ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށާއި، އަދި އެހެނިހެން ސިޔާސީ ކުށްވެރިނާއި ނުޙައްޤުން ޖަލަށް ލާފައިވާ ހުރިހާ އެންމެން މިނިވަން ކުރުމަށް ގޮވާލައްވާ ރައްޔިތުން މަޖިލީހުގެ ގިނަ މެންބަރުން ވާހަކަދައްކަވައިފިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށައަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން އިދިކޮޅު ގިނަ މެންބަރުން ފާހަގަކުރެެއްވިގޮތުގައި، ރައީސް ނަޝީދުގެ ހުކުމަކީ ސިޔާސީ ބޭނުމެއްގައި އިއްވާފައިވާ ހުކުމެކެވެ. އަދި އެއީ އިންސާފްވެރި ހުކުމެއް ނޫނެވެ.

އެ ހުކުމާއި ގުޅޭގޮތުން އެންމެ ފުރަތަމަ ވާހަކަދެއްކެވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ، ރަައީސް ނަޝީދަށް އިއްވީ ސިޔާސީ ހުކުމެއް ކަމަށާއި، އެމަނިކުފާނާއި މެދުގައި ހިންގީ ސިޔާސީ ޝަރީއަތެއް ކަމަށެވެ.

"ރައީސް ނަޝީދަށް އިއްވީ ސިޔާސީ ހުކުމެއްކަން އަޅުގަނޑުމެން އެންމެންނަށް އެނގެނީ ރައިސް ނަޝީދު ގޭގައި އިންނަވަނިކޮށް ދަމާ ކޫއްތާފައި ގެންދިޔަ ހިސާބުން. ބޭއިންސާފުން ނެއްޓި ދުނިޔެވީ ހަމަތަކުންނާއި، އިންސާނީ ހަމަތަކުންނާއި ގާނޫނީ ހުރިހާ ހަމައަކުން ނެއްޓި، ހަވާފަޓާސް އަރުވާފައިވާ ހުކުމެއް ކަމަށް ވާތީ" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ނަޝީދުގެ ޝަރީޢަތަކީ ސިޔާސީ ލީޑަރެއްގެ ހަސަދައަށް ހިންގި ސިޔާސީ ބޮޑު ޗަރުކޭހެއްކަން ދިވެހި ހުރިހާ ރައްޔިތުންމެ ހެކިވާނެ ކަމަށާއި އެއީ ސިޔާސީ ހުކުމެއްކަން މުޅި ދުނިޔެވެސް ހެކިވާ ކަމަށެވެ.

މަޖިލީހުގެ ކުރީގެ ރައީސް، ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝާހިދު ވެސް ވާހަކަދައްކާވަފައި ވަނީ މިފަދަ މޭރުކަމުންނެވެ. ޝާހިދު ވިދާޅުވީ، ރައީސް ނަޝީދަށް ކުރެވިފައިވާ ޓެރަރިޒަމް ދައުވާއަކީ ގާނޫނީ އިންތަކާއި ހިލާފަށް ސިޔާސީ ބޭނުމަކަށްޓަކައި، އަދި ސިޔާސީ ހަސަދައިގައި ކޮށްފައިވާ ދައުވާއެއް ކަމަށެވެ.

މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވީ، ރައީސް ނަޝީދަށް ގެއްލިފައިވާ ހައްގުތައް އެމަނިކުފާނަށް ލިބެން ޖެހޭނެ ކަމަށެވެ. އަދި ކާނަލް ނާޒިމް ވެސް ހައްޔަރުކުރެވިފައި ވަނީ ނުހައްގުން ކަމަށާއި، ޝެއިހް އިމްރާންގެ އިތުރުން، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ހައްޔަރުކޮށްފައި ވަނީ، ނުހައްގުން ކަމަށް ގާސިމް ވިދާޅުވިއެވެ.

އިންތިހާބީ ނައިބް ރައީސް އަދި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދު ރާއްޖޭގައި ކުރެއްވި މަސައްކަތްތަކަކީ ރާއްޖޭގައި ޒަމާނީ ޑިމޮކްރަސީ ގާއިމް ކުރުމާއި އިންސާނީ އެތަށް ހަޢްްޤުތަކެއް ކަށަވަރުކޮށްދިނުމާއި ހެޔޮ ވެރިކަން ކުރެއްވުމަށް ކުރި މަސައްކަތް ކަމަށެވެ.

ރައީސް ނަޝީދާއި މެދުގައި ނުހައްޤުން ދައުވާ އުފުލިގެން އައި ދުވަހުވެސް އެމަނިކުފާނަށް އިންސާފު ލިބޭނެ ދުވަހެއް އަންނާނެ ކަމަށް ތަކުރާރުކޮށް ސިޔާސީ ލީޑަރުންނާއި ރާއްޖޭގެ އެތަކެއް ރައްޔިތުން ވިދާޅުވެފައިވާކަމަށާއި، މިއަދު ފެނިގެން މިދަނީ ކެތްތެރިކަމާއި އެކު ރައްޔިތުން ކުރި މަސައްކަތުގެ ނަތީޖާ ކަމަށް ފައިސަލް ނަސީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރާޝީދު ވިދާޅުވީ، ރައީސް ނަޝީދާއި މެދު ޒާތީގޮތުން އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށެވެ. އަދި ރައީސް ނަޝީދު ވެސް މިނިވަންވާން ޖެހޭ ކަމަށާއި އެހެން ނަމަވެސް އެޤަރާރަށް ވޯޓު ދެއްވޭނީ ބަދަލުތަކެއް ގެނައުމުން ކަން ރިޔާޒް ފާހަގަކުރެއްވިއެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވީ، އިސްލާމް ދީނުގައި ވެސް އޮންނަނީ އަނިޔާވެރިކަމާއި ދެކޮޅުވެ އަނިޔާވެރި ވެރިންނާއި ވެސް ދެކޮޅުވުމަށް ކަމަށެވެ. އަދި އަނިޔާވެރިކަން ހައްދަފަހަނާއަޅާ ދިޔަ މި ފަސް އަހަރަކީ އެތައް ބަޔަކަށް އަނިޔާލިބިފައިވާ އަހަރުތަކެއް ކަމަށާއި، އެގޮތުން މި ގައުމުގެ ސިޔާސީ ހަތަރު ޕާޓީއެއްގެ ހަތަރު ލީޑަރުން ހައްޔަރުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަނިޔާކޮށްފައިވާކަމަށް ވައްޑެއް ފާހަގަކުރެއްވިއެވެ.

ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވީ، ބޭއިންސާފުން ނުވަތަ ޤާނޫނީ އިމުން ބޭރުން ހުކުމް ކޮށް ޖަލަށް ލެވިފައިވާ އެންމެހާ ފަރާތްތަަށް މިނިވަންވާން ޖެހޭ ކަމަށާއި އެފަރާތްތަށް އިންސާފު ލިބެން ޖެހޭ ކަމަށެވެ. ރައީސް ނަޝީދުއާ މެދު ބޭއިންސާފުން ހުކުމެއް އިއްވާފައިވާ ނަމަ އެމަނިކުފާނަށް އިންސާފު ލިބެން ޖެހޭ ކަމަށް އައިބީ ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ ގިނަ ބައެއްގެ މައްޗަށް ބޭއިންސާފުން މިގޮތަށް ހުކުމް ކުރެވިފައިވާތީވެ. އެ ރައްޔިތުންނަށް އިންސާފު ލިބެން ޖެހޭ. އެހެންކަމުން އަޅުގަނޑު ހުށަހަޅަން މިހުރިހާ ކަންކަމަށް ރިއާޔަތްކޮށް މުރާޖާ ކުރުމަށް ފަހު ރާއްޖޭގެ ފަނޑިޔާރުގެއިން އެގޮތަށް ތިބި ހުރިހާ ފަރާތްތަކާއި މެދު ބައްލަވާ އެ ފަރާތްތަކުގެ މައްސަލަތަށް ދިރާސާ ކުރެއްވުމަށްފަހު މި ގަރާރުގެ ތެރެއިން އެފަރާތްތަށް މިނިވަން ކުރުމަށް ނުވަތަ ލިބޭ އަނިޔާތަށް ހުށްޓުވުމަށް މިގަރާރު ބާރު އެޅުން" އައިބީ ވިދާޅުވިއެވެ.

އެމްޑީއޭގެ ފަރާތުން ވާހަކަދައްކަވަމުން އެ ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ، އެމްޑީއޭގެ ފަރާތުން ގޮވާލަން ބޭނުންވަނީ ނުހައްގުން އަދަބު ލިބިފައިތިބި ހުރިހާ އެންމެނަށްވެސް އިންސާފު ލިބިގެންދިއުމަކީ ވަރަށް ބޮޑަށް އެދޭކަމެއް ކަމަށެވެ. އަދި އަދުލު އިންސާފުގެ ދާއިރާ ރަނގަޅުކުރުމަށްޓަކައި މަޖިލީހުން ތެދުވަންޖެހޭކަން އާމިރު ފާހަގަކުރެއްވިއެވެ.

މަޑަވެލި ދާއިރާގެ މެންބަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، ނުހައްގުން ޝަރީއަތްކޮށްފައި ހުރިކަމަށް ފެންނަ ދިވެހި ރާއްޖޭގައި އުޅޭ ސިޔާސީ ނޫން ފަރާތްތަކަށް އިންސާފް ހޯދައިދޭން ޖެހޭ ކަމަށާއި، އެގޮތަށް ހުކުމްކޮށްފައި ވަނީ ރައީސް ނަޝީދަށް އެކަނި ނޫންކަމަށެވެ.

ގިނަ މެންބަރުން ރައީސް ނަޝީދުގެ ދިފާއުގައި ވާޙަކަދެއްކެވިއިރު، ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ، ރައީސް ނަޝީދު މިނިވަންވުމަކީ އޭނާވެސް ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ. އަދި އެކަން ކުރެވޭނީ ޝަރުއީ ނިޒާމުގެ ތެރެއިންކަމަށް ވެސް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ، ކޮންމެ ގިންތިއެއްގެ ބޭފުޅަކަށްވިޔަސް އިންސާފުން ބޭރުން ޝަރީއަތެއް ކުރެވިފައިވާނަމަ އެ ބޭފުޅަކަށް އިންސާފު ލިބެން ޖެހޭނެ ކަމަށެވެ. އަދި އެކަން ކުރާއިރުކުރަން ޖެހޭނީ ވެސް ގާނޫނާއި ގަވާއިދުގެ ތެރެއިންކަން އަލީ އާރިފް ވަނީ ތަކުރާރު ކުރައްވާފައެވެ.

ރައީސް ނަޝީދު މިނިވަން ކުރުމުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް މިރޭ ވަނީ ބަލައިގެންފައެވެ. ނަޝީދު މިނިވަން ކުރުމަށް ގޮވާލާ ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ 48 މެންބަރުންނެވެ. ގަރާރު ބޭރުކޮށްލުމަށް ހަތަރު މެންބަރަކު ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ވޯޓު ދޭން ނުފެންނަ ކަމަށް ފަސް މެންބަރުން ވޯޓު ދެއްވިއެވެ.

މި ގަރާރުގައި ވަނީ ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަދި ސުޕްރީމް ކޯޓަށް އިލްތިމާސް ކުރުމަށް ދެންނެވުމަށެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކީ އެއްވެސް ވަރެއްގެ ޤާނޫނީ ބުރަދަނެއް ހުރި އެއްޗެއް ނޫނެވެ. އެހެންކަމުން ނަޝީދު މިނިވަން ކުރުމަށް އެދި މަޖިލީހަށް ހުށަހަޅާ ޤަރާރު ފާސްވި ނަމަވެސް ނަޝީދު މިނިވަންކުރުމުގެ ބާރެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ޤާނޫނީ ގޮތުން ލިބިގެންނެއް ނުވެއެވެ.

ވެރިކަމުގައި ހުންނެވި އިރު ޤާނޫނާއި ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޙުކުމް ސުޕްރީމް ކޯޓުން ބާތިލް ނުކުރާހާ ހިނދަކު ނަޝީދަށް މިނިވަން ވެވޭނެ ޤާނޫނީ އެއްވެސް ހަމައެއް އަދި ނެތެވެ.

މިފަދަ ގަރާރެއް މަޖިލީހަށް ހުށަހަޅާފައިވާއިރު އަންނަ މަހުގެ އެއްވަނަ ދުވަހު ނަޝީދު ރާއްޖެ ވަޑައިގަތުމަށް ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. އެކޮޅުގޭ މުޙައްމަދު

  ޖަލުތައް ހުސްކޮށްލާފަ އެތަނުގައިވެސް ގެސްޓް ހައުސް އަޅަން މަށަށް ފެންނަނީ ދައުލަތުން އެހާބޮޑު ޚަރަދުތަކެއްކޮށްގެން ކީއްކުރަން ގެންގުޅޭ ބައެއް ދޫކޮށްލާ އޭރުން އެމީހަކަށް ހޯދުނު ގޮތަކަށް އިންސާފު ހޯދައިގެން އުޅޭނެ ނޫނީ މަޖިލީހުން އިންސާފު ހޯދައިދޭނެ ދައުލަތުގެ ޚަރަދު ކުޑަވަނެ ދޫކޮށްލާ ހުސްކޮށްލާ އޭރުން ޖަލުތަށް ނެތް ގައުމަކަށް ފުރަތަމަ ދިވެހި ރާއްޖެ ސަޅިދޯ!

 2. އައްޑޫސިޓީ

  ދިވެހިގައުމުގަަ ޝަރުއީކޯޓްތަކުން ހުކުމްކޮށްފަ ތިބިއެންމެނަކީ ނުހައްގުން ޖަލައްލެވިފަވާ މީހުންކަމަށް ކަނޑައަޅާ މިނިވަންކޮށް ހުރިހާފަނޑިއާރުން ޖަލައް ކުމަށްގޮވާލަން. ފަނޑިޔާރުން ކުރާހުކުމަކީ މުޖުތަމައު ބަލަިގަންނަ ހުކުމެއް ކަމުގައި ނުވާއިރު ފަނޑިއާރުގެއެއް ވެސްހުރުމުގެ ބޭނުމެއް ނެތް.

 3. ޖަޒީރާ

  އަހަރެންނައް 36އަހަރު ޚިޔާލު ފާޅުވެސް ކުރަން އެކަމަކު ހައްތަރެއްވެސް ނުކުރޭ ކޯޓަކުން ހުކުމެއްވެސް ނުކުރޭ އެއ ކީއްވެ؟؟؟

  • ށައުގީ

   އެއީ ތިމީހުން މާރަނގަޅު ވީމަ!!

 4. ޖަޒީރާ

  އަހަރެންނައް 36އަހަރު ޚިޔާލު ފާޅުވެސް ކުރަން އެކަމަކު ހައްތަރެއްވެސް ނުކުރޭ ކޯޓަކުން ހުކުމެއްވެސް ނުކުރޭ އެއީ ކީއްވެ؟؟؟

 5. ހައްގު ބަސް

  ނަޝީދު ގޭގައި އިންނަވަނިކޮށް ދަމާ ކޫއްތާފައި ގެންދިޔަ ހިސާބުން. ބޭއިންސާފުން ނެއްޓި ދުނިޔެވީ ހަމަތަކުންނާއި، އިންސާނީ ހަމަތަކުންނާއި ގާނޫނީ ހުރިހާ ހަމައަކުން ނެއްޓުނުކަން އީވާއަށް އިނގުނު ގޮތަށް ހަމަ ފަނޑިޔާރު އަބްދުﷲ މުހައްމަދު ގޭގައި އިންނަވަނިކޮށް ރަހީނުކޮށް ދަމާ ކޫއްތާފައި ގެންދިޔަ ހިސާބުން. ބޭއިންސާފުން ނެއްޓި ދުނިޔެވީ ހަމަތަކުންނާއި، އިންސާނީ ހަމަތަކުންނާއި ގާނޫނީ ހުރިހާ ހަމައަކުން ނެއްޓުނުކަން އީވާއަށް ނޭންގުނީ ލޮލީ ޖާބިރާއެކީ ރިސޯޓް ލައިފްގައި އުޅުއްވީމާތޯ

 6. ނުރަބޯ

  ނުޙައްގުން ޖަލައްލާފައިތިބި ބައެއް މިގައުމަކު ނުތިބޭނެ. އެހެންކަމުން ޓެރަރިޒަމްގެ ޢަމަލެއް ހިންގައިގެން ޖަލުޙުކުމެއް އައިސްފައިވާ ކެނެރީގޭ ނަޝީދު މިނިވަންކުރުން ބަހަނާ އަކަށް ހަދައިގެން ޖަލުގައި ތިބި، މުޖުރިމުން މިނިވަން ކުރާކަށް އުޅޭނެ ކަމެއްނެތް.

 7. ސައިބޯނި

  ސްޕްރީމްކޯޓުން ނަޝީދު ދޫކޮށްފަ އަނެއްކާ ބަންދުކުރަން ހުކުމް ނުކުރާނެކަމަމުގެ ޔަގީންކަމެއްނެތް.

 8. މުރާދު

  އިއްޒަތްތެރި މެމްބަރުނަށް(އިންސާފަށް ލޯބިކުރައްވާ) ޝުކުރިއްޔާ އިންސާފަށްލޯބިކުރައްވާއޭ
  މިނަންގަތީ ނަޝީދުއަކީ ކުށްވެރިއަކަށްވާހިދު ނަޝިދު މިނިވަންކުރައްވައިފިނަމަ އެހެންކުށް
  ވެރިންވެސް ދޫކޮށްލުމަށް ގޮވާލެއްވުމަކީ ހަމަރަގަޅުކަމެއް އަހަރެންވެސް ގަބޫލްކުރާގޮތުގައި
  ކުއްވެރިވެއްޖެނަމަ ނަޝިދުއެކޭ އެހެންކުށްވެރިންވެސް ގާނޫނުކުރިމަތީގައި ހަމަހަމަވާނެ

 9. ބޮއިކަޓް ޢަލީ

  މިހާރު ތިބި މަޖުލިސް މެންބަރުންގެ ބަދަލުގައި ކިޔަވައިގެން ތިބި ޤާބިލު އާމީހުނަށް ފުރުސަތު ދެމާ، އިނގިރޭސިން ކިޔަން އުނދަގޫ، އެކަކަށް ޓަކާއި މުޅި ޖަލު ހުސްކޮށްފާނެ. އެވެރިންގެ މުސާރަ ބޮޑު، 15 މަސް ޖަލްސާގައި ބައިވެރިނުވެ

 10. ދިވެހިން

  ނަޝީދު ކުރިކުށަށް ޝަރީޢަތުން އަދަބު ކަނޑަ
  އެޅުމުން އެއީ އަނިޔާކަމަށް ބަލައި އޭނާދޫކޮށްލު
  މަށް ގޮވާލައި ވަކާލާތުކުރުމަކީ ހައިރާންވާކަމެކެވެ
  އޭނާ ދޫކޮށްލާނަމަ ޖަލުގައާއި އެކި ގޮތްގޮތުން
  ބަންދުކުރެވިފައިވާ ހުރިހާ އެންމެނެ ދޫކުރެވެން
  ވާނެއެވެ ނަޝީދަށް ދެނީ އަނިޔާ ކަމަށް ވެފަ
  އެހެންމީހުންނަށް ދެނީ ނިޔާކަމަށްވާނަމަ އަދުލު
  އިންސާފު މިއޮތީ ހަމައެކަނި ނަޝީދަށެވެ