ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާހުން ދެންމެ އިއްވި ޙުކުމުގައި ވިދާޅުވީ ސައުދުﷲ މެންބަރު ކަމުން ވަކިވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވީނަމަވެސް އޭނަ އަކީ މިދިޔަ އަހަރު ސުޕްރީމް ކޯޓުން ނެރުނު 17 ވަނަ އަމުރުގައި ބަޔާން ކޮށްފައިވާ ކަންކަމަށް ފެތޭ ބޭފުޅެއް ނޫން ކަމަށެވެ.

އެހެންކަމުން ސައުދުﷲ ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލް ކަމަށް ސުޕްރީމް ކޯޓުގެ ޙުކުމުގައި ވެއެވެ.

ސުޕްރީމް ކޯޓުން ވިދާޅުވީ ސައުދުﷲ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް ނިންމާފައި އޮތީ އެންޓި ޑިފެކްޝަން ޤާނޫނުގެ ދަށުން ބަޔާންކޮށްފައިވާ ގޮނޑި ގެއްލޭނެ ހާލަތައް ވެސް ނުފެތެނީސް ކަމަށެވެ.

ސައުދުﷲ ގެ އިތުރުން ސުޕްރީމް ކޯޓުން މިއަދު ވަނީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ މުހައްމަދު (އަބުޅޯ) އާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް ހުކުމްކޮށްފަ އެވެ. އަދި މި މަހުގެ ކުރީކޮޅު އިތުރު ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށްވެސް އެ ކޯޓުން ހުކުމް ކޮށްފައިވެއެވެ.

ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން ބާކީ ތިބި ހަތަރު މެމްބަރުންގެ މައްސަލާގެ އަޑުއެހުންތައް ވެސް ނިންމާލާފައިވާއިރު، އެ މައްސަލަތަކުގައި ހުކުމް ކުރާނެ ދުވަހެއް އަދި ތާވަލެއް ނުކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު