ރައްޔިތުން މަޖިލީހުގައި ތިއްބެވި ސަރުކާރާއި ދެކޮޅު މެންބަރުން 15 މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު މިއަދު ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންފިއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް ކަމުގެ މަގާމުން އަބްދުﷲ މަސީހް މުހައްމަދު ވަކިކުރަން މަޖިލީހަށް ހުށަހެޅި މައްސަލަ އަށް ފަހު އުފެދުނު ޚިޔާލުތަފާތުވުން ތަކަށް ފަހު އިދިކޮޅު މެންބަރުން މަޖިލިސް ޖަލްސާތައް ބޮއިކޮށް ކުރެއްވީ މިދިޔަ އަހަރުގެ ދެވަނަ ދައުރުން ފެށިގެންނެވެ. އޭގެ ފަހުން އިދިކޮޅު މެންބަރުން މަޖިލީހުގެ ޖަލްސާތަކަށް ވަޑައެއް ނުގަންނަވައެވެ. ނަމަވެސް ކޮމެޓީތަކަށް ވަޑައިގަންނަވައެވެ.

އެއީ ކޮމެޓީތަކަށް ވަޑައިނުގަންނަވާ މެންބަރުންނަށް ކޮމެޓީ އެލަވަންސްގެ ގޮތުގައި 20000 ރުފިޔާ ލިބިވަޑައި ނުގަންނަވާނެތީއެވެ. މަޖިލިސް ޖަލްސާ އަށް ވަޑައިނުގެންނެވި ނަމަވެސް މަޖިލީހުން މުސާރަ ލިބިވަޑައިގަންނަވާނެއެވެ.

އެހެންކަމުން ފާއިތުވި 15 މަސް ދުވަސް ތެރޭގައި މަޖިލިސް ޖަލްސާ އަށް ވަޑައިނުގެން އިދިކޮޅު ކޮންމެ މެންބަރަކު ވަނީ މުސާރައިގެ ގޮތުގައި 1.2 މިލިއަން ރުފިޔާގެ މުސާރައެއް ނަންގަވާފައެވެ. އިދިކޮޅު މެންބަރުންގެ ގޮތުގައި ފާއިތުވި ދޮޅު އަހަރު ދުވަސް ތެރޭގައި 47 މެންބަރަކު މަސައްކަތް ކުރެއްވިއެވެ. އޭގެތެރެއިން މަޖިލީހުގެ ގޮނޑި ގެއްލިފައިވާ 12 މެންބަރުންނާއި، ކުށެއް ސާބިތުވެ، މަޖިލީހުގެ ގޮނޑި ގެއްލުނު ގާސިމް އިބްރާހިމް އުނިކުރުމުން އިދިކޮޅު މެންބަރުންގެ ގޮތުގައި 34 މެންބަރުން ތިއްބަވާނެއެވެ. އެ 34 މެންބަރުން ވާނީ 15 މަސް ދުވަސް ތެރޭގައި މަޖިލިސް އަށް ހާޒިރު ނުވެ، މުސާރައިގެ ގޮތުގައި 41820000 (ސާޅީސް އެއްމިލިއަން އަށްލައްކަ ވިހިހާސް ރުފިޔާ) ނަންގަވާފައެވެ.

މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އަދި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވެސް މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގާސިމް އިބްރާހިމް ވެސް މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދުގެ ޖަލްސާ އަށް ފަހު ޖަލްސާއަށް ހާޒިރުނުވެ، މެންބަރުން މުސާރަ ނަންގަވާ މައްސަލަ މިވަނީ ހައްލު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރިބާ މާސްޓަރ

    ހަރާން ލާރި ކައިގެން ހަރާންކޯރުވާ ހަރާން މަޖްލިސް... ޝުކުރިއްޔާ

  2. އައްޑެ

    ކަލޯމެންނޭ، ހަރާމެއް ހަލާލެއް ބަލާނެކަމެއްނެތް، ކަރުގަ އަޅައިނުގަނަނަމަ އަވަހަށް ދިރުވާލާ. މަޖިލީސް ތީ ބޮޑު ވަބާއެއް. ހުރިހާ އެންމެން ކަނޑާލާ.

  3. ޖަހާންގީރު

    މީ ދިވެހި ރައްޔިތުންނަށް ޙައްޤު ހޯދަދޭން އުޅޭ މީހުންގެ ހާލަތަކީ ! ސާބަސް !

  4. ނަޒޫ

    ދެން ތިކަންތައް ހައްލުވާނެންނު އެމީހުން ބޭނުންވާގޮތަށް މައްސަލަތައް ނިންމަން މެޖޯރިޓީ ލުބުނީމަ. ހުސް ހަރާމް ލާރި. ބޯހަލާކު. އަޅުގަނޑުގެ ހިތަށްއަރާ މިހުރިހާ ލާރިހިފާގެން އެމީހުން ވަންނާނީ ކޮންތާކަށްބާއޭ ޤިޔާމަތް ދުވަހުން. ބިރުގެ ކަންފުޅެއްވެސް މިތިބިމީހުންގެ ނެތް.

  5. Anonymous

    މިލިއަނުން ވަގު ލާރި ކާއިގެން ތިބޭ. ޢަބަދު ހުންނާނީ ބަނޑުން ހޫނުދިލަ އަރާފަ

  6. އަޙްމަދު

    15 މަސް ދުވަހު ނެގި މުސާރަ ސަރުކާރާ ޙަވާލު ކުރުމަށް ގޮވާލަން. 50 ވަރަކަށް މިލިއަން ރުފިޔާ ސަރުކާރަން ވަންނަން ޖެހޭ. މިފައިސާ އަނބުރާ ނުދައްކަންޏާ ކޮބާތޯ ތިބުނާ އިންސާފް. ކޮންބަޔަކަށްތޯ ވަގަށް ތިގޮވަނީ.

  7. ޢަބްދުﷲ

    އުފެއްދުންތެރިންގެ ތެރޭގައި މެންބަރުންވެސް ހިމެނޭނެއެވެ.