މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ވަޅިން ހަމަލާދީ މަރާލި ހާރިސް އަބްދުލް ޣަފޫރު މަރާލި މީހާ، ގޭ ބަންދުން ޖަލު ބަންދަށް ބަދަލުކޮށްފިއެވެ.

މި މައްސަލާގައި ދައުވާކޮށްފައިވަނީ ޏ. ފުވައްމުލައް، ހިލްޓަން ޔާމީން ރަޝީދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

ހާރިޝްގެ މަރުގެ ދައުވާލިބޭ ޔާމީން ރަޝީދުގެ ގޭބަންދަށް ބަދަލުކޮށްފައިވަނީ، އޭނާގެ ދިފާއުގައި ހުށަހެޅި މެޑިކަލް ޑޮކިއުމެންޓްސްތަކަށް ރިއާޔަތް ކުރެއްވުމަށްފަހު، 2018 އޮގަސްޓް 07 ވަނަ ދުވަހު ކްރިމިނަލް ކޯޓުންނެވެ. އެ ނިންމެވުން ނިންމެވީ ގާޒީ އާދަމް އާރިފް ނަމަވެސް މިހާރު މައްސަލަ ބައްލަވާ ގާޒީ ވަނީ ބަދަލުވެފައެވެ.

މައްސަލަ ބައްލަވާ ގާޒީ ބަދަލުވުމަށްފަހު ބޭއްވި ފުރަތަމަ އަޑުއެހުމުގައި މިއަދު ދައުލަތުގެ ފަރާތުން ޔާމީން ރަޝީދުގެ ބަންދު ރިވިއު ކޮށްދިނުމަށް އެދިފައިވަނީ، އެކަމަށްޓަކައި މީގެ ކުރިން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ސިޓީއަކަށް ރިއާޔަތް ކުރެއްވުމަށްފަހުއެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ، ޔާމީން ރަޝީދަކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ލިބޭ ފަރާތަކަށްވާއިރު، ގޭބަންދުގައި ބަހައްޓައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެ، މައްސަލައިގެ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލް އޮތަތީވެ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިދިނުމަށް އެދިލައްވާ ކަމަށެވެ.

ދައުލަތުން ވިދާޅުވީ، ޔާމީން ރަޝީދު ގޭބަންދަށް ބަދަލުކޮށްފައިވަނީ 2015 ވަނަ އަހަރު އިންޑިއާގެ ނިމްސް ހޮސްޕިޓަލުން އޭނާ ފަރުވާ ހޯދުމަށްފަހު ދީފައިވާ "ޑިސްޗާޖް ސަމަރީ" އަށް ރިއާޔަތްކޮށް ކަމަށާއި، 2018 ވަނަ އަހަރު އެ ލިޔުންތަކަށް ބެއްލެވުމަށްފަހު ގާޒީ އޭނާ ގޭބަންދަށް ބަދަލުކޮށްފައިވާކަމީ ދައުލަތުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށާއި، ނަމަވެސް މިހާރުން މިހާރަށް ޖަލު ބަންދަށް ބަދަލުކޮށްދިނިމަށް އެދޭ ކަމަށްވެސް ދައުލަތުގެ ވަކީލުން ކްރިމިނަލް ކޯޓުގައި ވިދާޅުވިއެވެ.

ދައުލަތުން އިތުރަށް ފާހަގަ ކުރެއްވީ މިބާވަތުގެ މައްސަލައެއްގައި މިއަހަރު ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ނިންމެވުމަކަށެވެ. ދައުލަތުން ވިދާޅުވީ، އެ ނިންމެވުމަށް ބަލާއިރު، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 5 ވަނަ ނަންބަރުން ފެށިގެން 9 ވަނަ ނަންބަރުގެ ދަށުން އުފުލޭ ދައުވާތަކުގައި ދައުވާ ލިބޭ ފަރާތްތައް ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުގައި ބަހައްޓަން އަމުރު ކުރުމަށް ގާޒީއަށް ލާޒިމް ވާނެ ކަމަށެވެ. އަދި މި ދައުވާ އުފުލާފައިވަނީ އެ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުންކަންވެސް ދައުލަތުން ފާހަގަ ކުރެއްވިއެވެ.

ދައުލަތުގެ މި ވާހަކަތަކަށް ރައްދު ދެއްވައި ޔާމީން ރަޝީދުގެ ދިފާއީ ވަކީލް ވިދާޅުވީ، ދައުލަތުން ފާހަގަކުރާ ގަޒިއްޔާގައި ބުނެފައިވަނީ އާއްމު ހާލަތުގެ ވާހަކަ ކަމަށާއި، މަތީ ކޯޓުތަކުން އާއްމު ހާލަތަށް ރިއާޔަތްކޮށް ނިންމަވާ ނިންމެވުންތައް ހުރިހާ ހާލަތްތަކަށް ނުފެތޭނެ ކަމަށެވެ. އަދި ޔާމީން ރަޝީދު ގޭބަންދަށް ބަދަލުކޮށްފައިވަނީ ޚާއްޞަ ހާލަތަކަށް (ބަލި ހާލަތަށް) ބައްލަވައި، ހައިކޯޓުގެ ގަޒިއްޔާއަކާ ހަވާލާދެއްވައި ކަމަށްވެސް ދިފާއީ ވަކީލް ވިދާޅުވިއެވެ.

ޔާމީން ރަޝީދުގެ ދިފާއީ ވަކީލް ވިދާޅުވީ، ކްރިމިނަލް ކޯޓުން މުވައްކިލް ގޭބަންދަށް ބަދަލުކުރަން ނިންމާފައިވާ ނިންމުން ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، ހައިކޯޓުން ގޮތެއް ނުނިންމަވަނީސް ކްރިމިނަލް ކޯޓުން އަނެއްކާ ބަންދާމެދު ގޮތެއް ނިންމެވުމަކީ އެންމެ ރަނގަޅު ގޮތަށް ވާނެކަމަށް ޤަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ.

އިތުރަށް ދިފާއީ ވަކީލް ވިދާޅުވީ، ތޫނު ހަތިޔާރުން ހަމަލާދީ އަނިޔާތަކެއް ލިބިފައިވާ ޔާމީން ރަޝީދު ހޮސްޕިޓަލަކުން ފަރުވާދީ ޑިސްޗާޖް ކުރުމަކީ އެއީ އެތެރެހައްޓަށް ލިބިފައިވާ އަނިޔާތަށް މުޅިން ރަނގަޅުވުން ނޫން ކަމަށެވެ. އަދި 10 މަހަށްވުރެ ގިނަ ދުވަހު ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުގައި ބަހައްޓާފައިވާއިރު، ޔާމީން ރަޝީދުގެ ފުލް ބޮޑީ މެޑިކަލް ޗެކަޕެއް ހަދާފައި ނުވާކަމަށްވެސް ދިފާއީ ވަކީލް ވިދާޅުވިއެވެ.

ހަމައެއާއެކު ގޭ ބަންދުގައި ބަހައްޓާފައިވާ މުއްދަތުގެ ތެރޭގައި މުޖުތަމައަށް ނުރައްކާވާފަދަ އެއްވެސް އަމަލެއް މުވައްކިލުގެ ފަރާތުން ފެނިފައި ނުވާނެ ކަމަށާއި، އެއްވެސް ހެއްކަކަށް ނުފޫޒު ފޯރުވުމުގެ އެއްވެސް އަމަލެއް ހިންގާފައިވާކަންވެސް އެނގެން ނެތްކަން ޔާމީން ރަޝީދުގެ ދިފާއީ ވަކީލް ފާހަގަކުރެއްވިއެވެ.

ޔާމީން ރަޝީދުގެ ދިފާއީ ވަކީލުގެ ވާހަކަތަކަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލުން ވިދާޅުވީ، ޔާމީން ރަޝީދުގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކަކީ 2015 ނޮވެމްބަރ 4 ވަނަ ދުވަހު އިންޑިއާގެ ނިމްސް ހޮސްޕިޓަލުން ދޫކޮށްފައިވާ ލިޔުންތަކެއް ކަމަށާއި، މިހާ ގިނަ ދުވަސްވެފައިވާއިރު، އޭނާގެ ޚާލަތު ބަދަލުވެފައިވާނެ ކަމަށް ދައުލަތަށް ޤަބޫލު ކުރެއްވޭ ކަމަށެވެ. ނަމަވެސް މިހާރުގެ ހާލަތު ބަޔާންކޮށް އޭނާގެ ފަރާތުން އެފަދަ އެއްވެސް ލިޔުމެއް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށާއި، ކުރިން ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރުވެސް، މަރުގެ ދައުވާ ލިބޭ މީހަކު ޖަލު ބަންދުން ގޭ ބަންދަށް ބަދަލުކުރަންޖެހޭފަދަ ހާލަތެއް މެދުވެރިވެފައިވާކަން އެނގެން ނެތް ކަމަށްވެސް ދައުލަތުގެ ވަކީލުން މިއަދު ވިދާޅުވިއެވެ.
އަދި ހަމައެއާއެކު ހުށަހަޅާފައިވާ 2015 ވަނަ އަހަރުގެ ޑިސްޗާޖް ސަމަރީގައި ހިމަނާފައިވާ "ރިކޮމެންޑޭޝަންސް" އަކީ 6 ހަފްތާގެ މުއްދަތަށް ރިކޮމެންޑް ކޮށްފައިވާ ކަންކަން ކަމަށްވާއިރު، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިހާރުން މިހާރަށް ޔާމީން ރަޝީދު ޖަލު ބަންދަށް ބަދަލު ކޮށްދެއްވުމަށް ގާޒީގެ އަރިހުން ދައުލަތުގެ ވަކީލުން އެދިލެއްވިއެވެ.

ދައުލަތުގެ ވާހަކަތަކަށް ރައްދު ދެއްވައި ޔާމީން ރަޝީދުގެ ދިފާއީ ވަކީލް ވިދާޅުވީ، 10 މަހަށްވުރެ ގިނަ ދުވަހު ދައުލަތުގެ ބެލުމުގެ ދަށުގައި ހުރިހުރި އޭނާގެ ފުލް ބޮޑީ ޗެކަޕެއް ހަދައި، އޭނާގެ ޞިއްޙީ ޚާލަތު މުޅިން ރަނގަޅުކަމަށް ބުނެފައި ނުވާ ކަމަށެވެ. އެކަން އެގޮތަށް ކޮށް އެފަދަ ލިޔުމެއްގެ މައްޗަށް ބިނާކޮށް ބަންދު ރިވިއު ކުރެވިދާނެ ކަމަށާއި، ނަމަވެސް އެފަދަ އެއްވެސް ލިޔުމެއް ނެތި ޖަލު ބަންދަށް ބަދަލުކުރަންޖެހޭ ޚާލަތެއް ނެތް ކަމަށާއި، އެދިވަޑައިގަންނަވަނީ ގޭ ބަންދުން މާލޭ ބަންދަށް ބަދަލުކޮށްދިނުމަށް ކަމަށްވެސް ދިފާއީ ވަކީލު ވިދާޅުވިއެވެ.

ދައުވާ ލިބޭ ޔާމީން ރަޝީދުއާއި ދައުލަތުގެ ވަކީލުންގެ ވާހަކަތަކަށް ރިއާޔަތް ކުރެއްވުމަށްފަހު މައްސަލަ ބެއްލެވި ގާޒީ ނިންމެވީ ހާރިސް އަބްދުލް ޣަފޫރުގެ މަރުގެ ދައުވާލިބޭ ޔާމީން ރަޝީދު ގޭބަންދުން ޖަލު ބަންދަށް ބަދަލު ކުރުމަށެވެ. އަދި ޔާމީން ރަޝީދުގެ މިހާރުގެ ޞިއްޚީ ހާލަތު ބަޔާންކޮށް ކޯޓަށް ލިޔުންތައް ހުށަހެޅުމުން، އެ ލިޔުންތަކަށް ރިއާޔަތް ކުރެއްވުމަށްފަހު ބަންދު އަމުރު ރިވިއު ކުރައްވާނެ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި މި ދައުވާއަށް ޔާމީން ރަޝީދު އިންކާރު ކުރުމާއި ގުޅިގެން ދެފަރާތަށްވެސް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަށް ހުށަހެޅުމުގެ ފުރުޞަތު ވަނީ ދީފައެވެ. އަދި އެ ދިން ފުރުޞަތުގައި ދެފަރާތުންވެސް ހުށަހެޅުންތައް ހުށަހަޅައި ބަހުސް ކޮށްފައިވާތީ، ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ އެ ހުށަހެޅުންތަކާމެދު ގޮތެއް ނިންމެވުމެވެ. އަދި ހަމައެއާއެކު މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދިއުމާމެދުވެސް ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ވާނުވާ

  ކިހިނެއް އެގުނީ އޭނަކަން ހާރިސް މަރާލީ؟ ތިބުނަނީ ދައުވާ ކުރަނީއޭ.

  • ހަސީން

   ރަނގަޅު ގޮތަކީ ޝައްކު ކުރެވޭމީހާ އޭބުނުން.

 2. ބުޅާ

  ނިކަމެތިމީހާ އޮޅުއަޅާ. ޤައުމަށާ ރައްޔިތުނަށް ޣައްދާރުވާ ބާޣީން މިނިވަންކުރޭ. ހަމަ ސަދޫމް.

 3. ރައްޔިތުން

  ރާއްޖޭގެ ވަކީލުކަމަކީ ގާޒީންނާއި ގުޅިގެން ހިންގާ ބޮޑު ނީލަން ވިޔަފާރިއެއް ، ފަސާދަ އާންމުވާފަދައިން ހިންގޭ ބޮޑު ފިތަނަވެރި ހަރަކާތެއް. އަދުލުން އެއްކިބާ ވެފައިވާ އަދުއްވުންގެ ހަރަކާތެއް، އިސްލާމީ ނަޒާޙާތްތެެރި ކަމުން ބޭރުވެފައިވާ ބައެއް ކުރާ ޖަރީމާ ހިންގުމެއް.