ޒުވާނުންނާއީ، ސްކޫލް ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން، ޚާއްޞަކޮށް ހުވަދު އަތޮޅުގެ ޒުވާނުންނަށް ވަޒީފާއާއި މަތީ ތައުލީމުގެ ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ދިނުމަށް "ޖޮބް އެންޑް ކެރިއަރ ފެއަރ" އެއް ބާއްވަން ނިންމައިފިއެވެ.

މި ފެއަރއަކީ ތިނަދޫ ކައުންސިލާއި ގދ. އަތޮޅު ތައުލީމީ މަރުކަޒު ގުޅިގެން ބާއްވާ ފެއަރއެކެވެ. މިފެއަރ އޮންނާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު ގދ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ.

މި ފެއަރ އިންތިޒާމް ކުރާ ފަރާތްތަކުން ބުނިގޮތުގައި، މި ފެއަރ ބޭއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ ވަޒީފާ ނެތިފައި ތިބި ހުވަދު އަތޮޅުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތަކާއި މަތީ ތައުލީމުގެ ދާއިރާއިން ހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދީ، ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.

މިފެއަރގައި 15 ފަރާތަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ރިސޯޓުތަކާއި ކޮލެޖްތަކާއި ޤައުމީ ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތައް ހިމެނެއެވެ.

ޖޮބް ފެއަރ ބޭއްވުމުގެ ތައްޔާރީތައް ކުރިއަށްދާއިރު މައިގަނޑު ގޮތެއްގައި މިހާރު ކުރަމުންދަނީ ފެއަރ މާކެޓް ކުރުމުގެ މަސައްކަތެވެ. އެގޮތުން އަތޮޅުތެރޭގެ ސްކޫލުތަކާއި ކައުންސިލްތައް މެދުވެރިކޮށް ފެއަރގެ މައުލޫމާތު އަތޮޅުތެރެއަށް ފޯރުކޮށްދިނުމުގެ މަސައްކަތާއި މީސް މީޑިއާ މެދުވެރިކޮށް ފެއަރ ޕްރޮމޯޓް ކުރުމުގެ މަސައްކަތްތައް ދަނީކުރަމުންނެވެ.

"ޖޮބް އެންޑް ކެރިއަރ ފެއަރ" ނަމުގައި ބާއްވާ މިފެއަރއަކީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އެދުމުގެ މަތިން ކައުންސިލުން ޚަރަދުކޮށްގެން ބާއްވާ ފެއަރއެކެވެ. ފެއަރ އިންތިޒާމުކޮށް، ހިންގާ، ބަލަހައްޓާނީ ތައުލީމީ މަރުކަޒުންނެވެ.