މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

ޔެލޯ އެލާޓް ނެރެފައިވަނީ ކ.އަތޮޅުން ފެށިގެން ލ.އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށެވެ. އެލާޓް ނެރެފައިވަނީ މިއަދު އިރުއޮއްސި ހަޔެއް ޖެހުމާއި ހަމައަށެވެ.

މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު އުތުރު އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާ 10 މޭލު ދެމެދުގެ ބާރުމިނުގައި، މެދުތެރެއާއި ދެކުނު އަތޮޅުތަކަށް ހުޅަގުދެކުނާއި ހުޅަގުން ގަޑިއަކު 10 މޭލާ 18 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

އުތުރުއަތޮޅުތަކުގެ ކަނޑުތައް މަޑުވާނެ ކަމަށާއި އަދި މެދުތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ބޯކޮށް ވާރޭވެހިދާނޭކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.