އިއްޔެ ހަވީރު ޕީޕީއެމް އޮފީސް ކައިރީގައި ހިންގި މާރާމާރީގައި ބައިވެރިވި މީހުންގެ ފޮޓޯތައް އާއްމުވި ނަމަވެސް އަދިވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އެ މާރާމާރީގައި އަނިޔާވެފައި ވަނީ އުމުރުން 28 އަހަރުގެ މީހަކަށެވެ. އެ މީހާއަށް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. އެ ޒުވާނާގެ މެއަށް ވަޅި ހަރާ ޒަހަމް ކޮށްލިއިރު، އޭނާ ހާލު އަދިވެސް ސީރިއަސް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނާގޮތުގައި، ޖީއެން ސައިކަލެއްގައި އައި ދެމީހަކު އެ ޒުވާނާއަށް ވަޅިން ހަމަލާ ދީފައި ވަނީ އެ ޒުވާނާ ސައިކަލް ދުއްވާފައި އައިސް ޕީޕީއެމް އޮފީހާއި ހަމަވި ހިސާބުންނެވެ.

އެ މާރާމާރީ ހިނގި ސަރަހައްދަކީ އާއްމުން އުޅުނު ސަރަހައްދެކެވެ. މާރާމާރީ ހިނގިކަމަށް ބެލެވޭ ސަރަހައްދުގެ ސީސީޓިވީ ފޫޓޭޖުން އެ މަންޒަރުތައް ވަރަށް ރަނގަޅަށް ފެންނާނެ ކަމަށް ބެލެވޭއިރު، އެ މަންޒަރުތައް ބައެއް މީހުންގެ ފޯނުތަކަށް ވަނީ ވީޑިއޯވެސް ކުރެވިފައެވެ.

އަދި އެ މާރާމާރީ ހިނގުމުގެ ކުރިން އެ ސަރަހައްދުގައި ނަގާފައިވާ ބައެއް ފޮޓޯތައް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ފޮޓޯތަކުން ފެންނަގޮތުގައި، ބޮޑުތަކުރުފާނު މަގުން ދެކުނުން ހުޅަނގަށް ދުއްވާފައި ދިޔަ ޖީއެން ސައިކަލުގައި ތިބި ދެ މީހުންގެ ތެރެއިން އެ ސައިކަލުގެ ފަހަތުގައި އިން މީހާގެ އަތުގައި ތޫނު އެއްޗެއް އޮތެވެ.

އެ ސަރަހައްދުގައި ތިބި ބައެއް އާއްމުން ބުނިގޮތުގައި، އެ ޒުވާނާއަށް ހަމަލާދީފައި ވަނީ އޭނާ ސައިކަލުގައި ޕީޕީއެމް އޮފީހާއި އަރާ ހަމަވިތަނުންނެވެ. އެ ޖީއެން ސައިކަލުގެ ފަހަތުގައި އިން މީހާގެ އަތުގައި އޮތް އެތި (ވަޅިއެއްކަމަށް ބެލެވޭ އެއްޗެއް) އެ ޒުވާނާއަށް ހަމަލާދޭ މަންޒަރު ބައެއް މީހުންނަށް ފެނުނެވެ.

އެ ފޮޓޯތަކުން ފެންނަނީ، އެމީހުންނާއެކު އިތުރު ސައިކަލެއްގައި ދެ މީހަކު އަންނަ ތަނެވެ. އަދި އެ ސައިކަލުތަކުގައި ތިބި މީހުން އެ ޒުވާނާގެ ގަޔަށް ވަޅި ޖެހުމަށް ފަހު އެސަރަހައްދު ދޫކޮށް ވަނީ ފިލާފައެވެ.

އެ ޒުވާނާއަށް ހަމަލާދިނުމުން. އޭނާ ދުއްވަން އިން ސައިކަލު ބިންމައްޗަށް ވެއްޓުނެވެ. ހަމަލާ ލިބުނު އެ ޒުވާނާ ދުއްވަން އިނީ ކަޅުކުލައިގެ ސައިކަލެއްގައެވެ. އަދި އެ ސައިކަލު ވެއްޓުމުން އެ ޒުވާނާ ޕީޕީއެމް އޮފީހާއި ދިމާލަށް ދުއްވާފައި ދިޔަ ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި، އެ މައްސަލާގައި އަދި ބަޔަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މާރާމާރީތައް އާއްމުވެ އެކަން ހުއްޓުވުމަށް ފުލުހުން ވަރަށް މަސައްކަތް ކުރިއެވެ. ދާދި ފަހުން ހިނގި މާރާމާރީއެއްގައި ކުޑަކުއްޖަކުވެސް ވަނީ މަރާލާފައެވެ.

ފަހަކަށް އައިސް މާރާމާރީތައް އިތުރުވުމުން ފުލުހުން ވަނީ މާލޭގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ޝައްކު ކުރެވޭ މީހުން ފާސްކުރުމުގެ އޮޕަރޭޝަނެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މުހައްމާގެބުރިފުކޭސް

  ސާބިތެއްނުވާނެ. ކޯޓުން ނިންމާނީ މާލޭގެ ހާލަތު ހުރިގޮތުން އެޒުވާނާއައް ހިމާޔަތްދޭން އުޅެނިކޮއް މަރުވީކަމައް. ވީޑިއޯ އެއް ފޮޓޯއެއް ކީއްކުރަންމަރާލިކަމައް އެއްބަސްވިޔަސް ހުކުމް.އަންނީނީ މިގޮތައް.

 2. Anonymous

  ޓްރާންސިޝަން މުއްދަތުގަ ހައްޔަރު ކޮއްފިއްޔާ އެމްޑީޕީ ކުދިން ކޯޓުދޮށައް އެއްވާނެ

 3. ޗިކާ ނާފިޒް

  އައްޑޫގަ ޑްރަގްލޯޑުން ކަމަށްވާ އަބުޗާ އަދި ހަސަން ނަސީރު މިވަގުތު ތިބީ އަންނި ގާތު ލަންކާގަ. ގޭންގް ތައް ތިބި ކޮންބަޔަކާ އެކުތޯ.

 4. ވަލީދު

  ނޮވެމްބަރު ގެފަހުން މާރާމާރީ ހުއްޓުވޭނެ ބާ

 5. މާރިޔާ

  ކަލޯ ތިއީ ޖަޒީ "ރާ" ރާއްޖޭގެ މަލަމަތި ތިފެންނަނީ