13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިޥާ ގަރާރުގެ ބަހުސް ކުރިއަށް ގެންދަން ފާސްކޮށްފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. މި ގަރާރަށް ބަހުސް ކުރުމަށް ފާސްވީ ޕީޕީއެމްގެ މެމްބަރުންގެ ވެސް ތާއީދާއެކު 54 މެމްބަރުންގެ ވޯޓާއެކުއެވެ. މި ގަރާރަށް ބަހުސް ކުރުމަށް ހަތަރު މެމްބަރަކު ދެކޮޅު ހެއްދެވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ހަތަރު މެމްބަރަކު ތިއްބެވިއެވެ.

މި ގަރާރުގައި ވަނީ ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަދި ސުޕްރީމް ކޯޓަށް އިލްތިމާސް ކުރުމަށް ދެންނެވުމަށެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކީ އެއްވެސް ވަރެއްގެ ޤާނޫނީ ބުރަދަނެއް ހުރި އެއްޗެއް ނޫނެވެ. އެހެންކަމުން ނަޝީދު މިނިވަން ކުރުމަށް އެދި މަޖިލީހަށް ހުށަހަޅާ ޤަރާރު ފާސްވި ނަމަވެސް ނަޝީދު މިނިވަންކުރުމުގެ ބާރެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ޤާނޫނީ ގޮތުން ލިބިގެންނެއް ނުވެއެވެ.

ވެރިކަމުގައި ހުންނެވި އިރު ޤާނޫނާއި ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޙުކުމް ސުޕްރީމް ކޯޓުން ބާތިލް ނުކުރާހާ ހިނދަކު ނަޝީދަށް މިނިވަން ވެވޭނެ ޤާނޫނީ އެއްވެސް ހަމައެއް އަދި ނެތެވެ.

ޖަލު ޙުކުމެއް އޮންނަވަނިކޮށް ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ސީނިއާ މެންބަރުން ވެސް ގަބޫލު ކުރައްވައެވެ. އެހެންކަމުން ނަޝީދު ރާއްޖެ ވަޑައިގަތުމުގެ ކުރިން އެމަނިކުފާނު މިނިވަންކުރަން އިދިކޮޅު ކޯލިޝަނުން ބޭނުންވެއެވެ.

ނަޝީދު ރާއްޖެ ވަޑައިގަތުމަށް ނިންމާފައި ވަނީ ނޮވެމްބަރ 01 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަސީދު

    މީހަމަ ބުޑޮކެކުރި ކުޑަކެކުރި ކޮބާ ނިކަމެތިމީހުންގެ ހައްގު ވަރައްރަގަޅއައް އިނަސާފު އެބަލިބޭ

  2. ފައިޞަލް

    ކުރިން ކޯޓުތަކުންކުރާ ޙުކުމްތަކަކީ ޣައިރުޤާނޫނީ ޙުކުމްތަކެއްކަމަށް އަޑުއަރުވާ ރައްޔިތުން ވަޅުވެއްދިމީހުން މިއަދު ކޯޓުތަކުން ކުރާ ޙުކުމްތަކާމެދު ބުނަނީ އެއީ ޤާނޫނީ ހުކުމްތަކެއްކަމަށެވެ. އެއީ ތިމާމެން އެދޭގޮތަށް ޙުކުމްތައްނެރެ ، ބޮޑަތި މުޖުރިމުންވެސް ދޫކުރަމުންދާތީއެވެ. ދުނިޔެއަކީ މިކަހަލަ އެއްޗެއްކަން ދަންނާށެވެ!