ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ކަނޑައެޅި ހަތަރު މެންބަރެއްގެ ގޮނޑީގެ މައްސަލައިގެ ހުކުމް މާދަމާ އިއްވަން ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

އެގޮތުން މާދަމާ ހުކުމް އިއްވުމަށް ހަމަޖެހިފައިވަނީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މުހައްމަދު (އަބުޅޯ) އާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ އިތުރުން ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމްގެ ގޮނޑީގެ މައްސަލައިގައެވެ.

ޕީޕީއެމް އިން ވަކި ކުރުމާ ގުޅިގެން މި ހަތަރު މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅީ އިލެކްޝަންސް ކޮމިޝަނުން ކަމަށްވާއިރު އެ ކޮމިޝަނުން މިގޮތަށް ކަނޑައެޅީ ސުޕްރީމް ކޯޓުން ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ނެރުނު ހުކުމަށް ރިއާޔަތްކޮށެވެ. އެ ހުކުމް ނެރުނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ. އެ ހުކުމްގައިވާ ގޮތުން ޕާޓީ ބަދަލުކޮށްފިނަމަ ނޫނީ ވަކިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ.

ނަމަވެސް އެ ހުކުމުގެ ކުރިން ވެސް ޕީޕީއެމުން ވަކިވާން މި މެމްބަރުން ސިޓީ ފޮނުވާފައިވާތީ ގޮނޑި ގެއްލުނު މައްސަލަ އެ ބޭފުޅުން ވެސް ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. މި ބޭފުޅުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް މީގެކުރިން ސުޕްރީމް ކޯޓުގައި ވަނީ ނިންމާލާފައެވެ. އެހެންކަމުން މާދަމާ އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުމެވެ.

މި ހަތަރު މެމްބަރުންގެ އިތުރުން 8 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް އޭގެތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ މި މަހުގެ ކުރީކޮޅު ހުކުމް ކޮށްފައެވެ.

އެ ހަތަރު މެމްބަރުންނަކީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ) ގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފްއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަލީމު

    ތިހަތަރުގޮނޑި އޮންނާނީ އެމީހުނަށް ހަމަޖެހިފަ ތިނިންމަންޖެހޭކަމެއްނޫން ކަމެއްނޫން

  2. ސަލީމު

    ތިބައިގަނޑުވެސް ދޫކޮށްފަބައިތިއްބާ