ފަހަކަށް އައިސް މީހުން އާބާދުވެފައިވާ ރަށްރަށުން ގިނަ އަދަދެއްގެ ރުއްގަސް ނަގައި، ރިސޯޓުތަކާއި ހިއްކާފައިވާ ބިންތަކުގައި އިންދުމަށް ގެންދާކަން ވަނީ ފާހަގަކުރެވިފައި ކަމަށާއި ނަމަވެސް އެއް ރަށުން އަނެއް ރަށަށް ރުއްގަސް ގެންދެވޭނީ ހުއްދަ ލިބިގެން ކަމަށް އެންވާރްމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އީޕީއޭ އިން މިއަދު ކުރެއްވި އިއުލާނެއްގައި ވިދާޅުވީ "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު ‘4/93' ދަށުން އެކުލަވާލާފައިވާ "ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެންނެގުން އަދި އެއްރަށުން އަނެއްރަށް ގެންދިއުމާއި ބެހޭ ޤަވާއިދު"ގެ 05 ވަނަ މާއްދާގެ (ހ) ގެ ދަށުން މިކަން ކުރެވޭނީ އީޕީއޭގެ ހުއްދަ ލިބިގެންނެވެ.

އަދި މިގޮތަށް ރުއްގަސް ކެނޑުމާއި، ނެގުމާއި، އުފުރުން ނުވަތަ އެއް ރަށުން އަނެއް ރަށަށް ގެންދެވޭނީ ކޮންމެހެން އެނޫން ގޮތެއް ނެތިގެން ހަމައެކަނި ޒަރޫރީ ބޭނުމަށް، "ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެންނެގުން އަދި އެއްރަށުން އަނެއްރަށް ގެންދިއުމުގައި ގެންގުޅެންވީ އުސޫލާ" އެއްގޮތުގެ މަތީން ކަމަށް ވެސް އިއުލާނުގައި ވެއެވެ.

މިގޮތުން ހުއްދަ ނެތި މިފަދަ މަސައްކަތްތައް ކުރަމުން ގެންދާ ފަރާތްތަކާ ދޭތެރޭ "ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާ ބަދަލު ހޯދުމުގެ ގަވާޢިދު" ގެ ދަށުން މިދަނީ ފިޔަވަޅުއަޅަމުން ކަމަށް ވެސް އީޕީއޭ އިން ވިދާޅުވިއެވެ.

އެއް ރަށުން އަނެއް ރަށަށް ރުއްގަސް ގެންދެވޭނީ ހުއްދަ ލިބިގެން ކަމަށް އީޕީއޭ އިން ވިދާޅުވިއިރު ޅައިމަގުން 500 ރުއް ވިއްކާލި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ޅައިމަގު ކައުންސިލުން ވިދާޅުވީއެހާ ގިނަ ރުއްތަކެއް ނަގަން ޖެހުނީ ކުޑަކުދިންގެ ޕާކަކާއި ކުނިގޮނޑެއް ހެދުމުގެ އިތުރުން އެ ހިސާބަށް ދާނެ މަގަކަށް ބޭނުންވާ ސަރަހައްދު ސާފުކުރުމުގެ ގޮތުންނެވެ.

ޅައިމަގުން ރުއް ވިއްކި މައްސަލަ ބަލަމުން އަންނަ ކަމަށް އީޕީއޭ އިން އިއްޔެ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިންސާފު

    ކަލޭމެންނައް އިގޭނެތަ ގެންދިޔަސް އެވަރައް ބެލޭނަތަ؟ ކަންދައްކައް ބޭކާރޫ ވާހަކަ ތިދައްކަނީ

  2. އަންތަރީސް

    ތީއީ ކައުންސިލުގެ މައްސަލައެއްދޯ،،، ގަތް ފަރާތުގެ މައްސަލައެއް ނޫން ދޯ، ކައުންސިލް ޖޫރިމަނާ ކުރޭ ކުރަންޏާ