އަންހެނުންގެ ޙައްޤުތަކަށް ދިވެހިރާއްޖޭން ޚާއްޞަ ސަމާލުކަމެއް ދޭ ކަމަށް، މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

ފިލިޕީންސް އެމްބަސީގެ ފަރާތުން އިންތިޒާމުކުރާ “ޖެންޑަރ އެވެއަރނަސް އެންޑް ޑެވަލޮޕްމަންޓް ޕްރޮގްރާމް އޮން ލޭބަރ ރިލޭޓަޑް ކޮންސަރންސް އިންކްލޫޑިންގ ސެކްޝުއަލް ހެރަސްމަންޓް އެންޑް ޑޮމެސްޓިކް ވަޔަލެންސް އިޝޫޒް” ޕްރޮގްރާމް ހުޅުވުމުގެ ގޮތުން ޗަމްޕާ ސެންޓްރަލް ހޮޓެލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޒެނީޝާ ވިދާޅުވީ ގެވެށި އަނިޔާގެ މައްސަލަތައް ޢާއިލާގެ ތެރޭގައި ސިއްރުވެފައި އޮންނަން ޖެހޭ ކަމަށް ގަބޫލުކުރާ ގިނަ ބަޔަކު އަދި ވެސް އެބަ އުޅޭ ކަމަށާއި، މި ބާވަތުގެ މައްސަލަތަކާ މެދު ބައެއް މުއައްސަސާތަކުން ވެސް މި ވިސްނުން ގެންގުޅޭ ކަމަށާއި، އެ ކަމުގެ ސަބަބުން ޖިންސީ ފުރައްސާރައާއި ގޯނާ ތަޙައްމަލުކުރާ ފަރާތްތަކުގެ ޙައްޤުތައް ހޯދުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

އެހެން ކަމުން، އަންހެނުންނާ މެދު ކުރެވޭ އެކި ބާވަތުގެ އަނިޔާއާއި އަންހެނުންގެ ނާޖާއިޒު ފައިދާނެގުމާ މެދު ގެންގުޅޭ ވިސްނުން ބަދަލުކުރުމަށް މުއައްސަސާތަކުގެ އިތުރުން ޢާންމުންގެ ހޭލުންތެރިކުރުވުމަށް ކުރެވެމުން ދާ މަސައްކަތްތައް އިތުރުކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ޒެނީޝާގެ ވާހަކަފުޅުގައި 2007ވަނަ އަހަރު ކުރެވުނު ގެވެށި ދިރިއުޅުމުގެ ދިރާސާއަކުން ރާއްޖޭގެ ކޮންމެ ތިން އަންހެނަކުން އެކަކު ހަޔާތުގެ ކޮންމެ ވެސް އެއް މަރުޙަލާގައި ކޮންމެސް ބާވަތެއްގެ އަނިޔާއެއް ތަޙައްމުލުކޮށްފައިވާ ކަން ފާހަގަކުރެއްވިއެވެ. މި ދިރާސާ ކުރެވުނު ފަހުން 10 އަހަރު ފާއިތުވެގެން ދިޔަ އިރު ވެސް، އަންހެނުންނަށް ކުރެވޭ އެކި ބާވަތުގެ އަނިޔާގެ ސަބަބުން އެ މީހުންގެ ޙައްޤުތަކަށާއި ހަމަހަމަ ކަމަށް ބޮޑެތި އަސަރުތަކެއް ފޯރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަންހެނުންގެ ޙައްޤުތަކަށް ދިވެހިރާއްޖޭން ޚާއްޞަ ސަމާލުކަމެއް ދޭ ކަމަށާއި، އެ ގޮތުން އަންހެނުންނަށް ކުރާ އެކި ބާވަތުގެ އަނިޔާއިން އެ ފަރާތްތައް ރައްކައުތެރިކޮށް، އަދި އިޤްތިޞާދީ، އިޖްތިމާޢީ އަދި ސިޔާސީ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކޮށް، މިނިވަން ކަމާއެކު ނިންމުންތައް ނިންމާ ހަރަކާތްތެރި ފަރުދުންތަކަކަށް ހެދުމަށްޓަކައި އަންހެނުން ބާރުވެރިކުރުވުމަކީ ޤައުމީ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ލިބިދިނުމަށްޓަކައި ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުމުގައި ފާހަގަކުރެވޭ ފަދަ ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށް ވެސް މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ފިލިޕީންސްއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ވިސެންޓީ ވިވެންޝިޔޯ ބަންޑިލޯއާއި، ފިލިޕީންސްއާއި މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ފިލިޕީންސް އެމްބަސީގެ ފަރާތުން އިންތިޒާމުކުރި މި ޕްރޮގްރާމްގައި މިނިސްޓްރީގެ ފަރާތުން ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާ ގުޅޭ ސެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ.