ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާހުން ދެންމެ އިއްވި ޙުކުމުގައި ވިދާޅުވީ އިލްހާމް މެންބަރު ކަމުން ވަކިވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވީނަމަވެސް އޭނަ އަކީ މިދިޔަ އަހަރު ސުޕްރީމް ކޯޓުން ނެރުނު 17 ވަނަ އަމުރުގައި ބަޔާން ކޮށްފައިވާ ކަންކަމަށް ފެތޭ ބޭފުޅެއް ނޫން ކަމަށެވެ.

އެހެންކަމުން އިލްހާމް ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލް ކަމަށް ސުޕްރީމް ކޯޓުގެ ޙުކުމުގައި ވެއެވެ.

ސުޕްރީމް ކޯޓުން ވިދާޅުވީ އިލްހާމް މެންބަރު ކަމުން ވަކިވެފައިވާ ކަމަށް ނިންމާފައި އޮތީ އެންޓި ޑިފެކްޝަން ޤާނޫނުގެ ދަށުން ބަޔާންކޮށްފައިވާ ގޮނޑި ގެއްލޭނެ ހާލަތައް ވެސް ނުފެތެނީސް ކަމަށެވެ.

އިލްހާމްގެ އިތުރުން ސުޕްރީމް ކޯޓުން މިއަދު ވަނީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ މުހައްމަދު (އަބުޅޯ) އާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް ހުކުމްކޮށްފަ އެވެ. އަދި މި މަހުގެ ކުރީކޮޅު އިތުރު ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށްވެސް އެ ކޯޓުން ހުކުމް ކޮށްފައިވެއެވެ.

މިއަދު އަބްދުﷲ މުހައްމަދާއި ސިނާން އަދި އިލްހާމްގެ ގޮނޑި ނުގެއްލޭ ކަމަށް ޙުކުމް ކޮށްފައި ވާއިރު އިތުރު މެންބަރެއްގެ ގޮނޑި އާއި މެދު ވެސް މިއަދު ގޮތެއް ނިންމާނެއެވެ.

ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން ބާކީ ތިބި ހަތަރު މެމްބަރުންގެ މައްސަލާގެ އަޑުއެހުންތައް ވެސް ނިންމާލާފައިވާއިރު، އެ މައްސަލަތަކުގައި ހުކުމް ކުރާނެ ދުވަހެއް އަދި ތާވަލެއް ނުކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަލީމު

    ކަންނެލިއޮޑިވެސް ސަލާމަތްވެއްޖެ މިއޮތީވާ ރާއްޖެ އެއް

  2. މާމީ

    ވަކި ވަކިން ހަދިޔާ ނުދެއްވާ ހުރިހާ އެއްޗެއް އެއްކޮއް އަގު ކޮއްލީމަ ފަސޭހަވާނެ ކޮންމެ އެއްޗަކައް ވަކިއަގެއް.