މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި، ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސް ކަމށް އިންތިހާބުވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސް ކަމުގެ ހުވާ ކުރައްވާ ދުވަހަކީ 17 ނޮވެމްބަރު ކަމަށް މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

އިބޫ ހުވާކުރައްވާނެ ދުވަހެއް ކަނޑައެޅުމުގެ މައްސަލަ ހަތް މެމްބަރުންގެ ކޮމިޓީއަކަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. އިބޫ ހުވާ ކުރައްވާނީ ނޮވެމްބަރު 17 ގައި ކަމަށް ފާސްކުރީ އިދިކޮޅު ކޯލިޝަންގެ އަޣުލަބިއްޔަތު އޮތް ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދާއި، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި މަތިވެރި ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދާއި ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސެއިނާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރެވެ.

އެ ކޮމެޓީން މި ގޮތަށް ނިންމި ނަމަވެސް، އެއާ މެދު ގޮތެއް ނިންމާނީ މިއަދު ހަވީރު 4:00 ގައި ބާއްވާ މަޖިލީހުގެ ހާއްސަ ޖަލްސާގައެވެ.

އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އާއި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިތުރުން، އުއްތަމަ ފަނޑިޔާރު ސޮއި ކުރައްވާފައިވާ އިގުރާރުގައި ވަނީ 17 ނޮވެމްބަރުން ފެށިގެން ފަސް އަހަރަށް ރިޔާސީ ދައުރަކަށް ކަމަށެވެ.

"މި އިގްރާރް މިހެން އޮތުމާއެކު އިންތިހާބީ ރައީސް އިބޫ ބޭނުންފުޅެއް ނުވޭ 11 ނޮވެމްބަރުގައި ހުވާ ކުރައްވާކަށް" ރޮޒޭނާ ވިދާޅުވިއެވެ.

ރޮޒޭނާ ވިދާޅުވީ، އިބޫގެ އެދުމަކީ އަބަދުވެސް ގައުމީ މަސްލަހަތު ކުރިއަށް ނެރުއްވައިގެން މަސައްކަތް ކުރެއްވުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ކޮބާ ތިމަރަ މުސްތަފާ ހީވޭކަމެއްހެން

  2. މާމީ

    ރީކޯ މޫސަބުނި ގައިމު ނޮވެމްބަރ11ގަޔޯ...... ދެކޮޅުންކާ ދޯ

  3. އަބްދުއްލާ

    11 ނޮވެމްބަރަކީ ޖުމްހޫރީދުވަސް އެއީ ރައީސްކަމުގެ ދަވްރު ފެށޭ ދުވަހެއްނޫން.ރައީސްކަމުގެ ދަވްރު ފެށޭނީ މަގާމާހަވާލުވެ ހުވާކުރާ ދުވަހުންފެށިގެން އެދުވަހުންފެށިގެން 5 އަހަރު ހަމަކުރަންވާނެ.

  4. ޢަބްދުﷲ

    ތިޔައީ އަޑިއެނގޭ ޑީލެކެވެ. ވެރިކަމުގެ ދާއިރާގައި ކޯލިޝަންގެ ބާރު ހިނގާ ކަމުގެ މައްޗަށް ލިބޭ އުޖާލާ ހެއްކެކެވެ.

  5. ާއަލީ

    ވަގުވޯޓް އިރާދަކުރެއްވިއްޔާދުވަހަކުވެސް ހުވައެއް ނުކުރެވޭނެ