މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ގިނަ މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެއެވެ.

މިއަދު ހެނދުނުން ފެށިގެން މާލެއަަށް މެދުކެނޑުމެއް ނެތި ކުރަމުންދާ ވިއްސާރައިގައި މާލޭގެ ބޮޑެތި މަގުތަށް ހިމެނޭހެން ގިނަ މަގުތަކެއްގައި ފެންބޮޑުވެ ހިނގާބިގާވެ އުޅޭ ފަރާތްތަކަށް މަގުތަށް ބޭނުންކުރުމުގައި ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވެފައި - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އަދި ބައެއް މަގުތަކުގައި ފައިގެ ތަނބިކަށްޓަށް ވުރެ މައްޗަށް ފެންބޮޑުވެފައިވާއިރު މަގުތަކުން ދުއްވާ އުޅަދުފަހަރުތަކަށް ވެސް ވަނީ މަގުތަށް ބޭނުން ކުރުމުގައި ތަކުލީފުތަކާއި ކުރިމަތިވެފައެވެ.

މާލެއަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެންބޮޑުވެފައިވާއިރު ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އިތުރަށް މޫސުން ގޯސްވެ، ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބ.އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވެފައި - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު އުތުރު އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާ 10 މޭލު ދެމެދުގެ ބާރުމިނުގައި، މެދުތެރެއާއި ދެކުނު އަތޮޅުތަކަށް ހުޅަގުދެކުނާއި ހުޅަގުން ގަޑިއަކު 10 މޭލާ 18 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

ބޯކޮށް ވާރޭވެހިދާނޭކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޅޮލަ

    ސިނގަޕުރު ނިއުޔޯކް އަރި ޓޯކޮޔޯ ސިޓީ ގެ ފޮޓޯތަކެއް ނޫންކަން ކަށަވަރު އެހެންވީމަ ތިއީ މާލެ ކަމަކަށްވެސް ގަބޫލެއް ނުކުރެވޭނެ