ސިޔާސީ ކުލަގަނޑު ތެރެއަށް ގަންބާލާފައިވާ އަދުލު އިންސާފު ނިޒާމްވެސް އިސްލާހު ކުރަން ޖެހޭކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

13 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިޥާ ގަރާރުގެ ބަހުސް މަރުހަލާގައި ވާހަކަދައްކަމުން އީވާ ވިދާޅުވީ، ދިވެހި ރާއްޖޭގައި ބޭއިންސާފުން ހިނގާފައި ހުރި ހުރިހާ ކަމަކަށް އިންސާފު ލިބެން ޖެހޭ ކަމަށެވެ. އަދި ސިޔާސީ ކުލަގަނޑު ތެރެއަށް ގަންބާލާފައިވާ އަދުލު އިންސާފު ނިޒާމްވެސް އިސްލާހު ކުރަން ޖެހޭކަމަށް އީވާ ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ހަތްވަނަ ރައީސްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހު ފަނޑިޔާރުގެ އިސްލާހު ކުރަން އެ ފައްޓަވާ މަސައްކަތުގައި އެމަނިކުފާނު ކުރައްވާނެ މަސައްކަތުގައި އެމަނިކުފާނުގެ އެންމެ ބޮޑު އެއް އެހީއަކަށް އެންމެ ބޮޑު އެއް ބާރަކަށް ވާންޖެހޭނީ ހަމަ މި ދިވެހި ރައްޔިތުންގެ މަޖިލިސް،" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، މަޖިލީހަކީ ރައްޔިތުންގެ ނަމުގައި ސިޔާސީ ބަސްބުނަން އޮތްތަނަކަށް ވާތީވެ، ރައްޔިތުންގެ ނަމުގައި އެ ބުނާ ބަހަކީ އަގުހުރި ބަހަަކަށް ހެދޭނީވެސް މި މަޖިލީހުން ކަމަށެވެ.

އީވާގެ ޥާހަކަފުޅުގައި ވަނީ، ޝެއިހް އިމްރާން އާއި ކާނަލް ނާޒިމްވެސް މިނިވަން ކުރުމަށް ގޮވާލައްވާފައެެވެ.

"އަދި ޔާމީން ރަޝީދު އާއި އަބްދުﷲ ރިޟުވާނުގެ މައްސަލަ އަށް ވެސް ރަނގަޅު ތަހުގީގު ހިންގާ ރަނގަޅު ޝަރީއަތް ހިންގުމަށްވެސް އދ. އިން ވަނީ ގޮވާލާފައި، މިކަންކަމަށްވެސް އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުން ހައްގުބަސް ބުނަން އެބަ ޖެހޭ". އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި މިކަންކަމާއި މެދު މަޖިލީހުގައި ލައްކަ ކަންތައްކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއަދަކީ އެކަންކަމާއި ރަނގަޅަށް ބަހުސްކޮށް، ބަސް ބުނެ، މިކަމާއި ވޯޓުލައިގެން ދިވެހި ރައްޔިތުންގެ ނަމުގައި ހައްގުބަސް ބުނަން ފުރުސަތު ލިބުނު ދުވަސް ކަމަށެވެ.

އީވާ ވިދާޅުވީ، ރަައީސް ނަޝީދުއަށް އިއްވީ ސިޔާސީ ހުކުމެއް ކަމަށާއި، އެމަނިކުފާނާއި މެދުގައި ހިންގީ ސިޔާސީ ޝަރީއަތެއް ކަމަށެވެ.

ރައީސް ނަޝީދުއަށް އިއްވީ ސިޔާސީ ހުކުމެއްކަން އަޅުގަނޑުމެން އެންމެންނަށް އިނގެނީ ރައިސް ނަޝީދު ގޭގައި އިންނަވަނިކޮށް ދަމާ ކޫތާފައި ގެންދިޔަ ހިސާބުން ބޭއިންސާފުން ނެއްޓި ދުނިޔެވީ ހަމަތަކުންނާއި، އިންސާނީ ހަމަތަކުންނާއި ގާނޫނީ ހުރިހާ ހަމައަކުން ނެއްޓި، ހަވާފަޓާސް އަރުވާފައިވާ ހުކުމެއް ކަމަށް ވާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ސިޔާސީ ލީޑަރެއްގެ ހަސަދައަށް ހިންގި ސިޔާސީ ބޮޑު ޗަރުކޭހެއްކަން ދިވެހި ހުރިހާ ރައްޔިތުންމެ ހެކިވާނެ. އެއީ ސިޔާސީ ހުކުމެއްކަން މުޅި ދުނިޔެވެސް ހެކިވޭ". އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، ރައީސް ނަޝީދުއަށް އިއްވީ ސިޔާސީ ހުކުމެއްކަން ދުނިޔޭގެ އިންސާނީ ހައްގުތަކާއި ބެހޭ ހުރިހާ ޖަމިއްޔާއަކުންވެސް ހެކިވާ ކަމަށެވެ. އަދި އެ ފަރާތްތަކުން ރައީސް ނަޝީދު ވަގުތުން މިނިވަން ކުރުމަށްވެސް ގޮވާލާކަމަށް އީވާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދޮންބެ

    ތިއިއޮއއ ނަސީދެއް ތީމުސީބާތެއް

  2. އަނާރު

    ކުލަބޮކި ފަޅާއިގެންގޮސް އެއްކުލައަކަށް ކުލަބޮކި ބަދަލުވާދުވަސް ވަރަށް ގާތްވެއްޖެ

  3. އަން

    މަގުމަތީ ކޯޓް ހެދުން އެއީ ކޮންކަލަ ކުލަމަޖާއެއް