ދެމަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު މިއަދު ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ފަށައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު މެންބަރުންނާއި ސަރުކާރަށް ތާއިދު ކުރައްވާ މެންބަރުން ވެސް ދަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާ މެންބަރުންގެ ތެރޭގައި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ހިމެނެއެވެ.

އިދިކޮޅު މެންބަރުން މިއަދު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަމުން ގެންދަވަނީ އެބޭފުޅުން މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިނުގަންނަވާތާ ދޮޅު އަހަރެއްހާ ދުވަހަށް ފަހު އެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ހުރި ކަންކަމުގެ ތެރޭގައި އެންޓި ޑިފެކްޝަން ގާނޫނާއި އަބުރުގެ ގާނޫނު އުވާލުމުގެ ބިލާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރު ހިމެނެ އެވެ. އަދި އިންތިޚާބީ ރައީސް، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެރިކަމުގެ ހުވާ ކުރައްވާނެ ދުވަހަކާ މެދު ގޮތެއް ނިންމުމަށް ވެސް އެޖެންޑާކޮށްފައިވެ އެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސަ މަނިކު އެވެ.

މި އަހަރުގެ ތެރޭގައި ބޭއްވި މަޖިލިހުގެ ޖަލްސާތަކުގެ ތެރެއިން ފުރަތަމަ ދައުރުގައި 11 ޖަލްސާ އަދި ދެވަނަ ދައުރުގައި 13 ޖަލްސާއާ އެކު، ބާއްވާފައިވަނީ ޖުމްލަ 24 ޖަލްސާ އެވެ. އެހެންވެ، މި އަހަރަކީ އެންމެ މަދުން މެމްބަރުން މަސައްކަތް ކުރެއްވި އެއް އަހަރަށް ވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަޒޫ

    އެމީހުންނަށް ލާރިލިބެއެއް ބަރާބަރަށް ދެން ކީއްކުރަން މަޖިލީހުގެ ޖަލްސާ ބާއްވަނީ. މިމީހުންގެ ހާލަތުހުންނަގޮތް އަދިވެސް ބުނާނެ ރައްޔިތުންނަށްޓަކައޭ އަހަރެމެން މަސައްކަތް ކުރަނީ. ބޯހަލާކު