ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް ދީދީގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ކުރިއަށް ނުގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ދީދީގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައެވެ. އަބްދުﷲ ގާޒީ ހައްޔަރު ކުރި އިރު ދީދީ ހުންނެވީ ސިފައިންގެ މާލޭ އޭރިޔާގެ ކޮމާންޑަރަކަށެވެ.

އެ މައްސަލާގައި މީގެކުރިން ވެސް ދީދީގެ މައްޗަށް ދައުވާކުރި ނަމަވެސް އެ ދައުވާ ޕީޖީ އޮފީހުން ފަހުން ވަނީ އަނބުރާ ގެންގޮސްފައެވެ. ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި ޕީޖީ އޮފީހުން ވަނީ މި މައްސަލައިގައި ދީދީގެ މައްޗަށް އަލުން ދައުވާ ކުރުމަށް ނިންމާފައެވެ.

ދީދީގެ މައްޗަށް އުފުލި ދައުވާ ބާތިލު ކުރީ އެފަދަ މައްސަލަތަކުގައި ސުޕްރީމް ކޯޓާއި ހައި ކޯޓުން ކުރިން އަމަލުކޮށްފައިވާ ގޮތަށާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރިއާޔަތް ކުރުމަށްފަހުއެވެ.

މި މައްސަލައިގައި ދީދީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ވެސް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލިއެވެ. އެގޮތުން އެ މައްސަލަ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ރައީސް ނަޝީދުގެ މައްޗަށް ވަނީ އިއްވާފައެވެ.

މީގެއިތުރުން ހަމަ މި މައްސަލައިގައި ރައީސް ނަޝީދުގެ ސަރުކާރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި އަދި ކާނަލް ރިޓަޔާޑް މުހައްމަދު ޒިޔާދުގެ މައްޗަށްވެސް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޢަބްދުﷲ

  އިބޫގެ ވެރިކަމުގައި އެފުށް މިފުށަށް ނުޖެހި، ޔާމީނުގެ ވެރިކަމުގައި އެފުށް މިފުށަށް ޖެހުމަކީ، އިބޫއަށް ބަދުނާމުން ސަލާމަތްވުމަށް ލިބިދެވޭ ފުރުޞަތެކެވެ.

 2. އަބްދުއްލާ

  މިހާރު ޔަގީނަ ނަސީދާ ތަލްހަތު ޒިންމާ ނަގަންޖެހޭނެ ކަން.

 3. ސަބްނަމް

  އިބޫގެ ވެރިކަމުގައި ކުށްވެރިނނެއް ނުތިބެނެ، ކޯޓްތަކެއް ބޭނުމެއް ނުވަނެ، ބޯޓްތައް ވުވަލަންވީ،
  އެއްވެސްމީހެއްގެމައްޗަށް ޝަރީއްޢަތެއް ނުކިންގާނެ، ހެޔޮފުޅުކަން.