މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާހުން ދެންމެ އިއްވި ޙުކުމުގައި ވިދާޅުވީ ސިނާން މެންބަރު ކަމުން ވަކިވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވީނަމަވެސް އޭނަ އަކީ މިދިޔަ އަހަރު ސުޕްރީމް ކޯޓުން ނެރުނު 17 ވަނަ އަމުރުގައި ބަޔާން ކޮށްފައިވާ ކަންކަމަށް ފެތޭ ބޭފުޅެއް ނޫން ކަމަށެވެ.

ސިނާން ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލް ކަމަށް ސުޕްރީމް ކޯޓުގެ ޙުކުމުގައި ވެއެވެ.

"މައްޗަންގޯޅީ ދެކުނު ދާއިރާގެ ގޮނޑި ހުސްނުވާ ކަމަށް ކަނޑައަޅައި، މިހާރު ވެސް ސިނާނަކީ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ޙުކުމް ކޮށްފިން." ޙުކުމުގައި ވެއެވެ.

ސުޕްރީމް ކޯޓުން ވިދާޅުވީ ސިނާން މެންބަރު ކަމުން ވަކިވެފައިވާ ކަމަށް ނިންމާފައި އޮތީ އެންޓި ޑިފެކްޝަން ޤާނޫނުގެ ދަށުން ބަޔާންކޮށްފައިވާ ގޮނޑި ގެއްލޭނެ ހާލަތައް ވެސް ނުފެތެނީސް ކަމަށެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިމަހު ވަނީ ހުކުމްކޮށްފަ އެވެ. މިއަދު އަބްދުﷲ މުހައްމަދާއި ސިނާންގެ ގޮނޑި ނުގެއްލޭ ކަމަށް ޙުކުމް ކޮށްފައި ވާއިރު އިތުރު ދެ މެންބަރެއްގެ ގޮނޑި އާއި މެދު ވެސް މިއަދު ގޮތެއް ނިންމާނެއެވެ.

ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މެމްބަރުންގެ ތެރެއިން ބާކީ ތިބި ހަތަރު މެމްބަރުންގެ މައްސަލާގެ އަޑުއެހުންތައް ވެސް ނިންމާލާފައިވާއިރު، އެ މައްސަލަތަކުގައި ހުކުމް ކުރާނެ ދުވަހެއް އަދި ތާވަލެއް ނުކުރެ އެވެ.