިތު މީހާ ކައިރިއަށް އަންނަ ދުވަސް ވެސް ހަދާން ކޮށްގެން ރައްޔިތު މީހާ ވެސް މީނީ ފިސާރި ކެރިގެން ތިކަމަށް ނިކުމެ! ކުޅި ދައްކާލާނަން ދެން އައިއްސިއްޔާ!

 5. ރައްޔިތު މީހާ

  ރައްޔިތު މީހާ ކައިރިއަށް އަންނަ ދުވަސް ވެސް ހަދާން ކޮށްގެން ރައްޔިތު މީހާ ވެސް މީނީ ފިސާރި ކެރިގެން ތިކަމަށް ނިކުމެ! ކަލޭމެންގެ އަތުގައިވެސް ދަތް ހުރި ދުވަހު ރަނގަޅަށް ކާށި ކާލާ! ތިޔަ ވިޔަފާރި އަށް ދެން އަންނަ ފަހަރަށް ރަނގަޅަށް ރނގަޅަށް މިތިބީ ތައްޔާރަށް!