މެޑިސިންގެ ދާއިރާއަކީ މަތީ ތައުލީމު ހާސިލުކުރުމަށް ޖާގަ ހޯދަން ދަތި ދާއިރާއަކަށްވާތީވެ، ދިވެހިރާއްޖޭއާއި ސްރީލަންކާގެ ސަރުކާރާއި ދެމެދު ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ކޮލަންބޯ ޔުނިވާސިޓީން ސްކޮލަރޝިޕް ފުރުޞަތުތަކެއް ދިވެހި ދަރިވަރުންނަށް ވަރަށް އަވަހަށް ފަހިވެގެންދާނެކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ދިވެހި ސަރުކާރާއި ސްރީލަންކާގެ ކޮޓެލަވަލާ ޑިފެންސް ޔުނިވާސިޓީ (ކޭޑީޔޫ) އާއި ދެމެދު ވެވުނު މަތީ ތައުލީމުގެ ފުރުޞަތުތަކެއް ދިވެހިންނަށް ފަހިކޮށްދެއްވުމަށް އަހުދުމާނާ (އެމް.އޯ.ޔޫ) ގައި ސޮއި ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އެޑިޔުޚޭޝަން މިނިސްޓަރ ވިދާޅުވީ، ކޮލަންބޯ ޔުނިވާސިޓީގެ ފަރާތުން ސްކޮލަރޝިޕް ފުރުޞަތުތަކެއް ދެއްވާނެކަމަށް ވިދާޅުވި ކަމަށާއި، މިހާރު އެ ލިޔުންތައް ލިބި އެކަމާއި ގުޅޭ އިއުލާނުތައްވެސް ވަރަށް އަވަހަށް ކުރެވިގެންދާނެ ކަމަށެވެ.

ކޮލަންބޯ ޔުނިވާސިޓީން ދިވެހިންނަށް ސްކޮލަރޝިޕް ފުރުޞަތުތަކެއް ފަހިވެގެންދާނެކަމަށް އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވިއިރު، ސްރީލަންކާގެ ޑިފެންސް ޔުނިވާސިޓީ އާއި ދިވެހި ސަރުކާރާއި ދެމެދު މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރު، ކޮންމެ އަހަރަކު ދިވެހި 20 ދަރިވަރުންނަށް ކޭޑީޔޫ އިން ޑޮކްޓަރުކަން ކިޔެވުމުގެ ފުރުޞަތު ވަނީ ފަހިކޮށްދެއްވާފައެވެ.

އެޑިޔުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް ވިދާޅުވީ މެޑިސިންގެ ދާއިރާއަކީ ދިވެހިރާއްޖެއަށް މުހިންމު ދާއިރާއަކަށް ވާއިރު، ދިވެހިންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް މީހުން ބިނާކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދިވެހި ސަރުކާރުން ދެކިލައްވާ ކަމަށެވެ.

އެގޮތުން ޞިއްޙީ ދާއިރާއިން މީހުން ބިނާކުރުމަށް ކުރައްވަމުން ގެންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިހާރުވެސް ރާއްޖެއިން ބޭރުގައި 333 ދަރިވަރުން އެމް.ބީ.ބީ.އެސްއަށް އަދި 58 ދަރިވަރުން ޕޯސްޓް ގްރެޖުއޭޓް މެޑިސިން ކިޔަވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސަރުކާރުން ތައުލީމާއި، މުހިންމު ދާއިރާތަކުން މީހުން ބިނާކުރުމަށް އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެމް.ބީ.ބީ.އެސްގެ ދާއިރާއިން ހުޅުވާލެވޭ ފުރުޞަތުތައް އަހަރުން އަހަރަށް އިތުރުވެގެން ގޮސްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޞިއްޙީ ދާއިރާ ފުޅާކޮށް ތަރައްޤީ ކުރުމުގެ ގޮތުން ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު، ދިވެހިރާއްޖޭގައި މެޑިކަލް ކޮލެޖެއް ހުޅުވުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.