ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އިތުރަށް މޫސުން ގޯސްވެ، ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބ.އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

ވައިޓް އެލާޓް ނެރެފައި ވަނީ މިރޭ އިރުއޮއްސި 19:00 އާއި ހަމައަށެވެ.

ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ގުގުރުން އެކަށީގެންވޭ. އަދި މެދުތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނޭ ކަމަށްވެސް ލަފާކުރެވޭ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު އުތުރު އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާ 10 މޭލު ދެމެދުގެ ބާރުމިނުގައި، މެދުތެރެއާއި ދެކުނު އަތޮޅުތަކަށް ހުޅަގުދެކުނާއި ހުޅަގުން ގަޑިއަކު 10 މޭލާ 18 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

އުތުރުއަތޮޅުތަކުގެ ކަނޑުތައް މަޑުވާނެ ކަމަށާއި އަދި މެދުތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ބޯކޮށް ވާރޭވެހިދާނޭކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.